ޚަބަރު

މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށަނީ

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މާދަމާ ފެށުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑީއާ ޑައިރެކްޓަރު ހަސަން ޒިއާއު ‘ވަން’އަށް ވިދާޅުވީ، ބުރާސްފަތި ދުވަހަކީ އާއްމުކޮށް މަޖިލިސް ޖަލްސާ ބާއްވާ ދުވަހެއް ނޫން ކަމަށްވިޔަސް، މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމާ ބާއްވަން ހަމަޖެއްސީ މަޖިލީހުގެ ގަވާއިދުގައިވާގޮތުގެ މަތިން ކަމަށެވެ.

މަޖިލިސް ގަވާއިދުގައި ބުނެފައިވަނީ، މަޖިލީހުގެ ތިންވަނަ ދައުރަކީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާތައް ބެހިގެންވާ ތިން ދައުރުގެ ތެރެއިން ކޮންމެ ދައުރެއްގެވެސް ފުރަތަމަ ޖަލްސާ ބާއްވާނީ އެ ދައުރެއް ފެށޭ ތާރީހުން ފެށިގެން އަންނަ ފުރަތަމަ ހޯމަ ނުވަތަ ފުރަތަމަ ބުރާސްފަތި ދުވަހު ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން މާދަމާއަކީ މިދައުރުގައި އަންނަ ފުރަތަމަ ބުރާސްފަތި ދުވަހެވެ.

މަޖިލީހުގެ ޖަލްސާ މާދަމާ ފަށަން ހަމަޖެހިފައިވީނަމަވެސް އެޖެންޑާ އަދި އާއްމު ކޮށްފައެއް ނުވެއެވެ.

މިދައުރުގެ މަޖިލީހުގެ ޖަލްސާތައް ފެށޭއިރު އެންމެ ފުރަތަމަ މަޖިލީހަށް ފޮނުވާނެ ބިލެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސާފައި ވަނީ، އެންމެފަހުން ތަސްދީގުކުރި ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ގްރީން ޓެކްސް ނެގުން މެދުކެނޑިފައިވާތީ އެ މައްސަލަ ހައްލުކުރަން ހުށަހަޅާ ބިލެވެ.

އޭޖީ އޮފީހުން ބުނީ އެ ބިލުގެ މަސައްކަތް ނިންމުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން މިހާރު ތައްޔާރަށް އޮތް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރަށް ހުށަހެޅުނު ގިނަ މަސައްކަތްތަކެއް ނިންމައި މަޖިލިސް ޗުއްޓީއަށް ދިޔައީ ޖޫން 30 ގައެވެ.

ދެވަނަ ދައުރުގައި މަޖިލީހުން ނިންމި މުހިއްމު ބިލުތަކުގެ ތެރޭގައި ހެއްކާ ބެހޭ ބިލާއި، ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ލާމަރުކަޒީ ގާނޫނަށް މުހިއްމު އިސްލާހުތަކެއް ގެނައި ބިލު ހިމެނެއެވެ. ދެވަނަ ދައުރުގައި މަޖިލީހުގެ 22 ޖަލްސާ ބޭއްވިއެވެ.