ކުޑަކުދިންނަކީ އަބަދުވެސް ފެންނަ މަންޒަރުތައް ވަރަށް ފަސޭހައިން ކޮޕީ ކުރާ ބައެކެވެ. އެއްވެސް ކުއްޖަކު ދުނިޔެއަށް އަންނަނީ ގޯސް ކަންތައްތަކަކާ އެކުގައެއް ނޫނެވެ. އެހެންނަމަވެސް އެކުއްޖަކު އުޅެ ބޮޑުވަމުންދާ މާހައުލަކުން ފެންނަ ކަންތައްތަކާއި އިވޭ އަޑުތަކުން މުޅިން ކުއްޖާ ބަދަލުކޮށްލައެވެ. އެހެންކަމުން އަބަދުވެސް ކުދިން ގެންގުޅުމުގައި އަބަދުވެސް ވީހާ ރައްކާތެރި އަދި އަމާން މާހައުލެއް ހިޔާރު ކުރުމަށް ކޮންމެ ބެލެނިވެރިޔަކުވެސް ސަމާލުވާން ޖެހެއެވެ.
ދާދި ފަހުން ދިމާވި ކަމެކެވެ. ފަސް އަހަރާއި ބާރަ އަހަރާ ދެމެދުގެ އުމުރުފުރައިގެ ކުޑަކުދިންކޮޅެއްގެ މަންމައެކެވެ. ކުދިންގެ ތައުލީމީ ހަޔާތް އަނދިރިވަމުން ދާތީ އެކަމުގެ ހިތާމައިގައި އެމަންމަގެ ހިތް ހަލާކުވަމުންދަނީއެވެ. ލިބޭހާ އާމްދަނީއެއް ކުދީންނަށް ހަރަދުކޮށްގެން، ކުދިންކޮޅު މޮޅު ކުރެވޭތޯ ނުކުރާ މަސައްކަތެއް ނެތެވެ. އާއިލާގެ ތަނަވަސްކަން ބޮޑު ނޫނަސް މިހާރަކަށް އައިސް ކޮންމެ ކުއްޖެއްގެ އަތުގައިވެސް އައިޕެޑެއް ނޫނީ ޓެބްލެޓެއް ނޯންނަ އާއިލާއެއް މަދުވާނެއެވެ. މިކުދިންގެ އަތުގައިވެސް އެންމެ ފަހުގެ އައިޕެޑްތައް ހުރެއެވެ. އިންޓަނެޓުން ބޭނުން ކަމެއް ބޭނުން ވަގުތަކު ކޮށްލެވެއެވެ. މިހުރިހާ ކަމެއްވެސް މިކުރަނީ ހަމަ ކުދިންގެ ކިޔެވުން ދަށްވަމުން ދާތީ އެކަންތައް ރަނގަޅު ކުރެވޭތޯއެވެ.
ކުދިންގެ ހުނަރުވެރިކަމާމެދު މަންމަވެސް އަދި އާއިލާގެ އެހެން މީހުންވެސް ވަރަށް ތައުރީފު ކުރެއެވެ. ކުދިން "ޓިކްޓޮކް" ހަދާލެއް މޮޅުކަމުންނެވެ. ވީޑިއޯތައް އެޑިޓް ކުރުމާއި މޭކަޕްތައް ކޮށްފައި ހުންނަލެއް ފުރިހަމަކަމުގެ ވާހަކަ އާއިލާގެ އެންމެންވެސް ދައްކަނީ ފަހުރުވެރިކަމާއެކުގައެވެ. އެކަމަކު ސުކޫލު ފޮތްތަކާއި ފިލާވަޅުތަކާ ހިސާބުން ހަމަ އެންމެންގެވެސް ކަރު އެލިއްޖެއެވެ. ވަކި މާއްދާއަކަށް މޮޅު ކުއްޖަކު ނެތެވެ. އެންމެ ހަގު ކުއްޖާއެކޭ އެންމެ ދޮށީ ކުއްޖާއެކޭ އެއްވަރެއްގައެވެ. ސުކޫލުގެ ނޯޓުފޮތްތަކުގެ ގަނޑުތައް ހުރީ ހުހަށެވެ. ޓެކްސްޓް ފޮތްތަކުގެ ކޮންމެ ސޮފުހާއެއްގައިހެން ފިލާވަޅު ނުނިންމާ ވާހަކަ މުދައްރިސް ކޮންމެވެސް އިބާރާތަކުން ބުނެފައި އޮވެއެވެ. މިކަމަށް ހައްލެއް ގެނެވޭނެ ގޮތެއް ނެތިގެން މަންމަ މިކުދިންނަށް ކިޔަވައިދޭނެ އެހެން މުދައްރިސަކު ވެސް ހޯދަނީއެވެ. ކޮންމެ ތާކުން ކިތަންމެ މޮޅު ފާހެއް އޮތް މީހަކު އައި ކަމުގައިވިޔަސް ކުއްޖަކަށް މަގު ދައްކައިދޭން ތިބޭ މައިންބަފައިން، އާއިލާގެ މީހުންގެ ޒިންމާ އަދާ ނުކުރެވޭނަމަ ކުދިން ހަމަ މަގަށް އަޅުވާނެ ގޮތެއް އޮންނާނެބާވައެވެ؟
ކުޑަކުދިން ލަވަތަކަށް ޓިކްޓޮކް ހެދުމަށް ތަރުހީބު ދިނުމަކީ ކޮންކަހަލަ ކަމެއްބާވައެވެ. ކުއްޖާ ސްކޫލު ފޮތްތަކަށް ދޭ އަހައްމިއްޔަތުކަމާއި ކުރާ ގަދަރު ކުޑަވެ ގެންގުޅޭ އައިޕެޑް، ޓެބްލެޓް ފަދަ ތަކެއްޗަށް ހިތްޖެހުމަކީ މާބޮޑަށްވެސް ވިސްނާލަން ވާވަރުގެ ކަމެއް ނޫންބާވައެވެ.
ކުޑަކުއްޖަކު ބޮޑުވެގެން އަންނައިރު އެކުއްޖާއަށް އިވޭ ހިސާބުގައި ކުއްޖާގެ އުމުރާ ނުގުޅޭ ވާހަކަ ދެއްކުމާއި އެއުމުރާ ނުގުޅޭ މަންޒަރުތައް ފެންނަ ކަމަށް ވާނަމަ އެކުއްޖަކު މަގު އޮޅޭކަށް މާގިނަ ވަގުތުތަކެއް ނުނަގާނެއެވެ. ފަހަކަށް އައިސް ގޭތެރޭގައި ދޮށްޓަށް ތިބޭ މީހުން "ޓިކްޓޮކް"ކުޅުމާއި ކުދިންނަށް އިވެން ނުޖެހޭ ވާހަކަ އެކުދިންނަށް އިވޭ ވަރަށް ދެއްކުމާއި ކުޑަކުދިން ގޮވައިގެން ދާން ނުޖެހޭފަދަ ތަންތަނަށް ދާ މަންޒަރަކީ އާއްމުވަމުންދާ ކަންތައްތަކެކެވެ. ގޭތެރޭގެ މާހައުލަކީ ތޮއްޖެހިފައި އޮންނަ ތަނަކަށް ވާއިރު މިފަދަ ކަންތައްތަކާމެދު ސަމާލުވާން ޖެހޭނީ ކުދިންގެ މައިންބަފައިން ނޫން އެހެން ކޮންބައެއްބާވައެވެ؟ ކުއްޖާގެ އުމުރާ ނުގުޅޭ ބަހެއް ނުވަތަ ވާހަކައެއް ދެއްކުމުން އެއީ ކިހިނެއްވެގެން ކޮންތާކުން އިވިގެން ދަސްވި އެއްޗެއްތޯ ބަލާއިރު ގޭތެރެއިން އިވުނު ބަހެކޭ ބުނުމުން އިތުރަށް ދެން ދައްކާނެ ވާހަކައެއް ނޯވެއެވެ. ކުއްޖާގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި، އުމުރާ ނުގުޅޭ ގޮތްގޮތަށް އުޅެން ފެށުމުން "މީ ހާދަހާ ވިޔާނުދާ ކުއްޖެކޭ، މިހާރު ބޮޑު މީހުން ކުރާ ކަންތައް ކުރަނީއޭ" ބުނެ ކުއްޖާއަށް އަޑުލައި އަދަބު ދިނުމުގެ ބަދަލުގައި އެހެން ވާން ޖެހުނު ސަބަބު ދެނެގަތުން މާ ރަނގަޅެވެ.
ކޮންމެ މީހަކުވެސް ތިމާގެ ދަރިފުޅު ނޫނީ ތިމާ ބަލައިބޮޑުކުރާ ކުއްޖާއަކީ އެންމެ ރަނގަޅު، އެންމެ މޮޅު ކުއްޖާއަށް ވާން ބޭނުންވާނެއެވެ. އެހެންނަމަވެސް ހަމައެކަނި ބޭނުން ވުމަކުން މިކަން ފުރިހަމައެއް ނުކުރެވޭނެއެވެ. ކުޑަކުދިންނަކީ މާދަމާގެ ޒުވާނުންކަމާއި އެކުދިން ބޮޑު ކުރުމުގައި އިޖުތިމާއީ ބޮޑެތި ގޮން ޖެހުންތަކެއް ހުރިކަން ދެނެގަންނަން ޖެހޭ ބަޔަކީ ބޮޑެތި މީހުންނެވެ. މިފަދަ ކަންތައްތަކަކީ އެންމެންވެސް ސަމާލުވާން ޖެހޭ، އަދި ވިސްނާލަން ޖެހޭ ކަންތައްތަކެކެވެ. ކުދިންނަށް ދައްކަން ނުޖެހޭ، އިއްވަން ނުޖެހޭ ކަންތައްތައް ހުންނާނެކަން ދެނެގަންނަން ޖެހެއެވެ. ފަސޭހައިން ކޮޕީކޮށް، ދަސްކުރާ ބަޔަކަށްވާއިރު، ކުޑަކުދިންނާމެދު ހާއްސަ ސަމާލުކަމެއް ދީ، ފަރުވާތެރިވާން ޖެހެއެވެ.
ކުދިންގެ މުސްތަގުބަލު އުޖާލާކޮށް، ރަނގަޅު ކުރުމަށް އެކުދިންނަށް އެހީތެރިވެގެން، އެކުދިންގެ ޅަ ސިކުނޑިއާއި ތުއްތު ހިތްތައް ސީދާކުރެވިދާނެއެވެ. ޓިކްޓޮކް ގައިވެސް ބޭނުންތެރި އުމުރާ ގުޅޭ ވީޑިއޯ ހެދުމަށް އެހީތެރިވެވިދާނެއެވެ. ކިޔަވާ މާއްދާތަކާ ގުޅޭ ކަންތައް ކުރުމަށް މަގުފަހިކޮށް، އެކަންތައްތަކަށް ޝައުގުވެރި ކުރެވޭނެ ގޮތްތައް ކިޔައިދީ ހޯދައިދޭށެވެ. ކުދިންގެ އުމުރާ ގުޅޭ ކަންތައްތަކަށް ހިތް ޖެއްސުމަށް މަސައްކަތް ކުރެވޭނެއެވެ. ކުޑަކުދިން، އެކުދިންގެ އުމުރާ ގުޅޭނެހެން ތަރުބިއްޔަތު ކުރުމަކީ ކޮންމެ ބެލެނިވެރިއެއްގެވެސް ޒިންމާއެކެވެ. ހަމައެހެންމެ ކުދިންނަށް އެކުދިންގެ އުމުރާ ގުޅޭ ގޮތަށް މުއާމަލާތްކޮށް، އަދި ބުނެދީ ހެދުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެކެވެ.
ދަރިފުޅު 24 ގަޑިއިރު ނެޓުގައި، އެކި ކަހަލަ ކުޅިވަރު ކުޅުމާއި އެއްޗެހި ބެލުން ފިޔަވައި އެހެން ކަމެއް ނުކުރާ އިރުވެސް އެ ފުރުސަތު ފަހިކޮށްދީގެން ހުންނަ ބެލެނިވެެރިޔާގެ އިހުމާލު މާބޮޑެވެ. ކުއްޖާގެ ނަތީޖާ ދަށްވީ ކީއްވެކަން ސާފުވާހާވެސް ބޮޑެވެ. ޓެބްލެޓާއި ފޯނު ފަދަ އެއްޗެެހި ކުދީންނަށް ދޭ ނަމަ އެކަންކަން ވެސް ކުރާން ޖެހޭ އުމުރު ތަކާއި އެ ތަކެތި ދިނުމަށްފަހު މޮނިޓަރ ކުރަން ޖެހޭ ހަމަތަކާއި އުސޫލުތަކެއް ވެސް ހުންނަކަން ބެލެނިވެރިޔާ ދަންނާން ވާނެ އެވެ. އެހެން ނޫން ނަމަ ތިމާގެ ދަރިފުޅު ހަލާކުގެ ތެރެޔަށް ވައްޓައި ތިލަނީ ތިމާ އަމިއްލަޔަށް ކަން ގަބޫލު ކުރާށެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް