މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) މިނީ ބަހުގެ ޓެސްޓު ދަތުރުތަކެއް މާލޭގައި ކުރިއަށް ގެންގޮސްފި އެވެ.

އެމްޓީސީސީން ބުނީ މި ޓެސްޓު ދަތުރުތަކުގެ މަގުސަދަކީ ރަސްމީކޮށް މިނީ ބަހުގެ ހިދުމަތް މާލޭގައި ފެށުމުގެ ކުރިން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅު ކުރުމަށްޓަކައި ބަސް ރޫޓްތައް ތަޖުރިބާ ކުރުން ކަމަށެވެ. މިނީ ބަހުގެ ހިދުމަތުގެ ކަމާ ގުޅޭ ފަރާތްތަކާއެކު އިއްޔެ ކުރިއަށް ގެންދިޔަ މި ޓެސްޓު ދަތުރުގައި ބޮޑުތަކުރުފާނު މަގާއި އަމީނީ މަގުގެ އިތުރުން މަޖީދީ މަގުގައިވެސް ބަސް ވަނީ ދުއްވައިފަ އެވެ.

ސަރުކާރުގެ މިނީ ބަހުގެ ޕްރޮޖެކްޓުގެ ދަށުން މިނީ ބަހުގެ ހިދުމަތް ފަށަން ތައްޔާރުވުމުގެ ގޮތުން މަޖީދީ މަގުގައި މިހާރު ޕާކު ކުރުން މަނާކޮށް، ރޮނގު ދަމައި ނޯ ޕާކިން ކޯންވެސް ވަނީ ޖަހައިފައެވެ. އަދި އެކިއެކި ސަރަހައްދުތަކުގައި ބަސް ސްޓޮޕްތައް އަންނަނީ ބަހައްޓަމުންނެވެ.

މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި މާލޭގެ ބޮޑެތި މަގުތަކުގައި ޕާކު ނުކުރެވޭ ގޮތް ހަދައި، ޕާކިން ޒޯންތައް ގާއިމުކުރުމަށް ސަރުކާރުން ސިޓީ ކައުންސިލަށް ދީފައިވާ ބިންތަކަކީ ރަސްފަންނު ކައިރީގައި އޮންނަ ކޮރަލް ބޮލެވާޑު ކައިރިންނާއި އެކުވެނި ޓްރެކް ކައިރިން ދެ ތަނަކާއި ހ. ސަމޯސާވިލާ ގޭގެ ބިމުން ބަޔަކާއި ދަރުބާރުގެ ކައިރިން ބައެކެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.

އެމްޓީސީސީން ވަނީ އަތޮޅުތެރޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ބޭނުންވާ އާރްޓީއެލް ބަސްތައް އެރަށްރަށަށް ފޮނުވައި ހިދުމަތް ދޭންވެސް ފަށައިފަ އެވެ. އެގޮތުން އިސްދޫ އާއި ލ. ކަލައިދުއަށް ދެ ބަސް، ލ. ގަމަށް އަދި ގުޅިފައިވާ ރަށްތަކަށް ހަތަރު ބަހާއި ފުވައްމުލަކަށް ހަތަރު ބަސް ވަނީ ފޮނުވައިފައެވެ. އަދި އައްޑުއަށް 13 ބަސް ވަނީ ފޮނުވައިފައެވެ.

އަންނަ މަހުގެ 14 އާ ހަމައަށް އޮންނާނީ ރޫޓުތައް ތަޖުރިބާ ކުރުމުގެ ދަތުރުތައް ކަމަށާއި އެ މުއްދަތުގެ ތެރޭގައި ބަސްތައް ދަތުރު ކުރާނީ މުޅިން ހިލޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

އާރުޓީއެލް މިނީ ބަހުގެ ހިދުމަތް ސްކޫލް ކުދިންނާއި އުމުރުން ތިން އަހަރުން ދަށުގެ ކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން އަދި އުމުރުން 65 އަހަރުން މަތީގެ މީހުން، މި ހިދުމަތަށް އެއްވެސް އިރެއްގައި އަގު ދައްކާކަށް ނުޖެހޭނެއެވެ.

މާލެ އާއި އަތޮޅުތެރޭގައި އާރްޓީއެލް ބަހުގެ ހިދުމަތް ފަށަން އެމްޓީސީސީން ވަނީ ބްރޭންޑް ކޮށްފައިވާ 41 ބަސް ގެނެސްފައެވެ. އެ ބަސްތަކަކީ ރާއްޖޭގެ އެކި ރަށްރަށުގެ މަގުތަކުގައި ދުއްވުމަށް އެކަށީގެންވާ ބޮޑުމިނާއި ޖާގައިގެ ބަސްތަކެއް ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

އެއާކޮންޑީޝަން ކުރެވިފައިވާ އެ ބަސްތަކުގައި ދަތުރުކޮށްލަން ހިތްފަސޭހަވާނެ ކަމަށާއި އޭގެ ތެރެއިން ކޮންމެ ބަހެއްގައި އެއްފަހަރާ 20 މީހުންނަށް ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.