މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދޫކުރުމަށް ހުޅުވާލާފައިވާ ފުރުސަތުގައި ގޯއްޗަށް ކުރިމަތި ނުލެވޭނީ އެހެން ރަށެއްގެ ރަޖިސްޓްރީގައި އޮވެފައި، މާލެއަށް ހިޖުރަކޮށް މާލޭ ދަފުތަރުގައި ޖައްސާފައިވާ ފަރާތްތަކަށް ކަމަށް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ، ދަފުތަރުގައި ހިމެނޭ ބައެއް މީހުންނަށް ގޯތި ލިބުމުގައި، ނުވަތަ ގޯއްޗަށް ކުރިމަތިލުމުގައި މައްސަލަތަކެއް ދިމާވާ ކަމަށް ބުނެ، ހޯރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސަލީމު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެހެންކަމުން ދަފުތަރުގައި ހިމެނޭ މީހުންނަށް މާލޭން ގޯތި ދިނުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ އިސްލާހު ކުރައްވަން ސަރުކާރުން ވިސްނަމުން ގެންދޭތޯވެސް ސަލީމު ސުވާލު ކުރެއްވިއެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، އެހެން ރަށެއްގެ ރަޖިސްޓްރީގައި އޮވެފައި، ހިޖުރަކޮށް މާލޭ ދަފުތަރުގައި ޖެއްސި ފަރާތްތަކަށް ގޯއްޗަށް ކުރިމަތި ނުލެވުނު ނަމަވެސް އެއިން މީހެއްގެ ދަރިއަކު މާލެއަށް ވިހައި، ދަފުތަރުގައި އޮތްކަމަށްވާނަމަ އޭނާއަށް ގޯއްޗަށް ކުރިމަތި ލެވޭނެ ކަމަށެވެ. އަދި ޖެހޭނެ އެހެންތަނެއް ނެތިގެން ދަފުތަރުގައި ޖެހިފައި ތިބި މާލޭ ރައްޔިތުންނަށްވެސް ގޯއްޗަށް ކުރިމަތި =ލެވޭނެ ކަމަށް އަސްލަމް ވިދާޅުވިއެެވެ.

"މާލޭ ރައްޔިތުންނަށް ގޯތި ދިނުމާ ބެހޭގޮތުން ސަރުކާރުން ނިންމަވާފަ އޮތީ މާލޭން ދޭ ގޯތި، އަޅުގަނޑުމެން މިދެނީ މާލޭގެ ރައްޔިތުންނަށޭ، ރަށަކުން މާލެއަށް ހިޖުރަކޮށް މާލޭގެ ދަފުތަރުގައި ޖެހުނު ރައްޔިތުންނަކަށެއް ނޫނޭ، ނަމަވެސް އޭގެ މީހެއްގެ ދަރިއަކު މާލެއަށް ވިހައި މާލޭގެ ދަފުތަރުގައި އޮތްކަމުގައި ވިޔަސް ކުރިމަތިލެވޭނެ. އަދި މާލޭގެ ރައްޔިތުން އެބައުޅޭ، ޖެހޭނެ އެހެން ތަނެއް ނެތިގެން މާލޭގެ ދަފުތަރުގައި ޖެހިފައި. އާއްމު ގޮތެއްގައި އެންމެ ފަރިތަކޮށް ދަންނަވަނީނަމަ، މައިމުޅަވެފައި ތިބި މާލޭ ރައްޔިތުން. އެ ފަރާތްތަަކަށް، ދަފުތަރު އެކްސްކްލޫޑު ކުރީކީއެއް ނޫން. އެއީ ގޯތި ދިނުމުގައި ސަރުކާރުން ނިންމަވާފައިވާ ގޮތް،"

އަސްލަމް ވިދާޅުވީ، އެއަށް ބަދަލު ގެނައުމަށް ނުވިސްނަވާ ކަމަށެވެ.

މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން މާލޭ ރައްޔިތުންނަށް ހާއްސަކޮށްފައިވާ 3000 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

މި ގޯތިތައް ދޫކުރުމަށް ސަރުކާރުން ނިންމާފައިވަނީ ހުޅުމާލެއާއި ގުޅީފަޅުންނެވެ.