އެމްޑީޕީގެ ނައިބު ރައީސްކަމުގެ މަގާމަކީ އިންތިހާބު ކުރަން ނުޖެހޭ މަގާމެއްގެ ގޮތުގައި ކަނޑައަޅައި، އެއީ ޕާޓީގެ ރައީސް އައްޔަން ކުރާ މަގާމެއްގެ ގޮތުގައި ހިމަނައި، އެ ޕާޓީގެ އަސާސީ ގަވާއިދަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފިއެވެ.

މިއަދު ނިމުނު އެމްޑީޕީގެ ކޮންގްރެސް އިން އަސާސީ ގަވާއިދަށް ގެންނަން ފާސް ކުރި އިސްލާހުތަކުގެ ތެރޭގައި ކުރިމަތިލައިގެން އިންތިހާބުވާ ގޮތަށް އޮންނަ އެ ޕާޓީގެ ނާއިބު ރައީސްގެ މަގާމަކީ، ގައުމީ މަޖިލީހުގެ ރުހުމާއެކު ޕާޓީގެ ރައީސް އައްޔަން ކުރާ މަގާމުގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ.

ޕާޓީގެ ޗެއާޕާސަންގެ ނާއިބުންނަކީ ވެސް އައްޔަން ކުރާ މަގާމެއްގެ ގޮތުގައި ހެދުމަށްވެސް ވަނީ ފާސްކޮށްފައެވެ. މިހާރު އޮންނަ ގޮތުން ޗެއާޕާސަންގެ ނައިބު އިދާރީ އާއި މާލީ، މި ދެ މަގާމަކީ ކުރިމަތިލައިގެން ވާދަކޮށް އިންތިހާބު ކުރާ ދެ މަގާމެވެ. ނަމަވެސް ކޮންގްރެސް އިން މިއަދު ފާސްކޮށްފައިވަނީ، އެ ދެ މަގާމަކީ ގައުމީ މަޖިލީހުގެ ރުހުމާއެކު ޗެއާޕާސަން އައްޔަން ކުރާ މަގާމެއްގެ ގޮތުގައި ކަނޑައެޅުމަށެވެ.

މުހިއްމު އިސްލާހުތަކުގެ ތެރޭގައި، އެމްޑީޕީގެ ތިންކް ޓޭންކެއް އުފައްދަވަން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވައިގެން ފާސްކުރި އިސްލާހު ފާހަގަކޮށްލެވެއެވެ.

ކޮންގްރެސްގެ ގޮފިތައް އައްޔަން ކުރުމުގައި މިހާރު ވެސް އަމަލު ކުރާ އުސޫލު ބޭއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުށަހެޅުއްވި އިސްލާހުވެސް މިއަދު ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުންވެސް އަސާސީ ގަވާއިދަށް އެތައް އިސްލާހެއް ގެނައުމަށް ކޮންގްރެސް އިން ވަނީ ފާސްކޮށްފައެވެ.