ދައުލަތުގެ މާލިއްޔަތާބެހޭ ވަޒީރު، އިބްރާހިމް އަމީރު މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ކުރެއްވި ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުން ކުރި ހަރަދު މިލިއަނަކަށްވެސް ނާރާ ކަން ހާމަވެއްޖެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ވަން" ގެ ނޫސްވެރިން އެދިގެން ފިނޭންސް މިނިސްޓްރީން ވަނީ މިނިސްޓަރު އަމީރު މިދިޔަ ހަތަރު އަހަރުތެރޭ ކުރެއްވި ރަސްމީ ދަތުރުތަކަށް ހިނގި ހަރަދުގެ ތަފްސީލު ފޯރުކޮށްދީފައެވެ.

އެ މައުލޫމާތަށް ބަލާއިރު ފެބްރުއަރީ 2019 އިން ފެށިގެން މިއަހަރުގެ ޖޫންގެ ނިޔަލަށް އަމީރު ކުރެއްވީ 17 ރަސްމީ ދަތުރެވެ. އޭގެ ތެރޭގައި ޔޫރަޕްގެ ގައުމުތަކާއި އެމެރިކާ އަދި އަރަބި ގައުމުތަކުގެ އިތުރުން އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް ވަނީ ދަތުރުކުރައްވައިފައެވެ. މި ދަތުރުތަކަށް ދައުލަތުން ކުރި ހަރަދުގެ ޖުމުލަ އަގަކީ 922،808.06ރ އެވެ.

މިއީ ސަރުކާރުގެ ބައެއް މިނިސްޓަރުން އެމުއްދަތުގައި އެއަށްވުރެ މަދުން ކުރެއްވި ރަސްމީ ދަތުރުތަކަށް ކުރެއްވި ހަރަދުތަކަށްވުރެ މަދު އަދަދެކެވެ.

  • 2019 ވަނަ އަހަރު 525,131.67ރ
  • 2021 ވަނަ އަހަރު 197,305.92ރ
  • 2022 ޖޫން މަހުގެ ނިޔަލަށް 200,370.47ރ

އަމީރުގެ ދަތުރުތަކަށް ބަލާއިރު އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ 2019 ވަނަ އަހަރު އެމެރިކާގެ ވޮޝިންޓަނަށް ކުރެއްވި ދެ ދަތުރުތަކަށެވެ. އެގޮތުން އޮކްޓޯބަރު 2019ގައި ވޯލްޑް ބޭންކުގެ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ވޮޝިންޓަނަށް ކުރެއްވި ނުވަ ދުވަހުގެ ދަތުރަށް 198,122.16ރ ވަނީ ހަރަދު ވެފައެވެ. އަދި އެ އަހަރުގެ އޭޕްރީލް މަހު ވޯލްޑްބޭންކުގެ ސްޕްރިންގް މީޓިންގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި އަށް ދުވަހުގެ ދަތުރަށް 127،785.54ރ ވަނީ ހަރަދުވެފައެވެ.

މި ދަތުރުތަކުގައި އަމީރު ވަނި ރާއްޖެއާ ގުޅުންހުރި އެކި ފޯރަމްތަކުގައި ރާއްޖެ ތަމްސީލުކުރައްވައިފައެވެ. އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ ގިނަ ފަރާތްތަކާ ބައްދަލުކުރައްވައި އެކި އެކި ދާއިރާތަކުން ރާއްޖެއަށް އެޖަމިއްޔާތަކުގެ ފަންނީ އެހީތެރިކަން އިތުރުކުރުމަށް ވަނީ މަޝްވަރާކުރައްވައިފައެވެ. އޭގެ އިތުރުން އެމެރިކާ ސަރުކާރުގެ އިސް ފަރާތްތަކާ ބައްދަލުކުރައްވައި އެމެރިކާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ އެހީ އިތުރުކުރުމަށާއި ޑިވެލޮޕްމަންޓް ފައިނޭންސިން ޕޮލިސީގެ ގޮތުގައި 20 މިލިއަން އެމެރިކާ ޑޮލަރު ހަމަޖެއްސުމަށް ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.

އަމީރުގެ ދަތުރުތަކުގެ ތެރެއިން އެންމެ ކުޑަ ހަރަދެއް ހިނގީ 8ވަނަ އިކޮނޮމިކް ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް މާޗް 2019 ގައި އިންޑިއާގެ މުމްބާއީ އަށް ކުރެއްވި ދަތުރަށެވެ. ތިން ދުވަހުގެ އެދަތުރަށް ހަރަދުވީ އެންމެ 2،775.60ރ އެވެ.