ޖެންޑާ މިނިސްޓްރީން ހުޅުމާލޭގައި އިމާރާތްކުރާ ޑޮމެސްޓިކް ވަޔެލެންސް (ޑީވީ) ޝެލްޓަރުގެ ބިމުގެ ޕާޗޭސް އެގްރީމަންޓުގައި މިއަދު ސޮއިކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕާޗޭސް އެގްރީމެންޓުގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާއިޝަތު މުހައްމަދުދީދީއެވެ. ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.
ހުޅުމާލޭގައި އިމާރާތްކުރާ ޑީވީ ޝެލްޓަރަކީ ފަސް އަހަރަށް ބަހާލެވިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ސްޓްރެންތަނިން ޖެންޑާ އިންކްލޫސިވް އިނީޝިއޭޓިވް"ގެ ދަށުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ފަންނީ އަދި މާލީ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަޝްރޫއުގައި ހިމެނޭ ކޮމްޕޯނަންޓެއްގެ ތެރެއިން ހިމެނޭ ކަމެކެވެ.
މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ނުވަތަ ގެވެށި އަނިޔާގެ ޝިކާރައަކަށްވެގެން ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް ބޭނުންވާ ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމެވެ.
މީގެ އިތުރުން ލާމަރުކަޒީކޮށް ހިދުމަތް ދިނުމުގައި މިންތީގެ ނަޒަރިއްޔާތު ހިމަނައިގެން ނަތީޖާ ހާސިލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ތަންފީޒުކުރުމާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑީގައި ހިމެނޭ މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އަދި ސްޓެރިޓީޖިކް އެކްޝަން ޕްލޭން (ސެޕް)ގެ މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒުކުރެވޭނެއެވެ.
ހުޅުމާލޭގައި އިމާރާތްކުރާ ޑީވީ ޝެލްޓަރަކީ ސޭފް ހޯމް ކޮންސެޕްޓުގެ ދަށުން އޭޑީބީގެ ފަންނީ އަދި މާލީ އެހީތެރިކަމާއެކު ރާއްޖޭގެ ތިން ސަރަހައްދެއްގައި (ހުޅުމާލެ، ރ. އުނގޫފާރު، އައްޑޫ ސިޓީ ހިތަދޫ) ގާއިމުކުރުމަށް ކަނޑައަޅާފައިވާ ތިން މަރުކަޒުގެ ތެރެއިން އެއް މަރުކަޒެވެ.
ޑީވީ ޝެލްޓަރު އިމާރާތްކުރުމަށް ޖެންޑާ މިނިސްޓްރީއަށް ހުޅުމާލެއިން ބިން ދޫކުރި ނަމަވެސް، އެ ބިމާ ބެހޭ ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.