ކުށް ކުރާ ކޮންމެ މީހަކަށް އަދަބު ދިނުމަކީ ހައްލެއް ނޫން ކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ނ. ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަން އިއްޔެ ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރު ވިދާޅުވީ، ރައްޔިތުން ކަންކަމަށް ޑިމާންޑުކުރާނެ ކަމަށާއި އެ ޑިމާންޑުތަކަށް ވަސީލަތްތައް ހުރި މިންވަރަކުން މަސައްކަތްކޮށްދިނުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ފުލުހުންގެ މުއައްސަސާގެ އަގަކީ، ފުލުހުންގެ މުއައްސަސާގެ ޝަރަފަކީ މުޅި މުޖުތަމައުގެ ޝަރަފާއި އަގު ކަމަށެވެ. އަމަންއަމާންކަމާއި ރައްކާތެރިކަމާއި އަދުލުއިންސާފާ ގުޅުން އޮތީ ފުލުހުންގެ މުއައްސަސާގެ އެ އަގުތައް ހިފެހެއްޓުނު މިންވަރަކުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ފުލުހުންގެ އިއްޒަތާއި ޝަރަފު މަތިވެރިވި ވަރަކަށް, ފުލުހުންނަށް ރީތި ނަން ލިބުނު ވަރަކަށް ފުލުހުން އަދާކުރާ ޒިންމާ ރައްޔިތުން ބަލައިގަންނަ ވަރަކަށް މުޖުތަމައު ކުރިއަށްދާނެ. މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވާކަން އަޅުގަނޑުމެން ވަޒަންކުރާގޮތަކީ, ރައްޔިތުން ވަޒަންކުރާގޮތަކީ އެއީ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ފުލުހުން ބޭނުންކޮށްގެން ކުށް ކުރާ މީހުން ބަންދުކުރެވިދާނެ ކަމަށާއި ޖަލަށްވެސް ލެވިދާނެ ކަމަށެވެ. ނަމަވެސް ކޮންމެ މީހަކަށް އަދަބުދިނުން އަދި އެއީ ހައްލެއް ނޫން ކަމަށާއި ހައްލަކީ ފުލުހުންނާއި ކައުންސިލާއި މުޖުތަމައުގެ އެންމެން ގުޅިގެން މުޖުތަމައުން އެފަދަ ކަންކަން ނެތިކޮށްލުން ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން އިތުރަށް ވިދާޅުވީ، އެއް ފުލުހަކު ނުވަތަ ދެ ފުލުހަކު ކުރާ ނޭދެވޭ ކަމެއްގެ އިލްޒާމު މުޅި މުއައްސަސާގައި އެޅުވުމަކީ މުއައްސަސާއަށް ކުރާ އިތުބާރު ގެއްލޭ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ 187 ރަށުގައި ފުލުހުން ގާއިމުވެގެން ތިބެގެން ނޫނީ ރާއްޖޭގެ އަމާންކަން ކަށަވަރު ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު