މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މިއަހަރުގެ ދެވަނަ ކުއާޓާގައި 111.46 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެއެވެ.

އެމްއައިބީން އާންމުކޮށްފައިވާ އެ ބޭންކުގެ ކުއާޓާ ރިޕޯޓުގައިވާ ގޮތުން މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި ލިބުނު ފައިދާއާ އަޅާބަލާއިރު 16 ޕަސެންޓުގެ އިތުރުވުމެކެވެ. އެ މުއްދަތުގެ ތެރޭގައި ބޭންކަށް އާމްދަނީގެ ގޮތުގައި 284 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 32 ޕަސެންޓް އިތުރު އަދަދެކެވެ. އަދި ހިންގުމުގެ ފައިދާގެ ގޮތުގައި 170 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ރިޕޯޓުން ދައްކައެވެ.

ދެވަނަ ކުއާޓާ ނިމުނުއިރު ބޭންކުގެ އެސެޓް ވަނީ 19 ބިލިއަން ރުފިޔާއަށް އަރާފައިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 44 ޕަސެންޓުގެ ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން ރުފިޔާ ޑިޕޮސިޓް ކުރި އަދަދު 16 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 43 ޕަސެންޓުގެ އިތުރުވުމެކެވެ.