ތިލަމާލެ ބުރިޖުގެ މަސައްކަތްކުރުމަށްޓަކައި ޖިއޯ ޓެކްނިކަލް އިންވެސްޓިގޭޝަން ހަދަން ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރުމަކީ އެ ބުރިޖުގެ މަސައްކަތް ލަސްވާންޖެހޭ ސަބަބެއް ނޫން ކަމަށް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެެން ވިދާޅުވީ، ތިލަމާލެ ބުރިޖުގެ މަސައްްކަތްތަކަށް މިހާތަނަށް ހަރަދުވެފައިވާ ފައިސާގެ އަދަދާއި، ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރި މައްސަލައާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، އެކަމަށް މިހާތަނަށް "ހަރަދުވި އަދަދެއް ޓަސްލާފައި ދަންނަވަން ނޭނގޭ،" ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޕްލެޓްފޯމް ފަރަށް އެރި މައްސަލައިގައި ލިބުނު ގެއްލުމުގެ އެސެސްމެންޓް ހެދުމުގެ މަސައްކަތް އެބަ ކުރިއަށްދާ ކަމަށެވެ. އެތަނަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއްކަމާއި، އެކަމުގެ ސަބަބުން ދޭންޖެހޭ ޖޫރިމަނާ ފައިސާގެ އަދަދު އެނގޭނީ އެކަން ނިމުމުން ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް އެއީ އެ މަސައްކަތް ލަސްވާންޖެހޭ ސަބަބެއް ނޫން ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބުރިޖުގެ ޕްލެޓްފޯމެއް ފަރަށް އަރައިފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ މެންދުރުފަހު 2:45 ހާއިރުއެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެފައިވެއެވެ.
ޕްލެޓްފޯމް ފަރަށް އެރި ހާދިސާއާ ގުޅިގެން "ވަން" އަށް މައުލޫމާތުދެއްވަމުން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް އިއްޔެ ވިދާޅުވީ، ޕްލެޓްފޯމް ފަރަށް އެރި މައްސަލަ އެ އެޖެންސީން ބަލަމުން އަންނަ ކަމަށެވެ.
"އަދި ފަރަށް ލިބުނު ގެއްލުންތަކެއް ބަލަން ނުފަށާ. މި މައްސަލަ ސަމާލުކަމަށް އައިސްފައި އިނީމަ މައްސަލައާ ގުޅޭ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިކުރަނީ،" ނައީމް ވިދާޅުވިއެވެ.
މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލައި އަޅާ ތިލަމާލެ ބުރިޖުގެ އަމަލީ މަސައްކަތް މިމަހުގެ ދެވަނަ ދުވަހު ވަނީ ފަށައިފައެވެ. އެ މަސައްކަތް ފެށުމާއެކު މާލެ އާއި ވިލިމާލެއާ ދެމެދުގައި އޮންނަ ކަނޑުއޮޅިން ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.
"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް އަޅާ ބުރިޖުގެ މަސައްކަތްްކުރަމުން އަންނަނީ އިންޑިއާގެ އެފްކޮންސް އިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު