އެމްޑީޕީގެ ކޮންގްރެސްއަށް އެމްޑީޕީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ހުށަހެޅުއްވި ބަރުލަމާނީ ގަރާރަށް ކޮންގްރެސްގައި ވޯޓު ނެގިނަމަ ބޮޑުތަނުން ފެއިލްވީސްކަމަށް އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސް، ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ސޯޝަލް ސެންޓަރުންގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ބޭއްވި އެމްޑީޕީ ކޮންގްރެސްގެ އިއްޔެގެ ޖަލްސާގެ ތެރެއިން "ވަން" އަށް ދެއްވި އިންޓަވިއެއްގައި ރޮޒެއިނާ ވިދާޅުވީ، ބަރުލަމާނީ ނިޒާމު ރާއްޖޭގައި އޮތުމަށް ފެންނަ ނުފެންނަކަމަށް ވޯޓެއް ނުނަގައިފިނަ އެމްޑީޕީއަށް 47،000 ވޯޓު ގެއްލޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިޔަސް އެ ވާހަކަފުޅު ގަބޫލުނުކުރައްވާ ކަމަށާއި އެމްޑީޕީއަށް ވޯޓު ގެއްލޭނީ ބަރުލަމާނީ ވޯޓު ނަގައިފިނަމަ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ހަގީގަތުގަ މި ވޯޓަށް ރިޔާސީ ވޯޓުގެ ކުރިން ގޮސްފިއްޔާ އަޅުގަނޑުމެންނަށް ވޯޓު ގެއްލޭނެކަމަށް. މިހާރު އެ ނިމުނީ ރަނގަޅަށް، އެއީ 62،000 ކުރީގަ ބަރުލަމާނީގަ ލިބިފަ މިމިއޮތީ، ދެން ގާތްގަނޑަކަށް 125،000 ވޯޓުން ފާސްކުރަންޏާ ބޭނުންވާނެ އެމްޑީޕީގެ ގިނަ މެންބަރުން ވެސް ނޭދޭ ބަރުލަމާނީއަކަށް އެހެންކަމަށް ވަންޏާމުން 125،000 ވޯޓު ކޮންތާކުންތޯ ހޯދާނީ، ޔަގީނުން ވެސް މި ބަލިވާނެ ފައިޓެއް، ރިޔާސީ އިންތިހާބެއްގެ ކުރިން ނަގައިގެން ދިޔުމަކީ ހަމަ ބުއްދިވެރިކަމެއް ނޫންކަމަށް އެމްޑީޕީ މެންބަރުން ދެކެނީ. މިއަދު އެ ވޯޓު ނެގިނަމަ ހަމަ ބޮޑުތަނުން ފެއިލްވެގެން ދިޔައީސް" ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ، ކޮންގްރެސްގެ ބައިވެރިންގެ ތެރެއިން 90 ޕަސަންޓު މީހުން އެ ގަރާރަށް ތާއިދުކުރައްވާކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އެހެންކަމުން ކޮންގްރެސްގެ ބައިވެރިންގެ ހިޔާލު ތަފާތުވުން އޮތް މައްސަލައެއްގައި، ކޮންގްރެސްގެ ބައިވެރިންގެ ހިޔާލާ އެއްގޮތަށް ބަރުލަމާނީ ގަރާރު އަނބުރާ ގެންދިޔުމުން އެއީ ނަޝީދު ކުރެއްވި ރަނގަޅު ކަމެއްކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް އެކުގައި މަސައްކަތްކުރައްވަން ނަޝީދު ނިންމެވުމަކީ ރަނގަޅު ނިންމެވުމަށް ކަމަށެވެ.

ބަރުލަމާނީ ގަރާރު އަނބުރާ ގެންދެވުމަށް ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ގަރާރު ހުށަހެޅުއްވުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާކުރައްވާފައިވާ ކަމަށާއި އަދި އެ މަޝްރާގައި ނިންމަވާފައިވަނީ ބަރުލަމާނީ ނިޒާމުގެ މަޝްވަރާތައް އަދި އިތުރަށް ކުރިޔަށް ގެންދިއުމަށް ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު ދެކޭގޮތުގަ މިހާރު މި ގަރާރު މިތަނުގައި މިއޮތް ގޮތަށް އިހަށް ބާއްވައި އަޅުގަނޑުމެން މިއާ ދޭތެރޭގައި ބަހުސް ނުކޮށް އަދި ރައީސުލްޖުމްހޫރިއްޔާ އާއި އަދި ތި ހުރިހާ ބޭފުޅުންނާއެކު މަޝްވަރާކޮށްގެން އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެން އެންމަނަށް ރަނގަޅު ގޮތެއް، އެންމަނަށް ގަބޫލުވޭ ގޮތެއް އިރާދަކުރެއްވިއްޔާ ފެނިގެންދާނެ،" ނަޝީދު ވިދާޅުވިއެވެ.

އެކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ނުދެއްވައި ނަޝީދު ވަނީ ވާހަކަފުޅު ނިންމާލައްވައިފައެވެ.

ބަރުލަމާނީ ގަރާރު ރައީސް ނަޝީދު އަނބުރާ ގެންދެވިއިރު ކޮންގްރެސްގެ ބައްދަލުވުމުގެ ތެރެއިން އިއްޔެ ނަޝީދު ވަނީ ރައީސް ސޯލިހުއާ ބައްދަލުކުރައްވައި ބަރުލަމާނީގެ މަޝްވަރާ ކުރައްވައިފައެވެ.