ޚަބަރު

ބްރިޖުގެ ޕްލެޓްފޯމު ފަރަށް އެރި މައްސަލަ އީޕީއޭއިން ބަލަނީ

އަލީ ޔާމިން

ތިލަމާލެ ބުރިޖު އެޅުމަށް ބޭނުން ކުރާ ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރި މައްސަަލަ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބަލަން ފަށައިފިއެވެ.

ބުރިޖުގެ ޕްލެޓުފޯމެއް ފަރަށް އަރައިފައިވަނީ އިއްޔެ މެންދުރުފަހު 2:45 ހާއިރުއެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެފައިވެއެވެ.

ޕްލެޓްފޯމް ފަރަށް އެރި ހާދިސާއާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް މިއަދު ވިދާޅުވީ، ޕްލެޓްފޯމް ފަރަށް އެރި މައްސަލަ އެ އެޖެންސީން ބަލަމުން އަންނަ ކަމަށެވެ.

"އަދި ފަރަށް ލިބުނު ގެއްލުންތަކެއް ބަލަން ނުފަށާ. މި މައްސަލަ ސަމާލުކަމަށް އައިސްފައި އިނީމަ މައްސަލައާ ގުޅޭ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިކުރަނީ،" ނައީމް ވިދާޅުވިއެވެ.

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލައި އަޅާ ތިލަމާލެ ބުރިޖުގެ އަމަލީ މަސައްކަތް މިމަހުގެ ދެވަނަ ދުވަހު ވަނީ ފަށައިފައެވެ. އެ މަސައްކަތް ފެށުމާއެކު މާލެ އާއި ވިލިމާލެއާ ދެމެދުގައި އޮންނަ ކަނޑުއޮޅިން ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.

"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް އަޅާ ބުރިޖުގެ މަސައްކަތްްކުރަމުން އަންނަނީ އިންޑިއާގެ އެފްކޮންސް އިންނެވެ.