އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން ސާބިތުކޮށްދިނީ އެޕާޓީއަކީ ހިޔާލުތަފާތުވުންތަކުގެ ތެރެއިން ނަތީޖާ ހޯދޭ ޕާޓީއެއްކަން ކަމަށް އެޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްގެންދާ އެމްޑީޕީގެ ކޮންގްރެސްގައި އެންމެ ބޮޑު ހިޔާލުފާޅުކުރުމަކަށްވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުށަހެޅުއްވި ގަރާރެވެ. މިއަދު އެކަމާ ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި ފައްޔާޒް ވަކިން ކުރެއްވި މަޝްވަރާތަކަށްފަހު، ރައީސް ނަޝީދު ވަނީ އެ ގަރާރު އަނބުރާ ނަންގަވައިފައެވެ.

ކޮންގްރެސްގައި މިއަދު ހަވީރު ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ ހައްލުތަކާއެކު ކޮންގްރެސް ނިންމައިލެވުމަކީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި އެމްޑީޕީއަށް ލިބުނު ހިތްވަރެއް ކަމަށާއި އަނެއްކާވެސް ދައްކައިމިދެވުނީ އެޕާޓީއަކީ ތަސައްރަފު ފުދިފައިވާ ޕާޓީއެއްކަން ކަމަށެވެ.

"އަދިވެސް އަޅުގަނޑުމެންގެ ތެރޭގައި ކަށަވަރުން ހިޔާލުތަފާތުވުންތައް ވަރަށް ބޮޑުކޮށް ވެސް އޮންނާނެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް އެ ހިޔާލުތަފާތުވުމުގެ ތެރެއިން ނަތީޖާ ހޯދޭކަން އަޅުގަނޑުމެން މިދަނީ އަބަދުގެ އަބަދަށް ދައްކަމުން. އަދި ކުރިއަށްއޮތް ތަނުގައި ވެސް އަޅުގަނޑުމެންގެ އަމަލުތައް ހުންނާނީ އެހެން،" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އެމްޑީޕީއަށް ކާމިޔާބު ހޯދުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމުގައި ފަހަތަށް ނުޖެހި އަބަދުވެސް އެ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށާއި ދެބަސްވުންތައް އެއްބަސްކުރުވައި، އެއްގޮތްކުރުވައި އެއްގޮތަކަށް ކުރިއަށްދިއުމަށްޓަކައި ކުރަން ޖެހުނު ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑަށް ޝައްކެއް ނެތް އެކަންކަމުގައި އަޅުގަނޑުމެންނަށް ކާމިޔާބު ލިބޭނެކަން. ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެންގެ ހުރި ހިޔާލުތަފާތުވުންތައް އެއްގޮތްކުރުމަށް އަޅުގަނޑުމެން މަސައްކަތްކުރަމުން ގެންދާނަން. އަދި ރަނގަޅު ނަތީޖާތަކެއް އަޅުގަނޑުމެންނަށް ހޯދޭނެ. މިއަދުން ފެށިގެން އަޅުގަނޑުމެން މި ޕާޓީ ވަރުގަދަކޮށް، ކުރިއަށްއޮތް އިންތިހާބުތައް ކާމިޔާބުކުރުމަށް އަޅުގަނޑުމެން މި މަސައްކަތް ފެށީ،" ފައްޔާޒް ވިދާޅުވިއެވެ.