ޚަބަރު

ނަޝީދުގެ ތައުރީފު ފައްޔާޒަށް: ފައްޔާޒުގެ ޒައާމަތުގެ ދަށުން ޕާޓީ ހިންގާ ތަން ބަލަހައްޓައިގެން ހުރުމަކީ ލިބޭ އުފަލެއް

އަހުމަދު ޖައިޝަން

އާ ޖީލުގެ އެމްޑީޕީގެ ޗެއެޕާސަން، ފައްޔާޒު އިސްމާއީލްގެ ޒައާމަތުގެ ދަށުން ޕާޓީ ހިންގާ ތަން ބަލަހައްޓައިގެން ހުރުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގެ މިއަދުގެ ސެޝަންގައި ނަޝީދު ވަނީ ފައްޔާޒަށް ތައުރީފުކުރައްވައި ވާހަކަފުޅުދައްކަވައިފައެވެ.

ނަޝީދު ވިދާޅުވީ، ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަންކަން ކުރައްވާ ތަން ފެނިވަޑައިގަތުމަކީ އެމަނިކުފާނަށް ލިބޭ އުފަލެއް ކަމަށެވެ. އަދި ފައްޔާޒުގެ ލީޑާޝިޕުގެ ދަށުން އެމްޑީޕީގެ ތެރޭގައި އުފެދޭ މައްސަލަތައް ހައްލުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް ފަޔާގެ ޒައާމާތުގައި، ފަޔާގެ މަސްއޫލިއްޔަތުގައި ޕާޓީ ކުރިއަށް ދާން އަޅުގަނޑަށް ބަލަހައްޓައިގެން އިނދެވޭކަން. އަޅުގަނޑަށް ޔަގީން ކަށަވަރު އަޅުގަނޑުމެންގެ މައްސަލަތައް ވެސް އޭނާ ހައްލުކުރަން މަސައްކަތްކޮށްދޭނެ. އަދި މިޕާޓީއާ އެކީގައި ކުރިއަށްދިއުމަށް ވެސް އެބޭފުޅާ މަސައްކަތްކޮށްދޭނެ،" ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ މަސައްކަތް އެންމެ ފުރަތަމަ ފެށިއިރު އެމަނިކުފާނު އުޅުއްވީ ފައްޔާޒަށް ވޯޓު ހޯދައިދިނުމުގެ މަސައްކަތުގައި ކަމަށެވެ.

"އާ ޖީލުގެ ޗެއާއަކީ ފަޔާ، އެއީ އަޅުގަނޑުމެން މި މަސައްކަތް ކުރާން ފެށި އިރުގައި އަލަށް ވޯޓު ހައްގުވި ބޭފުޅެއް. މީނަ (ފައްޔާޒު) އާއި އީވައަށާއި، މި ބޭފުޅުންނަށް އޭރުގެ ވޯޓު ހޯދައިދިނުމުގައި އަޅުގަނޑުމެން އުޅެން ޖެހުނީ," ނަޝީދު ވިދާޅުވިއެވެ.

ފައްޔާޒަށް ތައުރީފުކުރައްވައި ނަޝީދު ވާހަކަފުޅު ދެއްކެވި އިރު، ޗެއާޕާސަންކަމަށް ފައްޔާޒް އިންތިހާބުވުމުގެ ކުރިން ނަޝީދު ވަނީ ފައްޔާޒާ ގުޅޭގޮތުން ވަރަށް ބޮޑެތި ތުހުމަތުތައް ކުރައްވައިފައެވެ. އެގޮތުން ފައްޔާޒު އެމްޑީޕީގެ ތެރޭގައި "ބްރޯ" ހެދިގެން އުޅުއްވާކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ފައްޔާޒު މިނިސްޓަރުގެ މަގާމުން ވަކިކުރަން ނަޝީދު ވަނީ އިސްވެ މެމްބަރުންގެ ސޮއި ހަމަކުރަން މަސައްކަތް ކުރައްވައިފައެވެ.

ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ނަޝީދު ތާއިދުކުރެއްވި މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ޓީމުން ވަނީ ފައްޔާޒަށް އަމާޒުކޮށް ކޮރަޕްޝަނާއި ނުފޫޒުގެ ބޭނުންކޮށްގެން އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ފައްޔާޒު ވަނީ އެ ހުރިހާ ތުހުމަތުތަކަށް އިންކާރުކުރައްވައިފައެވެ.