ވަކި އަދަދެއް ނެތް ގޮތަށް ފުލުހުންގެ ސްޕެޝަލް ކޮންސްޓެބްލަރީ ކޮންސްޓަބަލްގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިމަހުގެ 16 ވަނަ ދުވަހު ފުލުހުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ފުލުހުންގެ ސްޕެޝަލް ކޮންސްޓެބްލަރީ ކޮންސްޓަބަލްގެ ވަޒީފާއަށް ވަނުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ އެއްވަނަ ދުވަހުގެ 16:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ފުލުހުންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަކީ ގުރޭޑު 10 ނިންމާފައިވާ ފަރާތަކަށް ވާން ޖެހެއެވެ. މީގެ އިތުރުން އެމީހަކީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށް ވާން ޖެހެއެވެ. އެމީހަކީ ފިރިހެނެއް ނަމަ ކުރުވެގެން ފަސް ފޫޓު ތިން އިންޗި އަދި އަންހެނެއް ނަމަ އިސްކޮޅުގައި ފަސް ފޫޓު ހަމަވާ މީހަކަށް ވެސް ވާން ޖެހެއެވެ.
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަކީ އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތެކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ހިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ވެގެން ނުވާނެއެވެ. އަދި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ވެގެން ނުވާނެ ކަމަށާއި ސްޕެޝަލް ކޮންސްޓެބްލަރީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގައިވާ ފަރާތެއް ކަމުގައި ވާންޖެހޭނެ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.
ވަޒީފާއަށް ހޮވޭ ފަރާތްތަކަށް މުސާރަ އާއި އިނާޔަތްތަކާއެކު 11،421 ރުފިޔާ ލިބޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު