ހަތް އަހަރު ދުވަހު އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

އަމީން ރާއްޖެ ވަޑައިގެންފައިވަނީ ބެންކޮކް އެއާވޭސްގެ ފްލައިޓަކުން މިއަދު ހެނދުނު 11:45 ގައެވެ. އަމީންއަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާއި ޖޭޕީގެ ލީޑަޝިޕްގެ ބޭފުޅުންނެވެ.

އަމީން ރާއްޖެ ދޫކުރައްވާ ވަޑައިގަތީ 1 މެއި 2015 (މޭޑޭ)ގައި ބޭއްވި އެއްވުމަށްފަހު އެ ރޭ ހައްޔަރުކޮށް، މަސް ދުވަސް ވަންދެން ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށްފަހު ދޫކޮށްލުމުންނެވެ.

އަމީން ރާއްޖެ ވަޑައިގަތުމާ ގުޅިގެން ވީއައޭގައި ހުންނަވައި މީޑިޔާތަކަށް ދެއްވި، އިންޓަވިޔުއެއްގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ އަމީން ރާއްޖެ ވަޑައިގަތުމަކީ ޖޭޕީގެ މަސައްކަތްތަކަށް ލިބޭނެ ބާރެއް ކަމަށާއި އެއީ ޖޭޕީގެ މަސައްކަތްތަކަށް ލިބޭނެ ހިތްވަރެއް ކަމަށެވެ.

މޭޑޭ މުޒާހަރާ ލީޑުކުރެއްވީ، އަމީންގެ އިތުރުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އާއި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއެވެ.