މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްއާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކުގެ ސައްހަކަމާމެދު އެ ޕާޓީގެ ލީޑާޝިޕުން ސުވާލު އުފައްދައިފިއެވެ.

އެމްޑީޕީން މީގެ ކުރިން ބުނި ގޮތުގައި ކޮންގްރެސް އާ ގުޅިގެން ހުށަހަޅާފައިވަނީ ތިން ގޮތްޕަކާ ގުޅޭ 17 މައްސަލައެކެވެ.

ކޮންގްރެސްއާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ، ކޮންގްރެސްއަށް ގަވައިދާ ހިލާފަށް އެއްވެސް މީހަކު ގެނެސްފައި ނުވާނެ ކަމަށާއި ކޮންގްރެސްގެ މަންދޫބުންނަކީ އެމްޑީޕީގެ ދަފްތަރުގައި ތިބި ކަމަށް އިލެކްޝަން ކޮމިޝަނުން ދައްކާ މެންބަރުން ކަމަށެވެ. އަދި ކޮންގްރެސްއާ ގުޅިގެން ލިބިފައިވާ ޝަކުވާތަކުގެ ސައްހަ ކަމާމެދު ސުވާލު އުފެދިފައިވާ ކަމަށް ވިދާޅިވިއެވެ.

"އެންމެ ފުރަތަމަ މިހާރު ބަލަން ޖެހެނީ ހުށަހެޅުނު ޝަކުވާތަކަކީ ސައްހަ ޝަކުވާތަކެއްތޯ، އެއީ 17 ޝަކުވާގެ ތެރެއިން ހަތަރު މީހަކު ލިޔުން ފޮނުވައިފި އެ މީހުން ޝަކުވާއެއް ނުކުރަމޭ ކިޔާފައި. އެހެންވީމާ ސިޔާސީ ކަންތައްތަކަކަށް ވެސް މިކަން ވެދާނެ،" އިބުރޭ ވިދާޅުވިއެވެ.

އެމްޑީޕީ ކޮންގްރެސްގައި 705 ގޮތްޕަކުން ބައިވެރިވެއެވެ. އެ ހުރިހާ ޝަކުވާއެއް ލިޔުމުން ލިބިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް އެމްޑީޕީން ބުނެފައިވެއެވެ

އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނާ ގޮތުގައި ގޮތްޕެއް އުފެއްދޭނީ މަދުވެގެން 50 މެންބަރުންނަށެވެ. އަދި އެއް ގޮތްޕެއްގެ މެންބަރަކަށް އެހެން ގޮތްޕެއްގެ މެންބަރަކަށް ނުވެވޭނެ ކަމަށް ބުނެފައިވެއެވެ.