ދިވެހިރާއްޖޭގެ ތާރީޚު

(އަލުން ކިޔައިލުމަށް) ދިވެހި ތާރީޚު: ފެހެންދީބުގެ މައްޗަށް އިހު އޮތީ ދިވެހިންގެ ބާރެވެ.

އިމާދު ލަތީފު

2

ދިވެހިރާއްޖޭގެ ދެކުނުން އެންމެ ގާތުގައި ވަނީ ފެހެންދީބުގެ ރަށްތަކެވެ. އެއީ ފުން ފަޅުފަޅާއި ފަރުތަކާއި އަތޮޅުތަކެއްގެ މައްޗަށް އެކުލެވިގެންވާ ދީބެކެވެ. ފޯޅަވަހީގެ ނަންކިޔާ ރަށްވެސް އޮންނަނީ އޭގެ ތެރޭގައެވެ. ފެހެންދީބުގެ މިލްކުވެރިކަމުގެ މައްސަލަ ފަހަކަށް އައިސް ބައިނަލްއަގުވާމީ މައްސަލައަކަށްވަނީ ވެފައެވެ. އެތަނުގެ މައްޗަށް ހިނގަނީ އިނގިރޭސި ދައުލަތުގެ ހުކޫމަތެވެ. އެކަމަކު މޮރިޝަސްއިންވެސް ދައުވާކުރެއެވެ. މި ދައުވާ ސައްހަކަމަށް ދުނިޔޭގެ ބައެއް އިދާރާތަކުން ގަބޫލުވެސް ކުރެއެވެ. ދާދިފަހުން މޮރިޝަސްއިން ވަނީ ފެހެންދީބުގެ އުތުރުބިތުން ރާއްޖެއާ ނުހަނު ގާތުގައިވާ ފަޅެއްގައި މޮރިޝަސްގެ ދިދަވެސް ޖަހައިފައެވެ. މިކަންކަމަކީ ދިވެހީންވެސް ލޯހުޅުވައި ފަރުވާތެރިވެގެން ތިބޭންޖެހިފައިވާ ކަމެކެވެ. ދިވެހިރާއްޖޭގެ ސިޔާދަތީ މަސްލަހަތަށް އަސަރުތަކެއް ފޯރުން އެކަށީގެންވާތީއެވެ.

އިންޑިޔާ ކަނޑުގެ ކުދި ޖަޒީރާތަކުގެ ތެރެއިން އެންމެ ދޮށީ ރާއްޖެއަކީ ދިވެހިރާއްޖެއެވެ. ދެމިގެން އައިސްފައިވާ އެންމެ ބޮޑު ހަޟާރަތެއް އޮތީވެސް ދިވެހިރާއްޖޭގައެވެ. މޮރިޝަސް އާއި ސީޝެލްސް، އަދި ލަކުޝަދީބާއި ފެހެންދީބުގެ ރަށްތަކަށްވުރެ ކުރީގައި މީހުން ދިރިއުޅެން ފެށީވެސް ދިވެހިރާއްޖޭގައެވެ. ޚާއްސަކޮށް ދިވެހިރާއްޖޭގެ ދެކުނުން އިންޑިޔާ ކަނޑުގައި ހުރި ޖަޒީރާތައް އާބާދުވީ ދިވެހިން މި ދިވެހިރާއްޖޭގައި އުޅޭތާ އެތައް ސަތޭކަ އަހަރެއް ފާއިތުވީފަހުންނެވެ. އެފްރިކާގެ އައްސޭރިޔާ ގާތުން އިންޑިޔާ ކަނޑުގައިވާ ޖަޒީރާތަކުގައި މީހުން އާބާދުވުން ލަސްވީ އެތަންތާގެ މޫސުމުގެ ސަބަބުންކަމަށް ބެލެވެއެވެ. އެއީ ކުރީޒަމާނުގައި ގިނަގިނައިން ބޮޑެތި ތޫފާންތައް އަރާ ރަށްތަކެވެ. ޚާއްސަކޮށް ސީޝެލްސްއާއި މޮރިޝަސްއެވެ. މީގެ ތެރެއިން އެވޭލާ ދިވެހިން ސީޝެލްސްއަށް ކިޔާފައިވާ ނަމަކީ ތޭންގަދީބެވެ.

ފެހެންދީބުގެ މައްޗަށް މޮރިޝަސްއިން ކުރާ ދައުވާ މައިގަނޑު ގޮތެެއްގައި ބިނާކޮށްފައިވަނީ ދެ ނުގުތާއެއްގެ މަތީގައެވެ. އެއް ނުގުތާއަކީ ފެހެންދީބުގެ މައްޗަށް ފަރަންސޭސިންގެ ހުކޫމަތު އޮތް ޒަމާނުގައި އެ ހުކޫމަތު ހިންގުމުގެ މަރުކަޒަކީ މޮރިޝަސްކަމަށް ވުމެވެ. އޭރު މޮރިޝަސް އޮތީ ފަރަންސޭސިންގެ ދަށުގައެވެ. ދެވަނަ ނުގުތާއަކީ ފޯޅަވަހީގައި އެމެރިކާގެ އަސްކަރިއްޔާގެ މަރުކަޒެއް ބިނާކުރުމުގެ ކުރިން އެތަނުގައި ދިރިއުޅުނު އިލޮއިސް މީހުން ގަދަކަމުން ބޭލިއިރު އޭގެތެރެއިން ގިނަބަޔަކު މޮރިޝަސްގައި އާބާދު ކުރުމެވެ. މިދެންނެވި އިލޮއިސް މީހުންވެސް އަދި އެނޫން ބަޔަކުވެސް މީލާދީން 1790 ވަނަ އަހަރުގެ ކުރިން ފޯޅަވަހީގައިވެސް އަދި ފެހެންދީބުގެ އެހެން ރަށެއްގައިވެސް ދިރިއުޅެފައެއް ނެތެވެ. އޭގެ ކުރިން އެރަށްތަކަށް ދަތުރުފަތުރުކޮށް އުޅުނީ ދިވެހީންނެވެ.

މިކަންކަން މިހެން އޮތީމާ ފެހެންދީބުގެ މިލްކުވެރިކަމުގެ ބަހުސްކުރެވޭއިރު ދިވެހިރާއްޖޭގެ ތާރީޚަށް ރިއާޔަތްކުރުން ލާޒިމުވެގެންވެއެވެ. ދިވެހީންނާއި ބެހުމެއް ހުރި ތަނެއްތޯ ބަލާންޖެހެއެވެ. އެހެންބަޔަކު ނުކުރިޔަސް ދިވެހީން އެކަން ކުރާން ޖެހެއެވެ. މީލާދީން 1790 ވަނަ އަހަރުން ފެށިގެން 1970 ވަނަ އަހަރާ ހަމަޔަށް އެންމެ 180 އަހަރު ވަންދެން ފޯޅަވަހީގައި ދިރިއުޅުނު ބައެއްގެ ސަބަބުން މޮރިޝަސްއަށް އެތަނުގެ މިލްކުވެރިކަން ލިބެންޖެހޭ ކަމަށް ބަޔަކު ބުނަންޏާ އޭގެ ކުރިން އެތަނުގެ ކަންކަން އޮތީ ކޮންގޮތަކަށްކަން ބަލައިލާން ޖެހޭނެއެވެ. އިލޮއިސް މީހުން ފޯޅަވައްސަށް ދިޔުމުގެ ކުރިން އަދި ޕޯޗުގީޒް ސައްޔާހެއް ކަމަށްވާ މަސްކަރެންހާސްއަށް މީލާދީން 1512 ވަނަ އަހަރު ފޯޅަވަހި ފެނުމުގެ މާކުރިންވެސް ދިވެހި ވިޔަފާރިވެރިންނާއި މަސްވެރިން ދިޔައީ ފެހެންދީބުގެ ރަށްތަކަށް ޒިޔާރަތް ކުރަމުންނެވެ.

ފެހެންދީބޭ ކިޔުނު ދީބުގެ އެއްވެސް ރަށެއްގައި ދިވެހީން އާބާދުވެ ދިރިއުޅުނުކަމަށް ދަލީލުކުރާ އެއްވެސް ލިޔުމެއް ނެތެވެ. ހެއްކެއްވެސް ނެތެވެ. އެހެންނަމަވެސް ދަތުރުފަތުރުކޮށް އެރަށްތަކުން މަންފާ ލިބިގަތްކަން އެނގޭން އެބަހުއްޓެވެ. އިހުގެ ލިޔުންތަކުންނެވެ. ފެހެންދީބުގެ އިތުރަށް ތޭންގަދީބުވެސް ހިމަނައިގެން އެ ރަށްތަކުގެ ރުއްގަހުން ލިބޭންހުރި ތަކެތީގެ މައްޗަށް ދިވެހީންގެ ބާރާއި ނުފޫޒުއޮތް މިންވަރު އަންގައިދޭ އެއްކަމަކީ ތޭންގަދީބަށް ޚާއްސަ ރުކެއް ކަމުގައިވާ ތާވައްރުކުގެ ކާއްޓަށް މޯލްޑިވް ކޮކޮނަޓޭ ކިޔައި ނަންދެވިފައި އޮންނަ އޮތުމެވެ. އެބާވަތުގެ ކާށި ދުނިޔެއަށް މާކެޓްކުރީ ދިވެހީންނެވެ. ފެހެންދީބާއި އެންމެ ގާތުގައި އޮންނަ ދިވެހިރާއްޖޭގެ އަތޮޅަކީ އައްޑުއަތޮޅެވެ. އެހެންވީމާ އެވޭލާ ޒަމާނުގައި އެންމެ ގިނައިން ފޯޅަވައްސަށް ދަތުރުކޮށް އުޅެފައިވާނީވެސް އެއަތޮޅުގެ މީހުންނެވެ.

ތުންތުންމަތިން ކިޔައެވެ. ކުރީގެ ލިޔުންތަކުން ފެންނާންހުރި ކަމަށްވެސް ކިޔައެވެ. އައްޑުއަތޮޅާއި ފުއައްމުލަކުގެ ބައެއް އާއިލާތަކަށް ވަގުފު ބިންތަކެއްވެސް ފޯޅަވަހީގައި ހުއްޓެވެ. ރުއްދަނޑުތަކެއްގެ ގޮތުގައެވެ. އަނެއްބަޔަކު ކިޔައެވެ. އެއީ ޖިންނި ފުރޭތައިންގެ ދުއްޕާން ބޮޑުކަމުން ބަޔަކަށް ދިރިއުޅޭން ދަތި ރަށެކެވެ. އެހެންވީމާ އެއިން ތަނެއްގައި ރޭގަނޑެއް ވޭތުކުރުމަކީ ނުކުރެވޭ ކަމެކެވެ. މިވާހަކަޔަށް ބާރު ލިބޭގޮތަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަރަންސޭސި ސައްޔާހު ޕިރާޑުވެސް އޭނާގެ މޮނޮގްރާފުގައި ލިޔުންތަކެއް ލިޔެފައިވެއެވެ. މާލެއިން ފޯޅަވައްސަށް ފުރާން އުޅުނު އޮޑިޔަކުން އެރަށަށް ދާން މަސައްކަތްކުރި ވާހަކައެއްވެސް އޭނާ ބަޔާންކޮށްފައިވެއެވެ. މިހިރީ ހައްތާވެސް ޔޫރަޕުގެ މީހުންނަށް ފޯޅަވައްސާއި ފެހެންދީބުގެ އެހެނިހެން ރަށްތައް ފެނުމުގެ ކުރީގެ ވާހަކަތަކެވެ.