ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ.
ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އިތުރުކުރަން ނިންމާފައިވާކަން ސަރުކާރުން އިއުލާންކުރީ ޖުލައި މަހުގެ ކުރީ ކޮޅުގައެވެ. އަދި ތެލުގެ ސަބްސިޑީގެ އުސޫލު ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޖުލައިމަހުގެ 26 ވަނަ ދުވަހު ވިދާޅުވެފައިއެވެ.
އެޓާނީ ޖެނެރަލް އޮފީހުގެ މިއަދު ބުނީ، ސަރުކާރުގެ ފަރާތުން މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރަށް ހުށަހަޅަން ގަސްދުކުރާ ބިލުތަކުގެ ތެރޭގައި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނޭ ކަމަށެވެ. އަދި އެ ބިލް ހިމެނޭހެން 30 ބިލެއްގެ ލިސްޓް ރައީސް އޮފީހުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.
ސަރުކާރުން ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބިލުތައް
- ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް
- ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ގޭންގު ކުށްތައް މަނާކުރުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރު، ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭސްކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- މޯލްޑިސް ހެލްތު ސާވިސް ބިލް
- ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ހައްޖާއި އުމްރާގެ ބިލް
- ޒަކާތުގެ ބިލް
- ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- އާމްދަނީން ޓެކްސް ނެގުމުގެ އިސްލާހު ގެނައުމުގެ ބިލް
- ފޮރިން އިންވެސްޓުމެންޓް ބިލް
- މަސައްކަތުގެ މާހައުލުގައި ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލް
- އިންޑަސްޓުރިއަލް ރިލޭޝަންގެ ބިލް
- އާއިލާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ދިވެހިރާއްޖޭގެ ކުޅިވަޅު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ހެއްކާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލް
- އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް
- ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލް
- ޕޯޓުތައް މެނޭޖުކުރުމުގެ ބިލް
މިއަހަރުގެ ފަހު ދައުރުގައި މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ލިސްޓް ރައީސް އޮފީހުން ފޮނުވާފައިވާއިރު، ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހެއްގެ ސަބަބުން ނެގުން ހުއްޓާލާފައިވާ ގްރީން ޓެކްސް ނެގޭ ގޮތަށް ގާނޫނަށް އިސްލާހު ކުރަން އެ ލިސްޓްގައި ހިމަނާފައެއް ނުވެއެވެ.