ނިދަން ކަމަށް ބުނެ، ރޭގެ ވަގުތެއްގައި ކުޑަ ކުއްޖަކަށް ފަރުވާދޭން އިންކާރު ކުރި ހއ. ހޯރަފުށީ ހެލްތު ސެންޓަރުގެ ޑޮކްޓަރު ވަޒީފާއިން ވަކި ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ހޯރަފުށީގައި ރޭ 10:30 ހާއިރު މީހަކު އޭނާގެ އެއް އަހަރުގެ ދަރިފުޅު ހުން ގަދަވެގެން ޑޮކްޓަރަށް ދައްކަން ދޮޅު ގަޑިއިރެއްހާއިރު ނަންބަރު ޖެހެންދެން މަޑުކުރުމަށް ފަހު ނަންބަރު ޖެހުމުން ޑޮކްޓަރު ރޫމަށް ވަނުމުން އެތަނުގައި އިން ޑޮކްޓަރު ވަނީ ނިދަން ކަމަށް ބުނެ އެކުއްޖާއަށް ފަރުވާ ދޭން އިންކާރުކޮށްފައެވެ. އެ ހާދިސާ ހިނގައިދިޔަ ގޮތް ކަންބޮޑުވުމާއެކު އެ ކުއްޖާގެ ބައްޕަ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
"މަރުކަޒު ހަވާލުވެ ހުރި ފަރާތުން އެދުމުންވެސް ކުރީ އިންކާރު. އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތް މީހަކަށް ބަލިމީހެއް ނުބެލޭނެ" ކުއްޖާގެ ބައްޕަ ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެއެވެ.
ކުއްޖާގެ ބައްޕަ ބުނެފައިވާ ގޮތުގައި ނަރުހުންގެ ރަނގަޅުކަމުން ފަރުވާދެވެން ފެށުނުއިރު ތިން ގަޑިއިރު ވެއްޖެ ކަމަށެވެ. "ވަން" އަށް އެނގިފައިވާ ގޮތުގައި އެކުއްޖާއަށް ހޯރަފުށީ ހެލްތު ސެންޓަރުގައި އެނދުމަތިކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.
އެކަމާ ގުޅިގެން ހޯރަފުށީ ސިއްހީ މަރުކަޒުގެ މެނޭޖަރު އިބްރާހިމް ރަޝީދު "ވަން" އަށް މިއަދު ވިދާޅުވީ، އެންމެ ފުރަތަމަ އެ ކުއްޖާއަށް ފަރުވާދޭން އިންކާރު ކުރިކަން އޭނާއަށް ރިޕޯޓު ކުރުމާއެކު އެ ޑޮކްޓަރަށް ގުޅާފައިވާ ކަމަށާއި ނަމަވެސް ޑޮކްޓަރު ފަރުވާ ދީފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަ ރޭގެ ވަގުތެއްގައި ހއ. އަތޮޅު ހޮސްޕިޓަލަށް ހިއްސާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
"ޑޮކްޓަރު ޓާމިނޭޓް ކުރުމުގެ މަސައްކަތްތައް މިހާރު މިކުރަނީ. އަތޮޅު ހޮސްޕިޓަލަށްވެސް މިހާރު އަންގާފައިވާނީ. އަޅުގަނޑުމެންގެ ނެތް ވިސްނުމެއް އޭނާ ދެން ވަޒީފާއަށް ނެރުމުގެ" ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ، މިހާރު އެ ރަށުގައި ހުރި ޑޮކްޓަރަކީ މީގެ ދެމަސް ކުރިން އެރަށަށް ގެނައި ނައިޖީރިއާގެ ޑޮކްޓަރެއް ކަމަށެވެ. ހޯރަފުށީ ހެލްތު ސެންޓަރުގައި ދެ ޑޮކްޓަރުން ތިބެއެވެ.
ރަޝީދު އިތުރަށް ވިދާޅުވީ، އެ ޑޮކްޓަރާ ބެހޭ ޝަކުވާތައް މީގެ ކުރިންވެސް ލިބިފައިވާ ކަމަށާއި ލިޔުމުންވެސް އޭނާއަށް ނަސޭހަތް ދީފައިވާ ކަމަށެވެ. ނަމަވެސް އެކަންކަން ތަކުރާރުވަމުންދާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު