(15 އޯގަސްޓުގެ އަދަދާ ގުޅޭ)

މި އާޔަތުގެ ތަފްސީރުގައި عــلاّمـــة إبـــن كــثيــــــر ލިޔުއްވައިފައިވެއެވެ. "އަނިޔާ ލިބިފައިވާ މީހުން އެ އަނިޔާއާ ރުހިގެން ހިމޭނުން ތިބުމަކީ ރަނގަޅުގޮތެއް ނޫނެވެ. اللّـــه އެގޮތަކާ ރުހިވޮޑިއެއް ނުގަންނަވައެވެ. މާތް اللّـــه ގެ އަޅުން އަނިޔާއާމެދު ހަނުހިމޭންވެ އަނިޔާއާއި ބޭއިންސާފުގެ ކުރިމަތީގައި އިސްއޮބައިލުމަކީ اللّـــه ރުހިވޮޑިގެންވާގޮތެއް ނޫނެވެ. މީސްތަކުން ވާންޖެހޭނީ ޣީރަތްތެރި ޙުމިއްޔަތުހުރި ބަޔަކު ކަމުގައެވެ. އަނިޔާތަކާމެދު ހަނުހިމޭންކަން އިޚްތިޔާރުކުރުން އާދަޔަކަށް ހެދުމަކީ އަނިޔާވެރިކަން ބޮޑުވެ އިތުރުވާނެކަމެކެވެ. އޭގެ ސަބަބުން ޤައުމުތައް ސުންނާފަތިވެ ހަލާކުވެގެން ހިނގައިދާނެއެވެ. އެހެންކަމުން އެކަށީގެންވީ ކޮންމެގޮތަކަށް އަނިޔާއާ ދެކޮޅުހަދައި އަނިޔާއާ މުޤާބަލާކުރާން ޖެހޭނެއެވެ. އަނިޔާއާމެދު ޝަކުވާކުރުމާއި ފަރިޔާދުކުރުމަކީ އެކަމާމެދު އިޙްތިޖާޖުކުރުމެވެ. އެކަމުގެ ހުއްދަ ދެއްވުމުގައި ޚާއްޞަ މަޞްލަޙަތެއް އެކުލެވިފައިވެއެވެ. އެހެނީ އިޙްތިޖާޖު ނުކޮށްފިކަމުގައިވާނަމަ އަނިޔާވެރިޔާއަށް އަނިޔާކުރާން އިތުރު ހިތްވަރު ލިބެއެވެ. އަނިޔާވެރިކަމުގެ ސިލްސިލާ އިތުރަށް ދިގުވެއެވެ."

2. "އަނިޔާ ލިބުމަށްފަހު ނަސުރު ލިބިގެންފިމީހާ (އެބަހީ އަނިޔާވެރިކަމާ ކުރިމަތިލައި ނަސުރު ލިބިގެންފި މީހާ ދަންނާށެވެ.) ފަހެ، އެއުރެންގެ މައްޗަކަށް ކުށްވެރިކުރުމުގެ އެއްވެސް މަގެއްނެތެވެ. އެކަމަކު ކުށްވެރިކުރުމުގެ މަގެއް އޮތްކަން ކަށަވަރީ މީސްތަކުންނަށް އަނިޔާވެރިވެ، އަދި ބިމުގައި ޙައްޤާނުލައި ބަޣާވަތްތެރިވެ ފަސާދަކުރާ މީހުންގެ މައްޗަށެވެ. އެއުރެންނަށް ވޭންދެނިވި ޢަޒާބު ހުއްޓެވެ." (الشّـــورى: 41، 42)

މި އާޔަތުގެ ތަފްސީރުގައި إمـــام طـبــــرى ލިޔުއްވައިފައިވެއެވެ. "އަނިޔާ ލިބިފައިވާ މީހާ އަނިޔާކުރާ ފަރާތާ މުޤާބަލާކޮށް ބަދަލުހިފުމަކީ މާތް اللّــه ގެ ޙަޟްރަތުން އިޒުނަ ލިބިފައިވާ ކަމެކެވެ."

3. "އަދި އެއުރެންނީ، އެއުރެންނަށް އަނިޔާވެރިވުމެއް އަންނަހިނދު ނަޞްރު ލިބިގަންނަ މީހުންނެވެ." (الشّـــورى: 39)

مـــولانــا سيّــد أبــوالأعـلــى مـــودودى، ތަފްހީމުލްޤުރްއާނުގައި މި އާޔަތުގެ ތަފްސީރުގައި ލިޔުއްވައިފައިވެއެވެ.

"އީމާންކަމުގެ އަހްލުވެރީންގެ ފުރިހަމަ ސިފަތަކުގެ ތެރެއިން އެއްސިފައަކީ އަނިޔާވެރީންނާއި ޖައްބާރުންގެ ކުރިމަތީގައި މަޑުފުށްކޮޅަކަށް ނުވުމެވެ. ބަލިބުރަކައިފައި ނުތިބުމެވެ. މުއުމިނުންގެ މަޑުމައިތިރިކަމާއި ޢަފޫކުރުމާއި ކަމަކަށްނަހަދައި ދޫކޮށްލުމުގެ އާދައަކީ ނިކަމެތިކަމާއި އާރެއްބާރެއް ނެތުމުގެ ނަންދެވޭ ކަމަކަށް ވެގެންނުވާނެއެވެ. މުއުމިނުންނަކީ ބުދުދީނުގެ ހާމުދުރުންނާއި ނަޞާރާ ރާހިބުން އުޅޭގޮތަށް މިސްކީނުންކަމުގައި ހެދިގެން ނާށިގަނޑު ހިފައިގެން އުޅޭންވާ ބައެއްނޫނެވެ. މުއުމިނުންގެ ނަފްސުގެ ޢިއްޒަތާއި ޝަރާފަތު ލާޒިމުކުރަނީ ގަދަކަން ލިބިގެންތިބެ ނިކަމެތީންގެ ކުށް މާފުކުރުމެވެ. ބަދަލުހިފުމުގެ ކުޅަދާނަކަން ލިބިގެންހުރެ ބަދަލުނުހިފައި ދޫކޮށްލުމެވެ. ތިމާގެ ބާރުގެ ދަށުގައިވާ ނިކަމެއްޗަކަށް ކުށެއްކުރެވޭހިނދު އެއީ މާބޮޑުކަމެއް ކަމުގައި ނެހެދުމެވެ. ނަމަވެސް ބާރުހުރި މީހަކު އެމީހެއްގެ އާރާއި ބާރާއި ގަދަބަދަވިކަމުގައި މުއުމިނަކާ ދިމާޔަށް އަތްއިސްކޮށްފިކަމުގައިވާނަމަ އެމީހަކާ ކުރިމަތިލުމެވެ. އެމީހަކު ބަލިކޮށް ނުކުޅައްދައިލުމެވެ. މުއުމިނަކު ފަހަރެއްގައިވެސް އަނިޔާވެރިޔަކުދެކެ ޖެހިލުމެއް ނުވާނެއެވެ. ބިރެއް ނުގަންނާނެއެވެ. ކިބުރުވެރިޔަކަށް ބޮލެއް ނުލަނބާނެއެވެ. އެބާވަތުގެ މީހުނަށްޓަކައި މުއުމިނުން ވާންޖެހޭނީ އެކަތައަށެވެ. އެކަތަ ހަފާން ދިމާކޮށްފިކަމުގައިވާނަމަ ނަތީޖާއަކަށްވާނީ އެމީހެއްގެ ދަތްޕިލާ މުގުރުމެވެ."

1. أبـــوهــــــريـــــرة رضــى اللّــه عـــنــــه ގެ އަރިހުން إمــــام تـــــرمـــذى ރިވާކުރެއްވި ޙަދީޘްފުޅެއްގައި (1317) ވެއެވެ. "ޙައްޤެއް ލިބޭންޖެހޭ މީހާއަށް ބުނުމާއި ވާހަކަދެއްކުމާއި އަޑުއުފުލުމާއި ޝަކުވާކުރުމާއި މުރާފަޢާކުރުމުގެ ޙައްޤު ލިބިގެންވެއެވެ."

2. ކައުސާހިބާ صلّـــى اللّــه علـيـه وسلّــم ގެ އަރިހުގައި ސުވާލު ދެންނެވުނެވެ. "އެންމެރަނގަޅު ޖިހާދަކީ ކޮބައިތޯއެވެ؟ ކައުސާހިބާ صلّـــى اللّــه علـيـه وسلّــم ޖަވާބު ދެއްވިއެވެ. އަނިޔާވެރި ރަސްކަލެއްގެ ކުރިމަތީގައި ޙައްޤު ބަހެއް ބުނުމެވެ." (ريــاض الـصّــالحــيـــن)

އަނިޔާވެރި ރަހެއްގެ ކުރިފުޅުމަތީގައި ޙައްޤު ބަހެއް ބުނެލާންކެރުމަކީ އެންމެ މަތިވެރި ޖިހާދުކަމުގައިވީ ކީއްވެގެންތޯއެވެ؟ މިކަމާބެހޭގޮތުން عــلاّمــــةخـطّــابــــى ވިދާޅުވެފައިވެއެވެ.

"އެންމެ މަތިވެރި ޖިހާދުކަމުގައި އެކަންތައްވުމުގެ ސަބަބަކީ އިސްލާމްދީނުގެ ދުޝްމިނުންނާ ދެކޮޅަށް ޖިހާދުކުރާ މީހަކަށް އުންމީދެއްވެސް އޮތުމެވެ. އޭނާ ހުންނަނީ އުންމީދާއި ބިރުވެރިކަމާ ދެމެދުގައި ދެފިކުރެއްގެ މަތީގައެވެ. އޭނާއަކަށް އޭނާ ވާނީ ފާތިޙަކަށްކަމެއް ނުވަތަ ޝަހީދަކަށްކަމެއް ޔަޤީންކޮށެއް ނޭނގެއެވެ. މިދެގޮތުންކުރެ ކޮންމެ ގޮތެއްގެވެސް އެކަށޭނަކަން އޮވެއެވެ. ނަމަވެސް އަނިޔާވެރި ރަސްކަލެއްގެ ކުރިފުޅުމަތީގައި ޙައްޤު ބަހެއްބުނެ ހެޔޮކަމަކަށް އަމުރުކުރާއިރު އެންމެބޮޑަށް އޮންނާނީ އެވެރިޔާގެ ޖައްބާރުކަމާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރެވެ. އެކަމުގެ އެކަށޭނަކަމެވެ. އެހެންކަމުން އަނިޔާވެރި ރަސްކަލެއްގެ ކުރިފުޅުމަތީގައި ޙައްޤުބަހެއް ބުނުމަކީ އެންމެ މާތްކަންބޮޑު ޖިހާދުކަމުގައިވީއެވެ."

3. އިތުރު ސާހިބާ صلّـــى اللّــه علـيـه وسلّــم ގެ އެހެން ބަސްފުޅެއްގައިވެއެވެ. "މީސްތަކުންނަށް އަނިޔާވެރިޔަކު ފެނުމުން އެ އަނިޔާވެރިޔާގެ އަތުގައި ނުހިފަހައްޓައިފިކަމުގައިވާނަމަ އެބައިމީހުންގެ މައްޗަށްވެސް މާތް اللّــه ގެ ކޯފާ އަތުވެދާނެއެވެ. މާނައަކީ މާތް اللّــه ގެ ކޯފާ އަންނަނީ ހުސްއެކަނި އަނިޔާވެރީންގެ މައްޗަކަށެއް ނޫނެވެ. އަނިޔާވެވޭއިރު އެކަން މަނާނުކޮށް ބަލަހައްޓައިގެންތިބޭ މީހުންގެ މައްޗަށާއި އަނިޔާވެރިކަމާމެދު ހިމޭންކަން ޚިޔާރުކުރާ މީހުންގެ މައްޗަށްވެސް އިލާހީކޯފާ އަތުވެދާނެއެވެ."

4. "މުންކަރާތެއް ފެނިއްޖެ މީހާ އެމީހެއްގެ އަތުން (އެމީހެއްގެ ބާރުން) އެކަން ނަހީކުރާހުށިކަމެވެ. އެކަމަށް ކުޅަދާނަވެގެންނުވި މީހާ އެމީހެއްގެ ދުލުން އެކަމާ ނުރުހުން ފާޅުކުރާހުށިކަމެވެ. އެމީހަކަށް އެކަމުގެ އެކަށޭނަކަންވެސް ލިބިގެންނުވާމީހާ އެކަމަކީ ނުބައިކަމެއްކަމުގައި އޭނާގެ ހިތުން ވިސްނާހުށިކަމެވެ. ފަހެ އެއީ އީމާންކަމުގެ އެންމެދަށު ދަރަޖައެވެ." (މުސްލިމު)

ދުލުން އެކަން ބަދަލުކުރުމުގެ މާނައަކީ އެކަމާދެކޮޅަށް އިޙްތިޖާޖުކުރުމެވެ. އިޙްތިޖާޖުކުރުމުގައި އެކުރެވޭކަމަކީ އެއްވުމެއްގެ ބައިވެރީން (މަދު ޢަދަދެއްގެ ނުވަތަ ގިނަ ޢަދަދެއްގެ ބަޔަކު) ކޮންމެވެސް ނުރަނގަޅުކަމެއް އިޞްލާޙުކުރުވާން އެދެމެވެ. އެކަމަށްއެދި އަޑުއުފުލުމެވެ. ދުނިޔެވަނީ އިޙްތިޖާޖުކުރުމުގެ ޙައްޤު ޤަބޫލުކޮށްފައެވެ. އިސްލާމްދީންވެސްވަނީ އިންސާނީ ޙައްޤެއްގެގޮތުން އެކަމުގެ އަމުރު ދީފައެވެ.

إمــــام نـــووى އިސްވެދިޔަ ޙަދީޘްފުޅު ނަޤުލުކުރެއްވުމަށްފަހުވަނީ إمـــام الحــــــرمـيــــن ގެ ބަސްފުޅެއް ނަކަލުކުރައްވައިފައެވެ.

"އޭރަކު ހުންނެވި ވެރިޔަކު އަނިޔާވެރިކަމަށް ތައްޔާރުވެވަޑައިގެން އަނިޔާވެރިކަމުގެ ސިފަ މާބޮޑަށް ފާޅުވާން ފެށުމުން ދުލުން އެކަން މަނާކުރާން މަސައްކަތްކުރުމުންވެސް އެކަން ހުއްޓައިނުލައްވައިފި ކަމުގައިވާނަމަ އެވެރިޔަކު ވެރިކަމުން ދުރުކުރުމުގެ މައްޗަށް އެކަތިގަނޑަކަށް ވެވަޑައިގެންނެވުމަކީ މުސްލިމުންގެ ގޮށްޖެއްސެވުމާއި މޮއްސެވުމުގެ ވެރީންގެ ޒިންމާއެކެވެ. ވެރިމީހާ ހަތިޔާރުގެ ބޭނުންކުރައްވައި ޢަސްކަރީ ފިޔަވަޅުތަކެއް އުޅުއްވިކަމުގައިވިޔަސްވެހެވެ." إمــــام نـــووى މި ޢިބާރާތް ނަކަލުކުރެއްވުމަށްފަހު އިތުރަށް ޞަރީޙުކުރައްވައިފައިވެއެވެ.

"މިއީ إمـــام الحــــــرمـيــــن ގެ ބަސްފުޅެވެ."

1. أبــوبكــر رضـى اللّــه عــنـــه ޒަކާތްދިނުމަށް އިންކާރުކުރި މީހުނާ ދެކޮޅަށް ޖިހާދުކުރެއްވިއެވެ. ޢާންމުން ޒަކާތްދިނުމާ ދެކޮޅުހަދައިފިކަމުގައިވާނަމަ އެމީހުނާ ދެކޮޅަށް ޖިހާދުކުރުން ލާޒިމުވެއެވެ. ކަންމިހެންހުރިއިރު ޚުދު ޙާކިމް ޝަރީޢަތުގެ ޙުކުމްތައް ތަންފީޒުކުރައްވަން އިންކާރުކުރައްވައި ޣައިރުއިސްލާމީ ޤާނޫނުތައް ހިންގަވާއިރު އެފަދަ ޙާކިމުންނަށް ތަންޤީދުކޮށް އިޙްތިޖާޖުގެ އަމާޒަކަށް ނަހަދާންވީ ކީއްވެގެންތޯއެވެ؟ އަނެއްކާ އެ އަމީރުންނަކީ أمـيـــــرالمــؤمــنــيـــن އިންނެއްވެސް ނޫނެވެ. ޖުމްހޫރިއްޔަތުގެ ދައުރުގައި އިޙްތިޖާޖުކުރާ ބަޔަކާ ދެކޮޅަށް ތަކުރާރުކޮށް ބާރުގެ ބޭނުންކޮށް އަނިޔާވެރިކަމުގެ އަމާޒުފަތްގަނޑުތަކަކަށް ހަދަމުންގެންދިޔަކަމުގައިވިޔަސް ބަދަލެއް ނުހިފޭނެތޯއެވެ؟

2. عــلـــى رضــى اللّــه عـــنــــه ގެ ބަސްފުޅެއް ޚަވާރިޖުންނާ ބެހޭގޮތުން މަޝްހޫރުވެފައިވެއެވެ. عــلـــى ގެފާނު ވިދާޅުވެފައިވެއެވެ. "ޚަވާރިޖުން ޢަދުލުވެރި އިމާމަކާ ހަނގުރާމަކުރާކަމުގައިވާނަމަ އެބައިމީހުންނާ ހަނގުރާމަކުރާށެވެ. އެކަމަކު އެބައިމީހުން އަނިޔާވެރި ވެރިޔަކާ ދެކޮޅަށް ތެދުވެ އެއުރެންގެ އަމާޒަކީ އަނިޔާވެރި ވެރިޔެއްކަމުގައި ހެދިކަމުގައިވިޔަސް އެއުރެންނާ ހަނގުރާމަ ނުކުރާށެވެ." عــلـــى رضــى اللّــه عـــنــــه ގެ މިބަސްފުޅުން އަނިޔާވެރި ވެރީންނާ ދެކޮޅަށް ހަނގުރާމަކުރުމުގެ މައްޗަށް ދަލީލު ލިބެއެވެ.

3. عــلاّمــــة إبـــن حـــــزم رحـمـه اللّــه ވިދާޅުވެފައިވެއެވެ. "އަނިޔާވެރި ވެރީންނާ ދެކޮޅަށް ބަޣާވާތް ނުކުރެވޭނެކަމުގައި ބުނެވޭ ބުނުމަކީ އުންމަތުގެ އިޖްމާޢެއް ނޫނެވެ. އެހެނީ ޞަޙާބީންގެ ނުހަނު މާތް ބޭބޭކަލުންނާއި، އެހައިމެ އަރައިތިއްބެވި ތާބިޢީނުން ވަނީ އަނިޔާވެރީންނާ ދެކޮޅަށް ނުކުމެވަޑައިގަންނަވަމުން ގެންދަވައިފައެވެ. إمــــام حسيـن އާއި عــبـــد اللّــه بـــن الـــزّبــيــــر (رضــى اللّــه عــنـــهــم) ގެ މަސައްކަތްޕުޅަކީ އެކަމުގެ ސާބިތު ހެތްކެވެ. حـســن الـبصـــرى رحــمـه اللّــه އާއި އަދި އެނޫންވެސް ބައެއް ތާބިޢީންވަނީ حجّـــاج އާ ދެކޮޅަށް ކަނޑި ހިއްޕަވައިގެން ނުކުމެވަޑައިގެންފައެވެ.

4. عــمـــــر رضــى اللّــه عــنـــه ގެ ޚިލާފަތުގައި އެކަލޭގެފާނު ޞަޙާބީންގެ އިޖްތިމާޢެއްގައި ސުވާލުކުރެއްވިއެވެ. "ތިޔަބޭކަލުންނަށް އަޅުގަނޑުގެ ކިބައިން "ގުދުކަމެއް" ފެނިވަޑައިގެންފިކަމުގައިވާނަމަ ހައްދަވާނީ ކިހިނަކުންތޯއެވެ؟ އެވަގުތު އެއްބޭކަލެއް ތެދުވެވަޑައިގެން ޖަވާބުދެއްވިއެވެ. "އަޅުގަނޑުމެންގެ ކަނޑިތަކުން ކަލޭގެފާނު ސީދާކޮށްފާނޫއެވެ." عــمـــــر ގެފާނު އެޖަވާބުގެ އަޑުއިވިވަޑައިގެންނެވުމުން ވަރަށް އުފާފުޅުކުރެއްވިއެވެ. ވިދާޅުވިއެވެ. "މާތް اللّــه އަށް ޙަމްދު ހުއްޓެވެ. އަޅުގަނޑުމެންގެ އުންމަތުގައި عــمـــــر ގެ ގުދުކަން ކަނޑީން ސީދާކޮށްލައްވާނެ ބޭކަލުން އެބަތިއްބެވިއެވެ."

عــلاّمــــة إبـــن حـــــزم ލިޔުއްވައިފައިވާ ފޮތްތަކުގެ ތެރެއިން އެއްފޮތަކީ، "الــفـصــل فــــى المــــــلـل والأهــــــواء والـنحـــل" މިފޮތެވެ. އެފޮތުގެ ހަތަރުވަނަ ޖިލްދުގައި ލިޔުއްވައިފައިވެއެވެ.

"ދައުލަތުގެ ވެރީން ޚިޔާނަތްތެރިވެވަޑައިގެން ކުށްތަކަށް އަރައިވަޑައިގަންނަވަމުން ގެންދަވާކަމުގައިވާނަމަ އެބޭފުޅުންނާ ދެކޮޅަށް ބަޣާވާތްކުރުމަކީ ވާޖިބެކެވެ. އެހެނީ އެފަދަ ވެރީންނަކީ މާތް اللّــه އާއި އެކަލާނގެ ރަސޫލާގެ ބާޣީންނެވެ. ބިންމަތީގައި ފަސާދަ އުފައްދަވާން މަސައްކަތްކުރައްވާ ބޭފުޅުންނެވެ. އެބޭފުޅުންނަކީ މުސްލިމުންގެ ޖާނާއި މާލަށް ގެއްލުންދެއްވާ ބޭފުޅުންނެވެ. ކުށެއްނެތް މަޢުޞޫމުން ޤަތުލުކުރައްވާކަށެއްވެސް އެބޭފުޅުން ފަސްޖެހިވަޑައެއް ނުގަންނަވައެވެ. އެބޭފުޅުންގެ މަޖަލާއި އަރާމާއި އުފާފުޅަށްޓަކައި ބައިތުލްމާލު މުދަލުން ފުރައިލެއްވުމުގެ ބޭނުންފުޅުގައި މުސްލިމުންގެ އަތުން ޖިޒީ ނަންގަވާކަށެއްވެސް ފަސްޖެހިވަޑައެއް ނުގަންނަވައެވެ. މުސްލިމުންގެ އަތުން ޖިޒީ އަތުލެއްވުމަށްޓަކައި ޔަހޫދީ ޢާމިލުން ޢައްޔަންކުރައްވައެވެ." عــلاّمــــة إبـــن حـــــزم އަދިވެސް ލިޔުއްވައިފައިވެއެވެ.

(ނުނިމޭ)