ޚަބަރު

ކާރަކަށް ގެއްލުންދީ އެފްސީޕީޑީއަށް ވަޅިއެއް ހިފައިގެން ވަން މީހަކު ދިހަ މަހަށް ޖަލަށް

އަލީ ޔާމިން

މާލޭގެ މަގެއްގެ މަތީގައި ޕާކުކޮށްފައި އޮތް ކާރަކަށް ގެއްލުންދީ ފުލުހުންގެ އިދާރާއަށް ވަޅިއެއް ހިފައިގެން ވަން މީހެއްގެ މައްޗަށް ކުރިމިނަލް ކޯޓުން ދިހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މި މައްސަލައިގައި، މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ މ. ލަވްނެސްޓް އިބްރާހިމް ނާޝިދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އެ ދައުވާ އުފުލީ، މިދިޔަ އަހަރުގެ ޖެނުއަރީ 11 ވަނަ ދުވަހު މ.ލަވްނެސްޓް ގޭގެ ކުރިމަތީގައި ޕާކުކޮށްފައި އޮތް ޓެކްސީއެއްގެ މައްޗަށް އޭނާ ފުންމައިލުމުން އެ ޓެކްސީގެ ރޫފު ބަނޑިވެފައިވާތީއެވެ.

އެ ދައުވާއަށް އޭނާ އިއުތިރާފުވެފައިވާތީ އެ މައްސަލައިގައި އޭނާއަށް ކަނޑައެޅި އަދަބު ލުއިކޮށް، ހަތަރު މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ.

ކާރަށް ގެއްލުން ދިން ދުވަހުގެ ރޭ 9:00 ހާއިރު ނާޝިދު ވަނީ، މޯލްޑިވްސް ޕޮލިސް ސާވިސްގެ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރަށް ފަސް އިންޗި ދިގުމިނުގެ ތިލައެއް ހުރި ވަޅިއެއް ހިފައިގެން ވަދެފައެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް އުފުލީ މަގުބޫލު ސަބަބެއް ނެތި ނުރައްކާތެރި ހަތިޔާރެއް އާންމު ތަނެއްގައި ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

އެ ދައުވާއަށްވެސް ނާޝިދު ވަނީ އިއުތިރާފުވެފައެވެ. ނަމަވެސް ނާޝިދު ވަނީ އޭނާ އެ ދުވަހު ގެންގުޅުނު ވަޅިއަކީ އަމިއްލަ ނަފްސަށް ގެއްލުން ދޭން ބޭނުންކުރި ބައެއް ކަމަށާއި އޭނާގެ ނަފްސާނީ ބަލި ހުންނަ ކަމަށް ބުނެފައެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް އިއްވާފައިވަނީ ހަ މަސްދުވަހުގެ ޖަލު ހުކުމެކެވެ. އެހެންކަމުން އެ ހުކުމުގެ އަދަބެއްގެ ގޮތުގައި ދިހަ މަސް ދުވަހު އޭނާ ޖަލުގައި ހޭދަކުރަން ޖެހޭނެއެވެ.