ޖަޕާނު ސަރުކާރުން ކ. ގުރައިދޫގައި ގާއިމުކޮށްފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މެޑިކަލް ވޯޑު މަރާމާތުކުރުމަށްފަހު އެވޯޑަށް ބޭނުންވާ ވަސީލަތްތައް މިއަދު ހަވާލުކޮށްފިއެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޖަޕާން ސަރުކާރުގެ ފަރާތުން އެހީ ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކެއޫޗީ މިދޯރީއެވެ. ޖެންޑާ މިނިސްޓްރީގެ ފަރާތުން މިތަކެއްޗާ ހަވާލުވެލެއްވީ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއެވެ.
ގުރައިދޫގައި ގާއިމުކޮށްފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މެޑިކަލް ވޯޑު މަރާމާތު ކުރުމަށާއި މެޑިކަލް ވޯޑަށް ބޭނުންވާ ވަސީލަތްތަކަށް ޖަޕާން ސަރުކަރުން ވަނީ 1.3 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.
މިއެހީ ދިނުމުގެ އެއްބަސްވުމުގައި 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހު ސޮއި ކުރި ނަމަވެސް ކޮވިޑް19ގެ ފުރަބަންދުގެ ސަބަބުން މި މަސައްކަތް ކުރުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ.
ޖެންޑާ މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ސަބަބުން އެ މަރުކަޒުގައި ބަލަހައްޓަމުންދާ ފަރާތްތަކަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށެވެ. އެގޮތުން މި މަރުކަޒުގެ މެޑިކަލް ވޯޑު މަރާމާތު ކުރުމުން ޖާގައިގެ ތަނަވަސްކަން އިތުރުވެ، އިމަޖަންސީ ނުވަތަ ކުއްލި ހާލަތްތަކުގައި މަރުކަޒުގައި ދިރިއުޅޭ ފަރާތްތަކަށް އަވަސް ފަރުވާދެވޭނެ އިންތިޒާމުތައް ފަހިވެގެން ދާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ގުރައިދޫގައި ހުންނަ މި މަރުކަޒުގައި މި ވަގުތު ހާއްސަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ 191 މީހުން ބަލަހައްޓަމުންދެއެވެ.