މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބްރިގޭޑިއާ ޖެނެރަލްގެ މަގާމުގައި ހުންނެވުމަށްފަހު ރިޓަޔާކުރެއްވި މަންސޫރަށް މިހާރުވެސް އެލަވަންސާއި މުސާރައިގެ ގޮތުގައި ދައުލަތުން 51،730 ރުފިޔާ ލިބިވަޑައިގަންނަވާކަން ހާމަވެއްޖެއެވެ.
މިހާރު ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ޒަކަރިއްޔާ މަންސޫރަށް ލިބިވަޑައިގަންނަވާ މުސާރަ އާއި އިނާޔަތްތަކާ ގުޅޭ ތަފްސީލް ހާމަކުރީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށްފަހު، އާންމު ފަރާތަކުންނެވެ.
- އަސާސީ މުސާރަ - 27،240 ރުފިޔާ
- ސާވިސް އެލަވެންސް - 4،500 ރުފިޔާ
- ސާވިސް އެލަވެންސް އިންކްރެމްންޓް - 2،500 ރުފިޔާ
- ނޮން ޕްރޮޓެކްޓިވް އެލަވެންސް - 10،896 ރުފިޔާ
- ފަންނީ އެލަވެންސް - 4،086 ރުފިޔާ
- ލޯންގް ސާވިސް އެލަވެންސް - 6،810 ރުފިޔާ
- ފޯނު އެލަވެންސް - 1،000 ރުފިޔާ
އެހެންކަމުން ރިޓަޔާކުރެއްވުމުގެ ކުރިން ޒަކަރިއްޔާ މަންސޫރަށް މުސާރައާ އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަތީ 57،032 ރުފިޔާއެވެ.
ޒަކަރިއްޔާ މަގާމުން ރިޓަޔާކުރެއްވުމާ ގުޅިގެން އެއްފަހަރާ ގަނޑުކޮށް 1،007،880 ރުފިޔާ ދީފައިވާ އިރު، ރިޓަޔާކުރެއްވުމާ ގުޅިގެން ދޭ އެލަވެންސްގެ ގޮތުގައި 20،430 ރުފިޔާ ކޮންމެ މަހަކު ލިބިވަޑައިގަންނަވައެވެ.
ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގެ އަސާސީ މުސާރައިގެ ގޮތުގައި 18،000 ރުފިޔާ އަދި ލިވިން އެލަވެންސްގެ ގޮތުގައި 12،500 ރުފިޔާ އަދި ފޯނު އެލަވެންސްއަށް 800 ރުފިޔާ ކޮންމެ މަހަކު ޒަކަރިއްޔާއަށް ލިބިވަޑައިގަންނަވައެވެ.
އެހެންކަމުން ރިޓަޔާކުރެއްވުމަށް ފަހުވެސް ޒަކަރިއްޔާއަށް ދައުލަތުން މަހެއްގެ މައްޗަށް 51،730 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.
ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު، ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވީ 37 އަހަރު ސިފައިންގެއަށް ހިދުމަތްކުރެއްވުމަށް ފަހު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ސިފައިންގެ ހިދުމަތުގައި ދިވެހި އަސްކަރިއްޔާގައި ކޮށްދެއްވާފައިވާ އިހްލާސްތެރި ހިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތަކާއި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަހުލާގުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި ދިހަ މެޑެއްޔާއި 11 ކުލަ ވަނީ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރަށް ލިބިލައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު