އދ.ގެ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން، އެފްއޭައޯގެ ތަފާސްހިސާބުތައް ބުނާގޮތުން ދުނިޔޭގައި އަހަރަކު އުފައްދަނީ ގާތްގަޑަކަށް 87.2 މިލިޔަން ޓަނުގެ އާފަލެވެ. އޭގެ ތެރެއިން އެންމެ ގިނައިން އާފަލު އުފައްދާ ގައުމަކީ ޗައިނާއެވެ. އެގައުމުން އަހަރަކު ގާތްގަޑަކަށް 42.4 މިލިޔަން ޓަނުގެ އާފަލު އުފައްދައެވެ.

އާފަލުގެ ދުނިޔޭގައި ޗައިނާއާ ގާތްކުރެވޭ ގައުމެއްވެސް ނެތެވެ. ލިސްޓުގެ ދެވަނައިގައި އޮތް އެމެރިކާއަށް އުފެއްދެނީ އަހަރަކު ފަސް މިލިޔަން ޓަނުގެ އާފަލެވެ. ޗައިނާއާއި އެމެރިކާގެ އުފެއްދުންތައް ޖުމްލަކޮށްލީމާ އެއީ މުޅި ދުނިޔޭގެ އުފެއްދުމުގެ ދެބައިކުޅަ އެއްބަޔަށްވުރެ ވެސް އިތުރު މިންވަރެކެވެ. ލިސްޓުގެ ތިންވަނަ ލިބެނީ އަހަރަކު ގާތްގަޑަކަށް 3.6 މިލިޔަން ޓަނުގެ އާފަލު އުފައްދާ ތުރުކީވިލާތަށެވެ.

އިންޑިޔާ އާއި އިޓަލީ އަދި އީރާނު އުޅެނީ ދާދި އެއްވަރެއްގައެވެ. މިއިން ކޮންމެ ބަޔަކަށްވެސް އުފެއްދެނީ އަހަރަކު ގާތްގަޑަކަށް 2.3 މިލިޔަން ޓަނެވެ. އެއް މިލިޔަން ޓަނުގެ ބްރެކެޓްގެ ތެރޭގައި ހަ ގައުމެއް ހިމެނެއެވެ. އެއީ ރަޝިޔާ، ޔުކްރޭން، އުޒްބެކިސްތާނު، ފްރާންސް، ޗިލީ އަދި ބްރެޒިލްއެވެ.

ދެކުނު އޭޝިޔާ ނުވަތަ ސާކް ސަރަހައްދުން އިންޑިޔާ ނަގައިފައި ދެން އެންމެ ގިނަ އާފަލު ނެރޭ ގައުމަކީ ޕާކިސްތާނެވެ. އެގައުމުގެ މިންވަރަކީ އަހަރަކު ގާތްގަޑަކަށް ބައިމިލިޔަން ޓަނެވެ. އަލްޖީރިޔާ އާއި މިސްރާއި މޮރޮކޯއިންވެސް ޕާކިސްތާނަށްވުރެ ގިނައިން އާފަލު އުފައްދައެވެ. މެދުއިރުމައްޗަކީ އާފަލުގެ ސަރަހައްދެކެވެ. އެގޮތުން ލުބުނާނާއި ސީރިޔާއާއި ޖޯޑަންއާއި އިޒްރޭލާއި ފަލަސްތީނުގެ ސަރަހައްދުތަކުންވެސް ދުނިޔޭގެ ބާޒާރަށް ގިނައަދަދެއްގެ އާފަލު ނެރެއެވެ.