މާލެ ސަރަހައްދުންނާއި އަތޮޅުތަކުން ފުލުހުން ޓޯކުރި އުޅަނދުތަކުގެ ތެރެއިން 1450 އުޅަނދެއް ނައްތާލައިފިއެވެ.

ފުލުހުން "ވަން" އަށް ދީފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިމަހުގެ ދެވަނަ ދުވަހާއި ހަމަޔަށް ޓޯކުރި އުޅަނދުތަކުގެ ތެރެއިން މިހާރު ޓޯޔާޑުގައި ހުރީ 3137 އުޅަނދެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ޓޯކޮށްފައި ވަނީ ސައިކަލެވެ. އެގޮތުން މާލެ ސަރަހައްދުން 1936 ސައިކަލެއް ޓޯކޮށްފައިވާއިރު އަތޮޅުތަކުން 295 ސައިކަލެއް ވަނީ ޓޯކޮށްފައެވެ.

ދެން އެންމެ ގިނައިން ޓޯކޮށްފައި ހުރީ ބައިސްކަލެވެ. އެގޮތުން މާލެއިން 591 ބައިސްކަލް ޓޯކޮށްފައިވާއިރު އަތޮޅުތަކުން ޓޯކޮށްފައި ވަނީ އެންމެ ބައިސްކަލެކެވެ.

މި މަހުގެ ދެވަނަ ދުވަހާއި ހަމަޔަށް ނައްތާލި އުޅަނދުތަކުގެ ތެރޭގައި އެންމެ ގިނައީ ސައިކަލެވެ. އެގޮތުން މާލެ ސަރަހައްދުން ޓޯކޮށްފައިހުރި 1284 ސައިކަލަކާއި އަތޮޅުތަކުން ޓޯކޮށްފައި ހުރި ތިން ސައިކަލެއް ވަނީ ނައްތާލައިފައެވެ. ދެން އެންމެ ގިނައިން ނައްތާލާފައިވަނީ ބައިސްކަލެވެ. އެގޮތުން މާލެ ސަރަހައްދުން ޓޯކޮށްފައިވާ 85 ބައިސްކަލެއް ވަނީ ނައްތާލައިފައެވެ.

ޓޯކުރާ އުޅަނދުތައް ގެއްލޭ މައްސަލަ އާއި އެ އުޅަނދުތަކުގެ ނަންބަރު ބޯޑު ބަދަލުކޮށްގެން އެހެން މީހުން ބޭނުން ކުރާ މައްސަލަތަކާއި އުޅަނދަށް ގެއްލުންދޭ ކަމުގެ ތުހުމަތުތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. ދާދި ފަހުންވެސް ވަނީ ޓޯޔާޑުގައި ހުރި ސައިކަލް ތަކަކަށް ގެއްލުންދޭ ކަމަށްބުނެ ވީޑިއޯއެއް އާންމުވެފައެވެ.

މި ވީޑިއޯއާ ގުޅިގެން ފުލުހުން ބުނީ އެއީ ނައްތާލާ ވެހިކަލްތަކެއް ކަމަށެވެ. އަދި ޓޯޔާޑުގައި ހުރި ވެހިކަލްތަކަށް ގެެއްލުން ދީފައި ނުވާނެ ކަމަށެވެ.