އެމްޑީޕީގެ ތެރޭގައި ހުރި ދެބަސްވުންތައް އެއްބަސްކުރުވައި، ކާމިޔާބު ހޯދުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްގެންދާ އެމްޑީޕީގެ ކޮންގްރެސްގައި އެންމެ ބޮޑު ހިޔާލުފާޅުކުރުމަކަށްވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުށަހެޅުއްވި ގަރާރެވެ. މިއަދު އެކަމާ ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި ފައްޔާޒް ވަކިން ކުރެއްވި މަޝްވަރާތަކަށްފަހު، ރައީސް ނަޝީދު ވަނީ އެ ގަރާރު އަނބުރާ ނަންގަވައިފައެވެ.

ފައްޔާޒް ވިދާޅުވީ އެމްޑީޕީއަށް ކާމިޔާބު ހޯދުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމުގައި ފަހަތަށް ނުޖެހި އަބަދުވެސް އެ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށާއި އެކަމެއް ކުރެއްވުމަށް އެއްވެސް ހުރަހެއް ނެތި ކުރިއަށްގެންދަވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައިވާ ދެބަސްވުންތައް އެއްބަސްކުރުވައި، އެއްގޮތްކުރުވައި އެއްގޮތަކަށް އަޅުގަނޑުމެންނަށް ކުރިއަށްދިއުމަށްޓަކައި އެ ކުރަން ޖެހުނު ހުރިހާ ކަމެއްގައި އަޅުގަނޑުމެން އެއްވެސް ހުރަހެއް ނެތި އެކަމެއް ކުރާނަން. އަދި އަޅުގަނޑަށް ޝައްކެއް ނެތް އެކަންކަމުގައި އަޅުގަނޑުމެންނަށް ކާމިޔާބު ލިބޭނެކަން. ކުރިއަށްއޮތް ދުވަސްތަކުގައި އަޅުގަނޑުމެންގެ ހުރި ހިޔާލުތަފާތުވުންތައް އެއްގޮތްކުރުމަށް އަޅުގަނޑުމެން މަސައްކަތްކުރަމުން ގެންދާނަން،" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ހައްލުތަކާއެކު ކޮންގްރެސް ނިންމައިލެވުމަކީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި އެމްޑީޕީއަށް ލިބުނު ހިތްވަރެއް ކަމަށާއި އަނެއްކާވެސް ދައްކައިމިދެވުނީ އެޕާޓީއަކީ ތަސައްރަފު ފުދިފައިވާ ޕާޓީއެއްކަން ކަމަށެވެ.

"އަދިވެސް އަޅުގަނޑުމެންގެ ތެރޭގައި ކަށަވަރުން ހިޔާލުތަފާތުވުންތައް ވަރަށް ބޮޑުކޮށް ވެސް އޮންނާނެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް އެ ހިޔާލުތަފާތުވުމުގެ ތެރެއިން ނަތީޖާ ހޯދޭކަން އަޅުގަނޑުމެން މިދަނީ އަބަދުގެ އަބަދަށް ދައްކަމުން. އަދި ކުރިއަށްއޮތްތަނުގައި ވެސް އަޅުގަނޑުމެންގެ އަމަލުތައް ހުންނާނީ އެހެން،" ފައްޔާޒް ވިދާޅުވިއެވެ.