ގާނޫނުގައި މަނާކަމަށް ކަނޑައަޅާފައިވާ ކެމިކަލް، ލައިސަންސަކާ ނުލައި، ލިބިގަތުމާއި ގެންގުޅުމާއި ބެހެއްޓުން އަދި އުފައްދާ ފަރާތްތައް 500،000 ރުފިޔާއިން ފެށިގެން 1،000،000 އާ ހަމައަށް ޖޫރިމަނާ ކުރެވޭގޮތަށް ހިމަނައި ކެމިކަލް ހަތިޔާރު މަނާ ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ.
މަނާ ކެމިކަލް ގެންގުޅޭ ފަރާތްތައް ބޮޑު އަދަދުތަކުން ޖޫރިމަނާ ކުރުމުގެ އިތުރުން، ފަސް އަހަރު ދުވަހާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމުގެ ބާރު ވެސް އެ ބިލުން ދީފައިވެއެވެ.
ބިލުގައި ބުނެފައި ވަނީ ކަމާބެހޭ ބައިނަލް އަގުވާމީ މުއާހަދާ ތަސްދީގު ކޮށްފައިވާ ގައުމުތަކުގެ އިހުތިސާސް ހިނގާ ސަރަހައްދުތަކުން ބޭރުގައި މަނާ ކެމިކަލެއް ގެންގުޅުމަކީ ކުށެއް ކަމަށެވެ. އަދި މި ބިލު ފާސްވެއްޖެނަމަ، ގާނޫނު ތަންފީޒު ކުރުމަށްޓަކައި 'ކެމިކަލް ވެޕަންސް ޔުނިޓް' ގެ ނަމުގައި ހާއްސަ ޔުނިޓެއް އުފައްދަން ޖެހޭ ކަމަށްވެސް ހުށަހަޅާފައިވެއެވެ.
ބިލުގައިވާގޮތުން ގާނޫނުގެ ދަށުން ދޫކުރަން ޖެހޭ ލައިސަންސާ ރެޖިސްޓްރޭޝަންތައް ދޫކުރާނީ އެ ޔުނިޓުންނެވެ. އަދި މުއާހަދާގެ ދަށުން ދިވެހި ދައުލަތުގެ މައްޗަށް ލާޒިމުވާ އެންމެހާ ވާޖިބުތައް އަދާކުރުމައެކު ބޭރުގެ ފަންނީ މާހިރުންނާއި ތަޖުރިބާކާރުންގެ ލަފާ އެ ޔުނިޓުން ހޯދަން ޖެހޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު