ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް 99 ހޯލްޑިންގްސްއާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެ ހިދުމަތް ދެމުން ނުދާތީ މާލޭ ސިޓީ ކައުންސިލުން އެ ހިދުމަތް ދޭ ގޮތަށް ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައިވަނީ މާލެ ސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 63 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ. ސިޓި ކައުންސިލުގެ ފަރާތުން މި ހިދުމަތް ދިނުމަށް ހުށަހެޅީ ވިލިމާލޭ ދާއިރާގެ މެމްބަރު ނަހުލާ އަލީއެވެ. ނަހުލާގެ މި ހުށަހެޅުން ފާސްވެފައިވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ހުއްޓާލާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. 99 ހޯލްޑިންގްސް އިން ބަގީގެ ހިދުމަތް ނުދޭތީ އެކުންފުންޏަށް ސިޓީ ކައުންސިލުން ވަނީ މިދިޔަ މާޗުު މަހުގެ 26 ވަނަ ދުވަހާ ހަމައަށް ފަހު ފުރުސަތު ދީފައެވެ. ނަމަވެސް އޭގެ ފަހުންވެސް އެ ހިދުމަތް ނުލިބޭތީ އާންމުންގެ ޝަކުވާ އާއި ކަންބޮޑުވުން ސިޓީ ކައުންސިލަށް ލިބެމުންދާ ކަމަށް އެ ކައުންސިލުން މީގެ ކުރިންވެސް ވަނީ ބުނެފައެވެ.

ބަގީގެ ހިދުމަތް މިދިޔަ އަހަރު ހުއްޓާލީ އޭގެ ބެޓެރިތަކަށް ދިމާވި މައްސަލަތަކާ ގުޅިގެން ކަމަށް މީގެ ކުރިން ވަނީ ބުނެފައެވެ.