ބަައެއް މީހުންނަށް ވޯލްޑްކަޕް ހަގީގީ ވޯލްޑްކަޕަކަށްވަނީ މުނިފޫހިފިލުވުން ކަމަށް އެމީހުން ގަބޫލުކުރާ ހުރިހާ ބާވަތެއްގެ އައްޔާޝީ އަމަލުތައްވެސް ފަސޭހަކަމާއެކު ހިންގޭނޭ ގޮތަށް ކަންކަން އިންތިޒާމް ކުރެވިފައި ހުރިއްޔާއެވެ. އެކަހަލަ ކަންކަން ކުރުމަށް ފުރުސަތެއް ނެތީވިއްޔާ ނުވަތަ ފުރުސަތު ހަނިކުރެވިފައި އޮތިއްޔާ އެއީ ވޯލްޑްކަޕަކަށްވެސް ނުވެއެވެ. ދެން އޮންނަނީ މުބާރާތް ބާއްވާ ގައުމުގެ އަގުވައްޓައިލުމަށް އެކިކަހަލަ ކެމްޕޭނު ހިންގުމެވެ. އެކި ޖަމިއްޔާ ޖަމާއަތްތަކުގެ ބައިވެރިވުމާއެކު ފީފާއަށް ޕްރެޝަރުކޮށްގެން ގަވާއިދުތައް ބަދަލުކުރުމަށްވެސް މަސައްކަތްކުރެއެވެ. މިކަހަލަ ކެމްޕޭނެއް މިއަހަރުގެ ވޯލްޑްކަޕް ބާއްވާ ގަތަރާ ދެކޮޅަށްވެސް ދަނީ ހިންގަމުންނެވެ. ބޭނުންވަރަކަށް ރާ ބޮވޭނޭގޮތް ހަމަޖެހިފައި ނެތުމާއި ރަންޑީންނާއެކު މަގުމަތީގަޔާއި ޕާކުތަކުގައި ސަކަރާތްޖަހަން ފުރުސަތު ނެތިގެން އެކަމާ ރުޅިންނެވެ.
ރާބޮއެ މަސްތުވެގެން ތިބެ ދެ ޖިންސުގެ މީހުން ސްޓޭޑިއަމްތަކުގެ ތެރޭގަޔާއި އަދި އެތަންތަނުން ބޭރުގައި ދިމާހާމަޔަށް ތިބެގެން ބޭނުންހައި ގަނޑެއް ގަތުމާއި އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދިނުމުގެ ޝިއާރުތައް ފާޅުކުރުމާއި އެޒާތުގެ ކަންކަމަށް ބާރުއެޅުމުގެ ކުލަތަކުން ސްޓޭޑިއަމްތައް ދިއްލުމާއި މިހެންގޮސް އަދިވެސް އެތައް އެތައް ކަމަކަށް ބާރުއަޅައެވެ. ގަތަރަކީ އިސްލާމީ ގައުމެކެވެ. މިބީދައިން މިޒާތުގެ ކަންކަން ގަތަރުގެ ފަސްގަނޑުގައި ހިންގުމަށް ގަތަރުގެ އާދަކާދަތަކާއި އާއްމު ގާނޫނުތައް ހުއްދައެއް ނުކުރެއެވެ. ދޭސީއަކަސް ބިދޭސީއަކަސް ގާނޫނުތައް މުގުރާ ހަމަ ކޮންމެ މީހަކަށް އަދަބު ދިނުމަކީ ގަތަރުގެ އުސޫލެވެ. އެހެންވީމާ މިފަހަރުގެ ވޯލްޑްކަޕާއި ގަތަރުވެސް ބޯއިކޮޓް ކުރުމުގެ އަޑު ވަރަށް ގަދައެވެ. ވިއްސާރަދުނީގެ ކުލަތަކަށް ތަބާވެގެން އުޅޭ މީހުންގެ އަޑު ވަރަށް ގަދައެވެ.
މި މައްސަލައިގައި ގަތަރުގެ ބަސް ވަރަށް ސާފެވެ. ގަތަރަކީ އިސްލާމީ ގައުމެކެވެ. އުޅެވޭނޭގޮތާއި ނޫޅެވޭނޭގޮތް ގަތަރުގެ ގާނޫނުގައި ވަނީ ބަޔާންވެގެންނެވެ. އެކަންކަމުން ވަކި ދުވަސްވަރެއް އަދި ވަކި ބަޔަކު އިސްތިސްނާއެއް ނުކުރެވޭނެއެވެ. ވޯލްޑްކަޕޭ ކިޔާފައި ވަކި ދުވަސްވަރެއްގައި ގަތަރަކީ ދީނެއް، ސަގާފަތެއް ނޯންނަ ގައުމަކަށްވެސް ނުހެދޭނެއެވެ. ގަތަރުން މިހެން ބުނާތީ ތޯއްޗެކެވެ. އިންސާނީ ހައްގުތަކާއި ފަރުދީ މިނިވަންކަން ނިގުޅައިގަންނަ ގައުމެކޭ ކިޔައި ގަތަރު ބޯއިކޮޓް ކުރުމަށް ބައެއް މީހުން ގޮވަނީއެވެ. ކަމާއި ގުޅުން ނެތް ތުހުމަތުތަކާއި އިލްޒާމުތައްވެސް އަޅުވަނީއެވެ. އޭގެތެރޭގައި މީސްމީހުންނަށް އުޖޫރަނުދީ ވޯލްޑްކަޕުގެ ސްޓޭޑިއަމްތައް ބިނާކުރީޔޭ، އެތައް ބަޔަކު މަރުވީއޭ، ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ހައްގޭ ކިޔައިގެން އަގު ވައްޓައިލުމުގެ ކެމްޕޭނެއްވެސް ދަނީ ކުރިއަށެވެ.
މިޒާތުގެ ކެމްޕޭނަށް މިފަހަރުގެ ވޯލްޑްކަޕުގައި ކުޅޭ ބައެއް ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކާއި ބައެއް ކެޕްޓަނުންގެ ތާއީދުވެސް ލިބިފައިވެއެވެ. އިނގިރޭސި އެފްއޭ އާއި އިނގިރޭސި ކެޕްޓަން ހެރީ ކޭން ހިމެނެނީ މިބައިގެ ތެރޭގައެވެ. މިކަންކަން މިހެން ހުރީމާ ބައެއް ކަންކަމުގައި ހިސާބެއްގެ ލުޔެއްދޭން ގަތަރަށް މަޖުބޫރުވެފައިވެއެވެ. ފީފާއިންވެސް އާދޭސްކުރާ ވަރުންނެވެ. ވޯލްޑްކަޕް ފެށެން ތިންމަހަށްވުރެ ގާތްވެފައިވާއިރު ގަތަރުން މިހަފުތާ ތެރޭގައި ވަނީ ދޫދިނުމަށް ނިންމާފައިވާ ބައެއް ކަންކަން އިއުލާންކޮށްފައެވެ. އޭގެތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބަނގުރާ ވިއްކުމާއި އިސްތިއުމާލުކުރުމާއި ބެހޭ ކަންކަމެވެ. ދޫދިނުމުގެ މާނަޔަކީ އެއްވެސް ކޮންޓްރޯލެއް ނެތި މުޅިން ދޫކޮށްލުމެއް ނޫނެވެ. ދެންވެސް ވަރަށް ބޮޑަށް އޮންނާނީ ހިފެހެއްޓިފައެވެ.
ގަތަރުން ދިން ލުއިތަކުގެ ތެރޭގައި ސްޓޭޑިއަމްތަކުގެ ވީއައިޕީ ލައުންޖުތަކަށް ބިޔަރާއި ވައިނާއި ޝެމްޕޭން ވެއްދުމުގެ ހުއްދަ ދިނުން ހިމެނެއެވެ. މިއީ ފީފާއިން ވަރަށް ބޮޑަށް ބާރުއަޅަމުން އައި ކަމެކެވެ. ސްޓޭޑިއަމަށްވަދެ މެޗު ބަލަންތިބޭއިރު ކަރުތެންމައިނުލެވެންޏާ އުފަލެއްނެތޭ ބުނަމުންނެވެ. ވީއައިޕީންނަށް ދުލެއް ދިނަސް ދެންވެސް ސްޓޭޑިއަމްގެ ތެރޭގައި އާއްމުކޮށް ބަނގުރަލެއް ނުވިއްކާނެއެވެ. އިސްތިއުމާލެއްވެސް ނުކުރެވޭނެއެވެ. އެޒާތުގެ ތަކެތި ގަންނާން ލިބޭނީ ވަކި ވަގުތުތަކެއްގައި އެކަމަށް ޚާއްސަ ސަރަހައްދުތަކަކުންނެވެ. ރޭގަނޑު އެކެއް ޖެހުމަށްފަހު އެޒާތުގެ އެއްޗެއްވެސް ނުލިބޭނެއެވެ. ގަތަރަށް އެތެރެވާއިރުވެސް ބަނގުރަލުގެ އެއްވެސް ބާވަތެއް ނުގެނެވޭނެއެވެ. މިވަރުންވެސް ފީފާގެ ވެރިން އަދި މުޅިޔަކުން ހިތްހަމައެއް ނުޖެހެއެވެ. އަދިވެސް ގެންދަނީ މަޝްވަރާ ކުރަމުންނެވެ.
ފޭން ޒޯނުތަކުން ވަކި ގަޑިތަކެއްގައި ބަނގުރާ ލިބުނަސް އެލިބޭ އެއްޗެއް އާދައިގެ މީހުންގެ ޖީބަށް ނުކަތާވަރު ކުރުމަށް ގަތަރުން ވަނީ ނިންމައިފައެވެ. އެންމެ އާދައިގެ ބިޔަރު ދަޅެއްވެސް ދިހަ ޑޮލަރަށްވުރެ ކުޑަ އަގެއްގައި ނުލިބޭނެއެވެ. އެހެންވީމާ މަސްތުވެގަންނަން ބޭނުން މީހާއަށްވެސް ސުމާރެއްނެތި ގަންނަން ފަސޭހައެއް ނުވާނެއެވެ. ސްޓޭޑިއަމްތަކަށް ބަނގުރާ ވެއްދޭތޯ ފީފާއިން ބާރުއަޅާ ސަބަބަކީ ގަތަރުން ނޫނެކޭ ބުނާތީ ކަމަށްވެސް ވެދާނެއެވެ. މީގެ ކުރިން ވޯލްޑްކަޕް ބޭއްވިފައިވާ ބައެއް ގައުމުތަކުންވެސް ސްޓޭޑިއަމްތަކުގައި ބަނގުރާ ވިއްކުމާއި އިސްތިއުމާލުކުރުން މަނާކުރިއެވެ. އެކަން އެގޮތަށް ތަންފީޒުވެސް ކުރިއެވެ. ރަލަކީ ހަމަނުޖެހުމަށް މަގުފަހިކުރާ އެއްޗަކަށްވާތީއެވެ. އެކަމަކު އެއިން އެއްވެސް ގައުމަކަށް ފީފާގެ ފަރާތުން މިހާބޮޑު ޕްރެޝަރެއް ކުރިމަތިކޮށްފައެއް ނުވެއެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022