ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް މުހައްމަދު ހަލީމް މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އަހަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުގައި އެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ސާޖަންޓް އެޓް އާމްސް މުހައްމަދު ހަލީމް މަގާމުން ވަކި ކުރަން މިއަދު ވޯޓަށް އައްސަވާނެ ކަމަށެވެ. އެއީ މަޖިލީހުގެ އާއްމު ކޮމެޓީން އެގޮތަށް ނިންމައި އެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ މައްސަލައެއް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން 2021 ވަނަ އަހަދުގެ ޖެނުއަރީ މަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް މުހައްމަދު ހަލީމް ހުންނަވަނީ މަގާމުގެ މަސްްއޫލިއްޔަތުން އެކަހެރިކޮށް ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި އެނގިފައެއް ނުވެއެވެ.
ހަލީމު ސަސްޕެންޑް ކުރި ދުވަސް ވަރަކީ، މަޖިލީހުގެ ރައީސާއި ނައިބު ރައީސް ރައްޔިތުންގެ މަޖިލީހުގައި އިންނަވާ އޮފީހުގައި ދައްކަވާ ވާހަކަތައް އަޑުއެހުމަށް "ބަގު" ކުރުމުގެ ބޭނުމުގައި އެކަމަށް ބޭނުންވާ އާލާތް ހަރުކުރަން އުޅުނު މައްސަލައެއް ފެންމަތިވި ދުވަސްވަރެކެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޭރު ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާން ބޭނުން ނުވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް އަށް އެ މައްސަލަ ހުށަހަޅައި އެކަން ބެލުމަށް އަންގާފައި ވާނެ ކަމަށްވެސް ނަޝީދު ވިދާޅުވެފައިވެއެވެ.
ނަމަވެސް ހަލީމް ސަސްޕެންޑް ކުރީ މި މައްސަލައާ ގުޅިގެން ކަމެއް އަދި ނޭނގެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު