ހަނގުރާމައިގެ ވަގުތުގައިވެސް ގުނަވަންތައް ބުރިބުރިކޮށް ވަކިކުރުން ހަރާމްވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުތުބާގައި ބުނީ، އިސްލާމްދީނުގެ ނަޒަރުގައި އިންސާނުންގެ ނަފްސަކީ ވަރަށް ބޮޑަށް ހުރުމަތްތެރިވެގެންވާ އެއްޗެއް ކަމަށެވެ. އަދި ހައްގަކާ ނުލައި އިންސާނަކު ގަތުލުކުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިންވާ ކަމެއް ކަމަށެވެ.

"ނަމަވެސް މިއަދު އަހަރެމެންގެ މުޖުތަމައުން މި ބޮޑު ފާފައަށް އަރައިގަތުން ދެކެނީ ވަރަށް އާދައިގެ ކުޑަކަމެއްގެ ގޮތުގައެވެ. އެއްވެސް ރަހުމެއް ބިރުވެރިކަމެއް ނެތި ހުރުމަތްތެރި ކުރެވިފައިވާ އިންސާނާ މަރާލުމަށްފަހު ދޫކޮށްލަނީއެއް ނޫނެވެ. ހަނގުރާމައިގެ ހާލަތުގައިވެސް ކުރުން ހަރާމްކުރައްވާގައިވާ އަމަލެއް ކަމުގައިވާ މުޘްލާ ކުރުމުގެ އަމަލުކަމުގައިވާ، ގުނަވަންތައް ބުރިބުރިކޮށް ވަކިކުރަނީއެވެ. މިއީ ކޮންފަދަ އަނިޔާވެރިކަމެއް ހެއްޔެވެ!..،"

ނުހައްގުން އެންމެ ނަފުސެއްވެސް މަރާލުމަކީ ހުރިހާ އިންސާނުން މަރާލުން ފަދަ ނުބައިކަން ބޮޑު އަމަލެއްކަމުގައި ކީރިތި ގުރުއާނުގައިވެސް ވަނީ ބަޔާންކުރައްވައިފައެވެ.

މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ނަފުސެއް މަރައިގެން، ނުވަތަ ބިމުގައި ފަސާދައެއް އުފައްދައިގެން ނޫން ގޮތަކަށް، ނަފުސެއް މަރައިފި މީހަކު އެންމެހާ މީސްތަކުން މެރި ފަދައެވެ. އަދި އެ ނަފްސު ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފި މީހާ) އެންމެހާ މީސްތަކުން ދިރުވި ފަދައެވެ.."

ހައްގަކާ ނުލައި މީހުން މެރުމަކީ ﷲ ހަރާމްކުރައްވާފައިވާ ބޮޑު ފާފައެއް ކަމާއި، އެކަމުގެ ސަބަބުން މީހާ ހަލާކުވެގެން ހިންގައިދާނެކަން ބަޔާންކުރައްވައި، ރަސޫލާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ތިޔަބައި މީހުން ހަލާކު ކުރަނިވި ހަތް ފާފައިން ދުރުވެ، ރައްކާތެރިވާށެވެ. ދެން އަސްހާބު ބޭކަލުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. އެއީ ކޮން ކަންތައްތަކެއްތޯއެވެ؟ ހަދީޘް ކުރެއްވިއެވެ. އެއީ މާތްﷲއާ ޝަރީކު ކުރުމާއި، ސިހުރު ހެދުމާއި ހައްގުނޫން ގޮތުގައި ﷲ ހުރުމަތްތެރިކުރައްވާފައިވާ ނަފުސެއް މެރުމާއި ރިބާ ކެއުމާއި ނުހައްގުން ޔަތީމުންގެ މުދާ ކެއުމާއި ހަނގުރާމައިގެ މައިދާން ފަސްދީ، ފިލަން ދުވުމާއި އިއްފަތްތެރި މުއުމިނު އަންހެނުންގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމެވެ."

ހުތުބާގައި އިތުރަށް ބުނީ، ނުހައްގުން މީހުން މެރުމާއި މީހުންގެ ނަފްސަށް ގެއްލުން ދިނުން ހުއްޓުވުމަށް އޮތް ނިިހާއީ ހައްލަކީ އިލާހީ ޝަރީއަތް ތަންފީޒުކޮށް ގިސާސް ހިފުން ކަމުގައި ކީރިތި ގުރުއާނުގައި އަންގަވާފައިވާ ކަމަށެވެ.