ޖަރުމަނު ބުންޑަސް ލީގާގައި ރޭ ކުޅުނު މެޗުގައި ޑޯޓުމަންޑުން ދެ ގޯލު ޖަހައިގެން މޮޅުވާން ދަނިކޮށް އިތުރު ވަގުތުގެ ތެރޭގައި ތިން ގޯލު ޖަހައި، ވާޑާ ބްރެމަންއިން ތަފާތު މޮޅެއް ހޯދައިފިއެވެ.

ރޭގެ މެޗަށް ނުކުތް އިރު ޑޯޓުމަންޑުން ލީގުގައި ކުޅެފައި އޮތް ދެމެޗުން މޮޅުވެފައި އޮތް ނަމަވެސް، ރޭ އަމިއްލަ ދަނޑުގައި ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ.

ޑޯޓުމަންޑުން ރޭގެ މެޗުގެ ފުރަތަމަ ގޯލު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. އެ ގޯލަކީ ޖޫލިއަން ބްރަންޓް ޖަހައިދިން ގޯލެކެވެ. އެ ގޯލާއެކު ލީޑުގައި ހާފު ނިންމާލި ޑޯޓުމަންޑުން ރަފޭލް ގަރޭރޯގެ ގޯލާއެކު މެޗުގެ ކޮންޓްރޯލް ހޯދައި، ނަތީޖާގެ ފަރަގު ބޮޑުކުރިއެވެ.

އެ ކޮންޓްރޯލްގައި މެޗުގެ 89 ވަނަ މިނެޓުގައި ހަމައަށް ޑޯޓުމަންޑް އޮތް ނަމަވެސް ދެން ފެނުނީ ވާޑާ ބްރެމަންއިން ފުލުފުލުގައި ގޯލުތައް ޖަހާލިތަނެވެ. 89 ވަނަ މިނެޓުގައި ވާޑާ ބްރެމަންގެ ފުރަތަމަ ގޯލު، ކުރިން ޑާބީއަށް ކުޅުނު ޒުވާން ކުޅުންތެރިޔާ ލީ ބުޗްނަން ޖެހި އިރު، ދެވަނަ ގޯލަކީ ނިކްލަސް ޝްމިޑް ބޮލުން ޖެހި ގޯލެކެވެ.

މެޗުން ވާޑާ ބްރެމަން މޮޅުވީ އެންމެ ފަހު ސިކުންތުގައި ކަހަލަ ގޮތަކަށް ޖެހި ގޯލެކެވެ. އެ ގޯލަކީ ސްކޮޓްލޭންޑްގެ ފޯވަޑް އޮލިވިއާ ބާކް ޖެހި ހިތްގައިމު ގޯލެކެވެ.