ވާހަކަ

ފިނި މެންދަމަކުން 10

5

އޭނާގެ ކުރިމަތީގައި އެއިނީ ހިންދާމުއަސްމާގެ މިހާރުގެ ސިފައާއި ވައްޓަފާޅި ކަމަށް ވެދާނެއެވެ. އެހެންވިޔަސް ހެވެވެ. ޝައިތާނާއަށް އޭނާ ބޮލެއް ނުލަނބާނެއެވެ. ދެކޮޅަށް ކޮންމެ ކަމެއް ކުރަން ޖެހުނަސް ހިތްވަރުކޮށްފައި އެކަމެއް އޭނާ ކުރާނެއެވެ. އެ ޝައިތާނާ ވަނީ އޭނާގެ އަތުން އޭނާގެ އެންމެ ލޯބިވާ މީހުން އޭނާއާ ވަކިކުރުވައިފައެވެ. އިތުރަށް މި ޝައިތާނާއަށް އޭނާ ކުރިއެރުމެއް ނުދޭނެއެވެ.

ހިންދާމުގެ މަރަކީ ދުނިޔޭގެ އެންމެންގެ ނަޒަރުގައި ހަމަ އާދައިގެ އިންސާނެއްގެ މަރެކެވެ. އެހެންނަމަވެސް އެ މަރުގެ ކުރިން ހިނގައިދިޔަ އެތައް ކަމަކާއި އެހިސާބަށް ހިންދާމު ދާން ޖެހުނު ގޮތް އެނގޭ މީހަކަށް އެއީ ހަމަ އާދައިގެ ކަމެއް ނޫންކަން އެނގޭނެއެވެ. މިގޮތަށް ފަޒީލުގެ ކުރިމަތީގައި ހިންދާމު ހުރިތަން ފަޒީލަށް ފެނުނަސް އެހެން މީހަކަށް ނުފެންނާނެއެވެ. އެކަން ފަޒީލަށް އެނގެއެވެ. އޭނާ އެ މަހުލޫގާ ކުރިމަތިލީ ފަހަރެއްގައިވެސް މިފަދަ ކަމެއް ދިމާވެދާނެ ކަމަކަށް ނޫނެވެ. މިއީ އޭނާ ކުޑަކޮށްވެސް ހިތަށްވެސް އަރާފައި ނެތް ކަންތައްގަނޑެކެވެ.

ބާލީހުގެ އުރައިގައި ފަޒީލުގެ އަތް ޖެހުނުކަން އެނގުމާއެކު އަތަށް އަވަސް ހަރަކާތެއް ގެނައެވެ. ކުރިމަތީގައި ހުރި ހިންދާމު ތެޅިގަތް ތަން ކިތަންމެހާވެސް ރީއްޗަށް ފަޒީލަށް ފެނުނެވެ. އަދި ދެން ކުއްލިއަކަށް އާވިގަނޑެއް އަރައިގަތް ކަހަލައެވެ. ފަޒީލުގެ ދެލޮލަށް ކުޅަދާނަ ނުވެގެން އެސްފިޔަތައް ލައްޕާލަން މަޖުބޫރުވެއްޖެއެވެ. އަދި ދެން ބާރު އަޑެއް ކިޔާފައި ތޭރިތަކުގައި އެއްޗެއް ކޭއްތިގެން ދިޔަކަހަލަ އަޑެއްވެސް ކިޔައިފިއެވެ.

ފަޒީލުގެ ސިކުނޑީގައި އެތައް ތަސްވީރުތަކެއް އެނބުރެން ފެށިއެވެ. މިއަދު އޭނާ މިތަނުގައި މިހެން އިންނަން ޖެހޭތީ ހިތާމައެއް ނުކުރެއެވެ. އޭނާ ދެރަވަނީ ހަމައެކަނި ނުހައްގު ބަދުނާމެއް ވުމުން އެކަމާއެވެ. ޖަލުގައި އޮންނަން ޖެހުމުން އޭނާ ވާދެރައާއި ހިތަށް ކުރާ އެހެން އެއްވެސް އަސަރެއް ނެތެވެ. އޭނާއަށް މިއަށްވުރެ މިނިވަން ދުނިޔޭގައި އޮތް ހާސްކަމާއި ނުތަނަވަސްކަން މާބޮޑެވެ. އަޅުވެތިކަމުގެ އެދުނިޔޭގައި އެންމެހާ ލޯތަކަށް ވަންހަނާވެފައިވާ ހުތުރުކަންބޮޑު ފާފަތަކާއި ކުފުރުވުން ތަހައްމަލު ކޮށްގެން އެމީހުންގެ ނިވައިފަތަކަށް ވެގެން މުޅި އުމުރަށް ހުންނާކަށް ފަޒީލު ބޭނުމެއް ނޫނެވެ.

ހިތާހިތުން އަމިއްލަ ނަފުސާ ވާހަކަ ދައްކަމުން މާހީ އެމަހުލޫގާ ދިމާއަށް އަނެއްކާވެސް ބަލައިލިއެވެ. މިފަހަރު އޭތީގެ ފުން ދެލޮލާއި މާހީއާ ހަތަރުކަޅި ހަމަވެއްޖެއެވެ. މާހީއަށް ހީވީ ކޮންމެވެސް ނޭނގޭ ފުން ކަނޑަކަށް ގެބިގަތްހެނެވެ. ބޯތަޅުވަންވެސް އުޅުނެވެ. އެކަމަކު ކާމިޔާބެއް ނުވިއެވެ. އޭތީގެ ލޮލުގެ ތެރެއިން މާހީ ދަމައިގަތީ ކަހަލައެވެ. މާހީގެ ގަދަމުށިކުލައިގެ ބޮޑުދެލޮލުގެ ކަޅީގެ ތެރެއިން ލާފައި އޭނާގެ އެތެރެހަށްޓަށް ފިނިކަމެއް ވަދެގެން ދިޔަހެންވެސް ހީވިއެވެ. މާހީ ގޮވައިގެން ކޮންމެވެސް ތަނަކަށް ދާން އުދުހިގަތީ ކަހަލައެވެ. ހުރިތަނުގައި ހުރިނަމަވެސް މާހީގެ ރޫހު އެހެންތަނަކަށް ދަތުރެއް ފެށިކަހަލައެވެ.

ނުދަންނަ މާހައުލަކަށެވެ. ބީރައްޓެހި ހިސާބަކަށެވެ. އެހެންނަމަވެސް މާހީ ބޭނުންވާ އެތައް ބައިވަރު ސުވާލުތަކެއްގެ ޖަވާބު ހޯދައިދޭނެ ފަރާތެއްގެ ކުރިމައްޗަށެވެ. އެއީ ހަމަ އެތަނެވެ. އެހުރިހާ ކަމެއްގެ ފެށުން އޮތް ތަނެވެ.

މާހީގެ ކުރިމަތީގައި އޮޅެމުން ނިއުޅެމުން ދިޔައީ އެތައް ދިރިއުޅުމެއްގެ ސިއްރުން ފުރިފައިވާ ހަގީގަތްތަކެވެ. ހިންދާމުއަސްމާގެ ފޮރުވިފައިވާ އަސްލެވެ. ފަރުދާގެ ފުރަގަހުގައި ހިނގާ ގޮސްފައިވާ އަދި މިހާރުވެސް ހިނގަމުންދާ އެތައް ކަމެކެވެ. ފަޒީލާއި ހިންދާމުއަސްމާގެ ހަގީގީ ގުޅުމުގެ ފެށުމާއި އެގުޅުން ފަޒީލު ޖަލުގެ ތޭރިތަކުގެ ފުރަގަހަށް ގެނެސް ހުރަގޭގެ ގައިދީއަކަށް ހަދާލި ގޮތް މާހީގެ ލޯ ކުރިމަތީ ފިލްމެއްގެ މަންޒަރުތަކެއް ފަދައިން ހާމަވަމުންދިޔައެވެ.

********** ********** **********

(ސާޅީސް އަހަރު ކުރިން 1980އިގެ އަހަރުތަކުގެ ތެރެއިން)

"ދަރިފުޅު ވިހެއުމުގެ ހުރިހާ ކަމެއްހެން ތައްޔާރުކުރީދޯ...؟"

ގޭގެ މެދުގޭތެރެއަށް ބޯދިއްކޮށްލީ ދުފާރަތްކޮށްލައިގެން، ބޯވަޅު އެޅި ލިބާހެއްގައި ހުރި ދެވަން ފުރައިގެ އަންހެނެކެވެ. ކަންފަތްމައްޗަށް ޖަހާފައިވާ ހުޅީގައި ހުވަނދުމަލުން ގަތާފައިވާ މާގަނޑެއް އޮޅާލާފައި ހުރިއިރު ލޮލުގެ ކޫރުދަމާ އަނދުންއަޅާފަ ހުއްޓެވެ. މެދުގޭތެރޭގެ ދޮރުގައި ދަމާފައި ހުރި ފޮތިގަނޑުން އަތްދޫކޮށްލާފައި އެތެރެއަށް ވަދެ، އަނދަރާދަގޮޑިއެއްގައި އިށީންނަމުން އަންހެން މީހާ ފުންނޭވާއެއް ލިއެވެ. އަދި އޭނާ ލައިގެން އިން ހެދުމުގެ ފަސްބައިގަ ފޮރުވައިގެން އޭނާ ގެނައި ބޮޑިވަރު ނަގާ އޭގައި މޫނު ޖައްސާލިއެވެ. ހީވާ ގޮތުން އެއީ އޭނާއަށް ވަރަށް ހާއްސަ އެއްޗެކެވެ.

މިއީ އަތޮޅަށް މަޝްހޫރު 'ހައްވާގެ ތެލިފޯނު'ގެ ނަމުން ލަގަބުދެވިފައިވާ ހައްވާމަނުކާނުންގެ އަންވަރީއެވެ. އެގޭ އޮޅިގަނޑުން މިގޭ އޮޅިގަނޑުން، އެގޭ ބަދިގޭ ދޮށުން އަނެއްގޭ އަސްކަނިދޮށުން، ވާހަކަ އުފުލުމާއި ވާހަކަ ވިހެއުުމުގައި މާހިރުންގެ މާހިރެވެ. އެއަވަށުގެ މިސްކިތުވަޅުދޮށުން އަނެއް އަވަށުގެ ބޮޑުޖޯލިފަތިން، މިއަވަށުގެ ފިނިއަށިން، ރަށުގެ އެބަނދަރާއި މިބަނދަރުން ހަބަރު އުފުލުގައި ހަމަ އެންމެ ސާބިތުމީހާއެވެ. އަދި އެންމެ ތާޒާ ސާފު ހަބަރު ރަށުތެރެއާާއި އަތޮޅު ތެރެއިންވެސް ލިބޭނީ މީނާގެ ފަރާތުންނެވެ.

މިހުރިހާ ނޭއްގާނީ ސިފަތަކާއެކުވެސް މީނާގެ ހާއްސަކަމެއް އޮވެއެވެ. މީނާގެ އަތުގައި ނޫނީ މުޅި ރަށުގައިވެސް ތަދުުބަނޑުބޭހެއް ނުހުރެއެވެ. ހައްވާމަނުކާނުގެ ފޫޅޫމައިކަމުން ވާރުތަވީ ބޭކެނބިކަމުގެ ހުނަރާއެކު ބޭސް ހެދުމުގައި އަމިއްލަ ހަޒާނާގައި ތަކެތި އޮތުމުން މީނާ ހުންނަނީ ކުރީގައެވެ. ރަށުގެ އެއްވެސް މީހަކަށް ނުލިބޭ ތަދުބަނޑުބޭސް މީނާގެ އަތުގައި އަބަދުވެސް ހުސްނުވާވަރަށް އޮވެއެވެ. އެތަކެތި މީނައަށް ލިބޭ ގޮތެއް ދަންނަ އެނގޭ އެކަކުވެސް ނުހުރެއެވެ.

"މިފަހަރު ވިހާ ދަރިފުޅަކީ އަހަރެމެންގެ މިހާާންދާނުގެ ނަން އަލި ކުރާނެ ވަރުގެ ގަދަފަދަ ކުއްޖަކަށް ވާން ޖެހޭނެ."

އަންވަރީގެ އަތުގައި އޮތް ބޮނޑިވަރު ދިއްކޮށްލީ ޖެހިގެން ހުރި މެދުއެނދުގެ މަގަތުން އިށީނދެގެން އިން އަންހެންމީހާއަށެވެ. އެބޮނޑިވަރު ހޯދަމުން ދަލޭކަދައިތަ އޭނާގެ ބަރުއަޑުން ބުނެލި ބަސްތައް އިވިފައި އެނދުގައި އޮތް ނިސްރީނުގެ ހިތްތެޅިގަތެވެ. ނުވަމަހުގެ ބޮޑު ބަނޑުގައި އަތް ޖައްސާލެވުނީ ހިތަށް އެރި އެތައް ޝަކުވާތަކެއް ހިންދާލަން ޖެހޭކަން އެނގޭތީެ، ބަނޑުގައި އެވާ ތުއްތު ފުރާނައާމެދު ހަމަ ކުރާނެ އެއްވެސް ކަމެއް ނެތީމައެވެ.

"ގަދަފަދަ ބަލިކަށި ނޭނގޭ....އެކަމަކު އެނގޭހާވެސް ވަރަކީ ކޮންމެ ކަހަލަ ކުއްޖަކަށް ވިޔަސް އެއީ ގުރުބާނެއްކަން، ދުނިޔޭގެ އެއްވެސް ކަމަކަށް އެކުއްޖާ ހެއްލިގެން ނުވާނެ. އެއީ ވެރިފަަރާތަށް ދޭން ޖެހޭ ހަދިޔާއެއް. ތަކުރު ވީ ވައުދު ކުރި ހުވާ ހަނދާން ނެތިގެން ނުވާނެ."

އަންވަރީ އެބުނެލި ބަސްތައް ވިހަ ތީރުތަކަކަށް ވެގެން ނިސްރީނުގެ މެއަށް ގޮސް ހެރިއްޖެއެވެ. އެރި ތަދު ގޮސް ހިފީ ބަނޑުގައެވެ. ދަރިފުޅު އައުމުގެ ވަގުތު ޖެހުނީއެވެ.

ދަރިފުޅަކު ވިހެއުމަކީ މަޔަކަށް ކިތަންމެ ބޮޑު އުފަލަކަށް ވިޔަސް ނިސްރީނު ތަަހައްމަލު ކުރަމުންދާާ ހިތާމަ މާ ބޮޑެވެ. ލިބެން އުޅޭ ދަރިފުޅަށް އޭނާ ދައްކާނީ ކޮންމޫނެއް ހެއްޔެވެ. އެދަރިފުޅުގެ މާމައާއި ކާފަ އެދަރިފުޅުގެ މުސްތަގުބަލު ރާވާ ނިންމާލައިފިއެވެ. ނިސްރީނު ކިތަންމެ ބޭނުންވިޔަސް އެދަރިފުޅު ބޮޑުވާނީ މަައިދައިތައާއި ބަފާާބެގެ ބެލެހެއްޓުމުގެ ދަށުންނެވެ. އެމީހުންގެ އިލްމާއި އެމީހުންގެ މަސައްކަތަށް ވާރިސަކު ދިނީތީ ނިސްރީނަށް އޮންނާނެ ހަމައެކަނި އަގަކީ އަބަދުގެ އަބަދަށް މިގޭގެ ހަތަރުފާރުން އެތެރޭގައި ބަންދުވެގެން އިންނަ މިގޭގެ ރާނީއެއްގެ ދަރަޖަ ލިބުމެވެ. އެއީ ނިސްރީނު ބޭނުން ވާގޮތެއް ނޫނެވެ.

ނިސްރީނަކީ އައްޑޫ މީދުއަށް އުފަން ވިިޔަސް ބައްޕަގެ ފަރާާތުން ގދ، ރަތަފަންދޫގެ ލޭ ވާރުތަވެފައިވާ ހުވަދުއަތޮޅު އެއްބައި އަނެއްބައި އައްޑުއަށް ބެހިފައިވާ ބާވީހަކަށް އަހަރުގެ އަންހެނެކެވެ. ނިސްރީނުގެ ރީތިކަމާއި ޝާއްބަކަމަށް ފިދާާ ވަމުން އައި މީހުންގެ ތެރެއިން ރޭއަލިވާގޭ ދޮހޮއްތުއަށް އޭނާގެ ހިތްދެވުނީ ބޭނުންވެގެނެއް ނޫނެވެ. ދޮހޮއްތުގެ ތަފާތު ރީތިކަމަށް ނިސްރީނުގެ ހުރިހާ ހިއްސެއް ކަނުވީއެވެ. ދޮހޮއްތުގެ އެއްވެސް ވިޔާނުދާ ސިފައެއް ނިސްރީނަކަށް ނުފެނެއެވެ. ހަމަ އެންމެ ފަނަރަ އަހަރުގައި އޭނާއަށްވުރެ ބާރަ އަހަރު ދޮށީ ދޮހޮއްތުގެ ބޯޓުގައި ނިސްރީނު ގެއިން ފިލައިގެން ރަށުންވެސް ފުރީއެވެ.

އެހެންނަމަވެސް ނިސްރީނުގެ ލޯބި އޭނާާގެ ހަލާކަށްވެފައިވާކަމެއް އޭނައަކަށް ނޭނގެއެވެ. ދޮހޮއްތުއަކީ ހަގީގަތުގައި ކާކުކަން ނިސްރީނަށް އެނގުނު އިރު އޭނާ އިނީ މިހާރު އޭނާ އެއޮތް އެނދު ހުރި މިބޮޑުގޭގެ ޅީދަރިއަކަށ ވެފައެެވެ. އާއެކެވެ. ނުހަނު ރީތި ލޫޅާފަތި، ޅަޒުވާން ނިސްރީނު ވިއްކާލެވުނީއެވެ. ސިއްރިސިއްރުން އެއްރެއަކު ނިސްރީނުގެ ކަައިވެނި ކުރެވި، އަނެއްދުވަހު މުޅި އަތޮޅަށް މުޅި ރަށަށް އިއުލާން ކޮށް ކާންދީ ހަފުލާ ބޭއްވީ ހަސަންތަކުރު އެދަތުރުގައި ގެނައި އަންހެންކުއްޖެއް ކަމަށް އަޑު އަރުވާފައެވެ. ހުވަދުއަތޮޅު ވިލިނގިލީގެ މިއާއިލާއަކީ ރަަށު ބޮޑުކަތީބުގެ އާއިލާއަށްވެފައި މުޅި އަތޮޅުގައިވެސް އެންމެ ފޯރާ އާއިލާއެވެ. ދޮހޮއްތަކީ ޒަމާނުއްސުރެ މިއާއިލާގެ ވަފާތެރި ހާދިމެކެވެ.

ހިތާމަކުރާނެ ޖާާގައެއް ނެތެވެ. އަމިއްލައަށް ކުރެވޭ ކަންތައްތަކުގެ ހިތި ނަތީޖާއާ ކުރިިމަތިލާން ޖެހުމުން ކުރެވެން އޮޮންނާނީވެސް ވަކި ކޮން ޝަކުވާއެއް ހެއްޔެވެ.

އަލަތު ކައިވެނީގެ ފުރަތަމަ ރެއިން ފެށިގެން ނިސްރީނު ތަހައްމަލު ކުރަމުން އައިސްފައި ވަނީ ބުނެދޭން ފަސޭހަ ނޫން ކަންތައްތަކެކެވެ. ހަސަންތަކުރު ރޭގަނޑު މެންދަން ވުމުން ނިސްރީނު ގޮވައިގެން ކުރާ ކަންތައްތައް ބުނެދިނަސް އެހެންމީހަކަށް ގަބޫލު ކުރާާކަށް ފަސޭހަ ނުވާނެއެެވެ. އެންމެ ފުރަތަމަ ނިސްރީނަށް އެއިން އެއްވެސް ކަމެއް ފަހުމެއް ނުވެއެވެ. މެންދަންތަކުގެ ފިނީގައި އޭނާ ހީފިލުވަން އެހީ ހޯދަމުން އައި އެކަކު ނޫންކަމާއި އެއީ މުޅިން އެހެން ބައެއްކަން އެނގެން ވަގުތު ނެގީ އެއީ އެކަން އެނގޭ ގޮތަށް ވަމުން ދިޔަ ކަމަކަށް ނުވާތީއެވެ.

ފިނިހަަނދުވަރު ދޭރޭތަކުގެ ދަންވަރުގައި ނިސްރީނު ފުރަމުން އައީ ހަސަންތަކުރުގެ އަޅުކަމުގެ ބައެކެވެ. ހަސަންތަކުރުގެ ފޮތްބޮނޑިއާއި ކިޔެވެލިތަކާއި ގައިގަ އަޅާފައި ހުންނަ ބަޑިތަކުގެ ހަގީގަތް ނިސްރީނަށް އެނގެން ވަގުތު ނެގިއެވެ. އެހެނީ ހަނދުމަހުގެ މެދުތެރެއިން އަންނަ ފަސްވަރަކަށް ދުވަހު، ނިސްރީނު ގާތަށް އަންނީ ހަސަންތަކުރެވެ. އެއްވެސް ރެއެއްގައި ތަފާތުކަމެއް އިހުސާސް ކުރާނެ ހޭވެރިކަމެއް ނިސްރީނުގެ ނުހުރެއެވެ.

ނިސްރީނުގެ ރީތިކަމަކާއި ބަނިޔާދަންކަމެއް ހުއްޓަސް އަދި ފުރިހަމަ އަންހެންވަންތަކަމެއް ހުއްޓަސް ދުނިޔޭގައި ދިރިއުޅުމުގެ އެއްވެސް އިލްމެއް ނެތެވެ. ދުނިޔެއަށް ލޯހުޅުވާލީއްސުރެ އަމިއްލައަށް ހިނގާބިނގާވެ އުޅެވެން ފަށަންދެން މައިންބަފައިންގެ ނުފޫޒުން ދަސްކުރި އަލިފަކު ނުކުތާއެއް ނެތް، ބާ ތިރީ އެއް ނުކުތާއިން އާނަކުމް އައިނަކުމް އީނަކުމް އައުނަކުން އޫނަކުން، ބާނަކުން...ފުރާފުރިހަމަވީއިރު ހަނދާނެއް ނެތެވެ. ވޮށުފިލާގައި އެދުރުދައިތަ ކިޔަވައިދިން އަލިފުގެ ސިފަވެސް އޭނާގެ ހަނދާނުގައެއް ނެތެވެ.

ހިސާބުގައި އުޅޭ ހުރިހާ އެންމެންގެ ދޮންދައްތަ ބުނާހެން 'ވެއްޓިގެން ގޮސްވެސް ސަޖިދައެއް ނުޖަހައެވެ.' ދޮންދައްތައަކީ އޭނާގެ މިޒާޖާއި އުޅުމަށް ބަހެއް ބުނެލަން ކިރިޔާވެސް ކެރުނު ހަމައެކަނި މީހާއެވެ.

"ހަރީރާ....ކަލޭގެ އަންހެން ދަރި ތިބޮޑުވަނީ ގަހުގަތްބުރަށް....އޭނާ ލައި އެއުޅެނީ ގައިގެ ވަނާތައް އެނގޭވަރުގެ ފާޅުކަން ބޮޑަށް ގަޔަށް ބާރުކޮށް ފަހާފައި ހުންނަ ހެދުން....ބައެއް ކަހަލަ ކަންތަކަށް މާބޮޑަށް މިނިވަންކަން ނުދީބަލަ....ތިގޮތަށް ޒުވާން ވަމުން އަންނަ އަންހެން ދަރިއާ ދޭތެރޭ ކަނުބަދެގެން އިންދާ ގޯހުން ގޯހަށް ކަންތައް ހިނގައިދާނެ...."

ދޮންދައްތަ، ނިސްރީނުގެ މަންމަ ހަރީރާއަށް ވިސްނައިދެވޭތޯ އެތައް ދުވަހަކު އެތައް މަސައްކަތެއް ކުރިއެވެ. އެކަމަކު ނިސްރީނުގެ މަންމައަކަށް ދަރިފުޅާ މެދު މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. ވާނީވެސް އެހެންތާއެވެ. މަންމަގެ ކަމަކީ އަހަރު ދެކޮޅު ވިހެއުމެވެ. ބައްޕަ ހުންނަނީ މަންމަ ވިހައިގެން ތެދުވާ އިރަކަށް ފާރައަކަށް ތޯއްޗެކެވެ. ބައްޕަ މަންމަ ގާތު ރޭކުރި ކޮންމެ ރެއަކުން މަންމަ ދިޔައީ ބަލިވެ އިނދެ ވިހަމުންނެވެ. ބާރަ އަދި ތޭރަވެސް ހަމަވިއެވެ. އަދި އެންމެ ފަހުން ތޭރަވަނަ ދަރިފުޅު ވިހެއުމާއެކު ނަސީބަކުން އޮޕަރޭޝަނެއް ކުރެވުނެވެ. އެދުވަސްކޮޅު އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރި މޮޅު ޑޮކްޓަރަކު މަންމަގެ މިހާލަތާމެދު ހަމްދަރުދީ ވީކަންނޭނގެއެވެ. އެހެންނޫނަސް އޭރު މަންމަ އިނީ އެ އޮޕަރޭޝަން ކުރަން މަޖުބޫރު ހާލަތެއްގައިވެސްމެއެވެ.

ކޮންމެގޮތެއްވިޔަސް ވަރިހަމަކަމަށް ދޮހޮއްތާއެކު ފިލައިގެން ނިސްރީނު ދިޔައީ ގޭގައި އޭނާގެ އެއްވެސް ހާއްސަކަމެއްވެސް ނެތުމުންނެވެ. އޭނާއާއި އޭނާގެ ދޮށްޓަށް އިން ދައްތައަށް އޮތީ މަންމަ ވިހެއުމުން ކުދިން ބެލުމުގެ ވަޒީފާ ހަވާލުވެފައެވެ. އެންމެ ދޮށްޓަށް ހުރީ ބޭބެއެކެވެ. ބޭބެގެ ކަންތައްވެސް ކޮށްދޭން ޖެހެއެވެ.

ގޭގައި ލައިގެން ކާނެ އެއްޗެއް ނެތިގެން އަވަށުގެ ގޭގެއަށް ލޮނުފޮދުފޮދު ހޯދަން ދިއުމުގެ ތެރޭގައި ދައްތަގެ އިއްޒަތާއި އިއްފަތްތެރިކަމުގައި ލައް ޖެހުނީ ކިތައްކިތައް ފަހަރު ކަމެއް ނޭނގެއެވެ. ނިސްރީނަށްވެސް މިކަންތަކާ ކުރިމަތިލާން ޖެހުނެވެ. އެހެންނަމަވެސް ދައްތަގެ ހުށިޔާރުކަމުން އޭނާ ހިމާޔަތް ކުރެވުނުކަން އެއީ އޭނާގެ ނަސީބެވެ. ދިހަ އަހަރުވީއިރު ނިސްރީނު ފަރިތަނޫން މަސައްކަތެއް ނެތޭ ބުނުން ގޯހެއް ނޫނެވެ.

އެހެންނަމަވެސް އެހާ ކުޑައިރުވެސް ނިސްރީނު އެދިރިއުޅުން ބޭނުން ނޫން ކަމަށް ސާފު ބަހުން ދިޔައީ ބުނަމުންނެވެ. ނިސްރީނު ބޭނުންވީ އަރާމު ދިރިއުޅުމެކެވެ. އެދިރިއުޅުން އޭނާއަށް ހޯދަދެވޭނެ މީހަކީ ދޮހޮއްތު ކަމަށް އޭނާއަށް ގަބޫލު ކުރެވުނީ ދޮހޮއްތުގެ ފޯރާ މޮޅު ދިރިއުޅުން ފެނި، ދޮހޮއްތާ އެކުވެރިވެވުމުންނެވެ. ވިސްނާނުލެވުނު، އަދި ހޯދައިނުގަނެވުނު، ދެނެނުގަނެވުނު ހަގީގަތް ނިސްރީނުގެ މުޅި ހަޔާތް އެފުށް މިފުށަށް ޖަހާލީ ދެން ދުވަހަކުވެސް އަނބުރާ ރަނގަޅު ނުކުރެވޭހާާ ބޮޑަށެވެ.

ދޮހޮއްތުދެކެ ވީ ކަނު ލޯބި ފިރިމީހާދެކެ ނުވެވުނު ކަމުގައި ވިޔަސް ވަފާތެރި ވެވޭތޯ ނިސްރީނު ކުރީ ހަމަ ބޭކާރު މަސައްކަތެކެވެ. ގަނޑުވަރުތެރޭގެ ހުތުރުކަން ބޮޑު ފާފަތަކާއި ބޭއަދަބީ އަހުލާގު ދަށް ފެންވަރުގެ ކަންތައްތައް އޮންނާނީ މަތިޖެހިފައޭ ބުނާ ބަހަކީ ވަރަށް ބޮޑު ތެދެކެވެ. ބޮޑުކަތީބުގެ ގޭގެ ހަތަރުފާރުން އެތެރޭގައި ހިނގާ އެތައް ކަމެއް ދެނެގަންނަން ކީއްކުރަން ހެއްޔެވެ. ވިސްނައިގަންނާކަށްވެސް މީހަކަށް ނޭނގޭނެއެވެ.

ރޭރޭގެ މެންދަންތަކުގައި ނިސްރީނު ތަހައްމަލު ކުރަމުންދިޔަ އިންތިހާއަށް ހުތުރުވެގެންވާ ވޭނާއި ލަދުވެތިކަމުގެ ހައްދެއްނެތް ބިރުވެރިކަަމުން ފުރިފައިވާ ކަންތައްގަނޑު އޭނާއަށް އެނގިހާމަވުުމުން އެކަމާއި ދެކޮޅަށް ތެދުވާނެ ހިތްވަރެއްވެސް އެފަކީރަކަށް ނުލިބުނެވެ. ފިރިމީހާގެ އަޅުވެތކަމުގައި ހުދު އޭނާއަށް ނޭނގި ނަމަވެސް އޮތީ ބަރާބަރަށް ބައިވެރިވެވިފައެވެ.

"ހަސަނާ....އަހަރެން ތިގޮތަށް ވިޔަފާރިއަކަށް ބޭނުން ކުރީ ކީއްވެ؟"

ނިސްރީނަށް ހަގީގަތް އެނގުނީ އަހަރުވެސް ވީފަހުންނެވެ. ކޮންމެ ހަނދުމަހެއްގެ ތޭރަ، އިން ފެށިގެން އަށާރަ އާއި ހަމައަށް އޭނާގެ ހަށިގަނޑު ބޭނުން ކުރެވެމުން ދިޔަ ގޮތް އެނގުނީ ހަސަންތަކުރުގެ ރޭއަޅުކަމުގެ ސިއްރު ހާމަވި ރޭގައެވެ.

އެރޭ ނިސްރީނު ގޭގެ ފުރަގަހުގައި ހުންނަ އެބޮޑު މާލަމަށް ދިޔައި ހަސަންތަކުރު ކުރާ ކަމެއް ބަލަން ބޭނުންވާތީއެވެ. ވޭތުވެދިޔަ ދެމަހެއް ތެރޭ ހަސަންތަކުރު ކުރިއާ ހިލާފަށް ރޭ އަޅުކަން ކުރުން ގިނަވެފައި ވާތީ އެކަމާ ނިސްރީނު އެތައް ސުވާލެއް ކުރުމުން ވެސް އޮތީ ޖަވާބު ނުލިބިއެވެ. އެންމެ ފަހުން ރޭގައި ނިސްރީނަށް ހޭލެވުނީ ގިފިއްޔަކަށްް ދާން ޖެހިގެންނެވެ.

މިގޭގައި ތަނަވަސްކަން ހުރުމުން މިކޮޓަރީގެ ތެރެއިން ވަޅުކޮޓަރިއަށް ނުކުމެވެއެވެ. ފާހާނާތަށި ހުންނަ މަދު ގޭގޭގެ ތެރޭގައި މިގެއަކީ އެންމެ ފުރަތަމަ ފާހާނާ ބެހެއްޓުނު ގެއެވެ. ތިރީތަށްޓަކަށް ވާތީ އިށީނުމަށް ފަސޭހައަކަށް އެދިމާލުން ދަނޑިން ހަރެއް ހަދާފައި ހުރެއެވެ. ދެފަރާތުަގައި ވަކަރުން ތަނބުޖަހާ، ޓިނުކޮޅަކުން ހިޔާކޮށްފައި ހުންނައިރު ފެންވަރާ ވަޅުގެ އެއްބައި މިފަޅިއަށް ވާގޮތަށް ބޭރު ގިފިލީ ވަޅު ތެރެއިން މެދާހަމައަށް ރާނާފައި ހުންނަ ފާރަކީ މިވަޅުކޮޓަރީގެ އިންފާރެވެ.

ގިފިލިން ނިމި، ތާހިރުވުމަށް ވަޅުން ނަގާފައި ހުރި ފެން ހުސްވުމުން ބާލިދީ ފުރާލުމުގެ ނިޔަތުގައި ނިސްރީނު ކައިރިވެލީ ވަޅު ދޮށަށެވެ. ދާނި ވަޅަށް ތިރިކޮށްލަން ފަރިވެލިވަގުތު ހަސަންތަކުރުގެ ގިސްލުމުގެ އަޑު އިވިފައި ނިސްރީނު ހައިރާންވެއްޖެއެވެ. އެގޮތަށްހުންނަ ވަޅުގެ ތެރެއަށް ކުޑަކޮށް ގުދުވެލުމުން އަނެއް ފަރާތުން ދައްކާ ވާހަކަ ވަރަށް ސާފުކޮށް އިވޭނެއެވެ. ނިސްރީނަށް އިވުނީ އޭނާގެ ފައިދަށުން ބިންގަނޑު ދަމައިގެން އޭނާ އެބިމާއެކު އެއްލާލެވުނު ފަދަ ވާހަކައެކެވެ.

"ދަރިފުޅަކު ލިބުމަށް މިއަޅާާ ނުހަނު ބޭނުން....ނިސްރީނު ބަލިވެ އިންނާނީ ކޮން އިރަކު ކަމެއް ނޭނގޭ. އެއްއަހަރު ވެއްޖެ....އަދިވެސް އެއްވެސް އަލާމާތެއް ނުފެނޭ.....ކޮންމެ ފިނިހަނދުވަރަކު އޭނާ ގެންދެވޭ....އޭނާގެ ބަނޑުން ކަލާނގެ ދަރިފުޅަކު ލިބުމަށް މިއަޅާ ބޭނުންވާާވަރު އެނގޭނެ.....މިހުރިހާ ކަމެއް ބަރާބަރަށް ކުރަމުން އަންނައިރުވެސް އަދިވެސް މިއަޅާއަކަށް ތަރައްގީއެއް ނުލިބޭ.....އަތޮޅުވެރިކަމަށް އެހެން މީހަކު އަރަން ބޭނުން ނުވާތީ އެމަގާމަށްޓަކައި މިއަޅާ ހުރިހާ ޝަރުތަކާ އެއްބަސްވީން. އަދި ތަނަވަސްކަމާއި ބާރުގެ އެންމެ ފުރިހަމައަށް ލިބެން ޖެހޭނީ އަޅުގަނޑަށް....ފާލުބަލުވާ މީހުންނާއި ރަމަލު ޖަހުވަން އަންނަ މީހުންގެ ހިތާއި ސިކުނޑީގައި އިބަގެ ތަސްވީރު އަށަގެންނެވުމަށް އަޅުގަނޑު ކުރާ މަސައްކަތް އިބައަށް ނުލާހިކު ރަގަޅަށް އެނގޭނެ.....މިހުރިހާ ކަމެއް މިހެން އޮއްވާ އިބަ ތިއުޅެނީ ނިސްރީނުގެ މަގާމަށް އެހެން މީހަކު ގެންނަން ތިނިންމެވީ ކޮންގޮތަކަށް ކީއްވެގެންތޯ؟"

ނިސްރީނަށް ހީވީ އޭނާގެ ވައިނޮޅީގައި ހިފާ ދަމައިގަތްހެނެވެ. އަރުތެރޭގައި ނޭވާއާއި އަޑު ތާށިވެއްޖެއެވެ. ހަސަންތަކުރު އެވާހަކަ ދައްކަނީ އިންސާނަކާ ނޫނެވެ. ވަޅުގެ ފެންގަނޑު ތެރެއިން އަނެއް ފަޅީގެ އުނޑާ ދިމާލުން ފެންނަން ހުރި ދިހަަވިލާރޭގެ ފަޅިހަނދާއި ތަރިތަކުގެ ހިޔަނީގެ ތެރެއިން ވަޅުގެ ތުންފަަތް މަތީ އިށީނގެން އިން އެމަހުލޫގު ހިޔަނި ނިސްރީނަށް ހަމަ ސާފުކޮށް ފެނުނެވެ. ދުއްވައިގަންނަންވީކަމެއް އަޑުގެ ކޮަޅަށް ހަޅޭއްލަވައިގަންނަންވީކަމެއް ނިސްރީނަކަށް ނޭނގުނެވެ.

މިއޮއް ހުރިހާ ދުވަހު، އެތައް ރެއަކު އޭނާގެ ހަށިގަނޑުގެ ބޭނުން ކުަރަމުން އައީ ޖިންނި ޝައިތާނުންތަކެއްކަން އެނގުމުން އޭނާގެ ހޭބުއްދި ފިލާނުދިޔައީ ހަމަކިރިޔާއެވެ. އޭނާއަކީ ޝައިތާނާއަށް ހިބަކުރާނެ އިންސާނީނަސްލުގެ ދަރިއަކު ތައްޔާރު ކުރުމަަށް ގެނެވިފައި އިން މެޝިނެއްކަން އެނގުމުން ވަށައިގެން ދުނިޔެވެސް އެނބުރިގަތްހެން ނިސްރީނަށް ހީވިއެވެ.

"ތަކުރާާ....ސިއްރު ސިއްރެއްގެ ގޮތުގަ ނެތި ފާޅުވެއްޖެ.....ނިސްރީނު މިތަނުގައި އެބަހުރި...."

ހުތުރު އަޑެއް ނޫނަސް ބުން އަޑެކެވެ. ހީވަނީ ފުޅިއަކަށް ފުމެމުން ވާހަކަދެއްކިހެެނެވެ. ނިސްރީނަށް މިއަޑު އިވުމާއެކު އަވަހަށް ފަހަތަށް ޖެހިލެވުނެވެ. އަނދެގެން ހުރި ކަޑިކިބުރިން ދެދަރުޖަހައިގެން އަޅާއިތިކޮށް ދުއްވައިގަންނަން ކަމަށް ހީކޮށްލިނަމަވެސް ނިސްރީނުގެ ފަޔަކަށް ވަރެއްނައެވެ.

(ނުނިމޭ)