ޚަބަރު

ވިލިމާލެއަށް ލެއްގި، ބްރިޖު ޕްލެޓްފޯމު ނެގުން ލަސްވާތީ، މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅައި ބަހުސް ކުރަނީ

އިބްރާހިމް ޒަކީ

ވިލިމާލެ ފަރަށް އެރި ތިލަމާލެ ބްރިޖުގެ ޕްލެޓްފޯމު ނެގުން ލަސްވާތީ، އާއި އެކަމުގެ ސަބަބުން އެ ސަރަހައްދަށް ވަމުންދާ ގެއްލުމާމެދު ކަން ބޮޑުވުން ފާޅުކޮށް، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅައި ބަހުސް ފަށައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ، ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު އުޝާމް އެވެ.

އުޝާމް ވިދާޅުވީ ވިލިމާލޭ ފަރުން ޕްލެޓްފޯމް ނަގަން މަސައްކަތްކުރަމުން ނުދާތީ އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ފަރަށް ލިބެމުންދާ ކަަމަށެވެ. އެފަދަ ކަންތައްތައް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި ބްރިޖް ޕްރޮޖެކްޓްގެ މަސައްކަތުގެ ފެންވަރު ސަރުކާރުން، ކައިރިން ބަލަން ޖެހޭ ކަަމަށް ވެސް ވިދާޅުވިއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތީ އެކަމާ ގުޅޭގޮތުން ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 19 މެމްބަރުންގެ ތެރެއިން 16 މެމްބަރަކު ވޯޓު ދެއްވައިގެންނެވެ. އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ވޯޓު ނުދެއްވައި ދެމެމްބަރަކު ވޯޓު ދެއްވިއެވެ.

ކުއްލި މައްސަލަައިގެ ބަހުސްގެ ފުރަތަމަ ފުރުސަތުގައި އުޝާމް ވިދާޅުވީ ޕްލެޓްފޯމް ފަރަށް އެރުމުން، އެ އުޅަނދު އެތަނުން ނަގަން އަވަސް މަސައްކަތްތަކެއް ކުރި ނަމަ އެކަން ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.

ބްރިޖްގެ މަޝްރޫއަކީ ވަރަށް ފައިސާހުރި މަޝްރޫއަކަށް ވިޔަސް، އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ދަނީ އެންމެ ރަނގަޅަށް ކަމަށް ގަބޫލުނުކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ. މޫސުން ރަނގަޅު ކަނޑު މަޑު ދުވަސްވަރެއްގައި ވިލިމާލެ ފަރަށް ޕްލެޓްފޯމް އެރުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.