ހުޅުމާލެ ދެ ފިޔަވަހި ގުޅޭ ސަރަހައްދުގައި ތަރައްގީކުރަމުން އަންނަ ޗެނަލް ޕާކު ސަރަހައްދު މޫދުގައި އަޅާފައި ހުރި އުޅަނދުތައް އެތަނުން ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.
ހުޅުމާލޭގެ ހުސް ބިންތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުމާ ގުޅޭގޮތުން އެޗްޑީސީން މިއަދު ނެރުނު ނޯޓިސްގައި ޗެނަލް ޕާކުގެ އިތުރުން ދެވަނަ ފިޔަވަހީގެ ހާބަރު އެކެއް އަދި ހާބަރު ދޭއް ސަރަހައްދުގެ ބިމުގައި ހުރި ތަކެތިވެސް ނަގަން ވަނީ އަންގައިފައެވެ.
އެޗްޑީސީން ބުނީ ޗެނަލް ޕާކުގެ މަޝްރޫއާއި ދެވަނަ ފިޔަވަހީގެ ހާބަރު އެކެއް އަދި ހާބަރު ދޭއްގެ މަޝްރޫއުތައް ކުރިއަށްގެންދާ ކޮންޓްރެކްޓަރާ އެ ބިންތައް ހަވާލުކުރުމަށް އަންނަ ސެޕްޓެމްބަރު މަހު އެ ބިންތައް ހުސްކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު އެ ސަރަހައްދުތަކުގެ ބިން ހުސްކުރުމުގެ މަސައްކަތް އެކުންފުނިން ފަށާނެ ކަމަށް އެޗްޑީސީން ބުންނެވެ.
އެހެންކަމުން އެ ސަރަހައްދުތަކުގެ ބިންތައް ސާފުކުރަން ފެށުމުގެ ކުރިން އެ ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ތަކެއްޗާއި ޗެނަލް ސަރަހައްދު މޫދުގައި އަޅާފައި ހުރި އުޅަނދުތައް ނެގުމަށް އެ ކުންފުނިން ވަނީ އަންގައިފައެވެ. އަދި އެ މުއްދަތުގައި އެ ބިންތަކުން ނުނަގައި ބަހައްޓާފައި ހުންނަ ތަކެއްޗަކީ ވެރިފަރާތްތަކުން ބޭނުން ނެތިގެން ދޫކޮށްލާފައި ހުރި ތަކެތި ކަމަށް ބަލައި، އެ ތަކެއްޗާ މެދު އަމަލުކުރާނީ އެ ކުންފުންޏަށް ފެންނަ ގޮތަކަށް ކަމަށް އެ ނޯޓިސްގައި ބުނެފައިވެއެވެ.
އެޗްޑީސީގެ ހުއްދަނެތި ހުޅުމާލެ ހުސް ބިންތަކުގައި ތަކެތި ބަހައްޓައި ބޭނުންކުރުމަކީ މަނާކަމެކެވެ. އެގޮތަށް ބަހައްޓާފައި ހުންނަ ތަކެތި ނެގުމަށް އެކުންފުނިން ވަނީ ކުރިންވެސް އަންގައިފައެވެ.
ޚަބަރު
ޚަބަރު