ޚަބަރު

މީޑިއާ ނެޓް އޮފީހަށް ވަދެ މާރާމާރީ ހިންގި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

މުހައްމަދު އިޝާން

މިދިޔަ ބުރާސްފަތި ދުވަހު އޯކިޑުމަގުގައި ހުންނަ މީޑިއާނެޓްގެ އޮފީހަށް ވަދެ މާރާމާރީ ހިންގި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އެ މާރާމާރީ ހިންގާފައިވަނީ މޫނު ނިވާކޮށްގެން ތިބި މީޑިއާނެޓް އޮފީހަށްވަދެއެވެ. އެމާރާމާރީގައި ހަމަލާދީފައިވަނީ އެތަނުގައި މަސައްކަތް ކުރާ މުވައްޒަފަކަށެވެ. މާރާމާރީގައި އޭނާގެ ބޮލަށް ވަނީ އަނިޔާ ލިބިފައެވެ.

ފުލުހުން މިއަދު ބުނީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ 22 އަހަރުގެ މީހަކާއި 19 އަހަރުގެ މީހެއް ކަމަށެވެ. އަދި އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމެއް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން 22 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށް، 19 އަހަރުގެ މީހާ ތަހުގީގު ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި 22 އަހަރުގެ މީހާއަކީ މާލެ، މ. ރޯޝަނީމަންޒިލް އަހުމަދު އަޝްވާންއެވެ.

ފުލުހުން އޭނާގެ މައްޗަށް ކުރަނީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކުށުގެ ތުހުމަތެވެ. އޭނާ ހައްޔަރުކުރި އިރު، ސިފަ ބަދަލުކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް އަޝްވާން ބުނެފައިވަނީ، ފުލުހުންގެ އޭނާގެ މައްޗަށްކުރާ ތުހުމަތަށް އިންކާރުކުރާ ކަމަށާއި އޭނާއަކީ ވަޒީފާ އަދާކުރަމުންދާ މީހެއް ކަމަށާއި އަދި ސިފަ ބަދަލުކުރުމަށް މަސައްކަތް ކޮށްފައިނުވާނެ ކަމަށެވެ.