ރިޕޯޓް

ކޭކު އަޅާތީ ބުލީގެ ޝިކާއަކަށްވި ސާދިމް މިހާރު ހިތްހަމަޖައްސަނީ ކޭކު އަޅައިދީގެން

އަލީ ޔާމިން

"ނެތްތަ ކޭކެއް؟ އެއޮއް ދަނީ އެއްކަލަ ކޭކު ފޮތި." މިއީ ގދ. ގައްދުއަށް އުފަން އުމުރުން 19 އަހަރުގެ ސާދިމް އަހުމަދު ކޭކު އަޅަން ދަސްކުރަން ކޯހެއް ހެދި ދުވަސްވަރު ފުރައްސާރަކުރަމުގެ ގޮތުން ބައެއް މީހުން ބުނެފައިވާ ބަސްތަކެވެ.

ތެދެކެވެ. ރާއްޖޭގައި ކޭކު އެޅުމުގައި ގިނައިން ހަރަކާތްތެރިވެ އުޅެނީ އަންހެނުންނެވެ. ނަމަވެސް އެއީ، އެކަން ފިރިހެނުންނަށް ނުކުރެވޭނެ ސަބަބެއް ނޫނެވެ. އެކަމުގެ އެންމެ ބޮޑު ހެއްކަކީ، ދުނިޔޭގެ އެންމެ މޮޅެތި ކޭކް ބޭކާސްގެ ތެރޭގައިވެސް ފިރިހެނުން ހިމެނޭތީއެވެ. ކޭކް އެޅުމަށް އެންމެ ގިނަ ބައެއްގެ މެދުގައި މަގުބޫލު، ފްރާންސްގެ ޕިއެރާ ހާރްމީ އަކީވެސް ފިރިހެނެވެ.

ސާދިމް ބުނި ގޮތުގައި ކޭކު އެޅުމަކީ އޭނާ އެންމެ ކުޑައިރުއްސުރެވެސް ވަރަށް ކުރާ ހިތްވާ ކަމެކެވެ. އުފަން ދުވަހެއްގައި ކޭކެއް ނުލިބުމަކީ، އެކަމަށް އޮތް ޝައުގު އިތުރުވި ކަމެކެވެ. އެހެންވެ، ޓީއެލްސީން ގެނެސްދޭ "ކޭކް ބޮސް" ޝޯ ވެގެން ދިޔައީ ސާދިމް އެންމެ ގަޔާވާ އެއް ޝޯއަށެވެ. އެ ޝޯގައި ކޭކު އެޅުމާ ގުޅޭ ގޮތުން ދައްކައިދޭ ކަންކަން ސާދިމް އޭނާގެ ސިކުނޑިއަށް ނަގައިގަނެ، އެކަން ޕްރޮސެސް ކުރަން ފެށިއެވެ. އަމިއްލަ އަތުން ކޭކެއް އެޅުމަށް ބޭނުންވާ ޑިޒައިން، ސިކުނޑީގައި ކުރަހާލިއެވެ.

"ވަރަށް ގިނައިން ހުންނާނެ އެ ޝޯއިން ދައްކައިދޭ ކޭކުތައް ކުރަހާފަވެސް. އެއިރަކު ކޭކު އަޅާކަށް ނެތް ތަކެއްޗެއް. އެހެންވެ، އެޅޭ ގޮތް ނުވީ. ދެން 2017 ގައި ބައްޕަ މާލެ ގޮސްފަ އައި ފަހަރެއްގަ ކޭކް އަޅާ ސެޓެއް ގެނެސްދިނީ. ދެން އެހާ ހިސާބުން މިކަން ފެށިގެން މިދިޔައީ" ދަބޭކާބޯއީގެ ނަމުގައި އިންސްޓަގްރާމްގައި ޕޭޖު ހިންގަމުން އަންނަ ސާދިމް ބުންޏެވެ.

ކޭކު އަޅަން ދަސްކުރިއިރު، އެކަމުގައި އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ މަންމަގެ ފަރާތުންނެވެ. ކޭކު ފިހަން ދަސްކޮށްދިނީ މަންމައެވެ. ނަމަވެސް ކޭކަށް ގެންނަން ޖެހޭ ޑިޒައިންތައް އެއިރުވެސް ގެނައީ ސާދިމްއެވެ. ރަށު ސްކޫލުން އޯލެވެލް ނިންމުމަށް ފަހު ކޭކް އަޅަން ދަސްކުރުމުގެ ބޭސިކް ކޯހެއް ސާދިމް ފުރިހަމަކުރިއެވެ. އެ ކޯހުން ދަސްވި ކަންކަމާއެކު ކޭކު އެޅުމުގައި ސާދިމް ދިޔައީ އޭނާގެ ހުނަރުތައް ދައްކަމުންނެވެ.

ރަށު ސްކޫލުން އޯލެވެލް ނިންމައި ސާދިމް ބަދަލުވީ މާލެއަށެވެ. އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން އޭ ލެވެލް ނިންމައި، ރަސްމީކޮށް ވިޔަފާރީގެ އުސޫލުން ސާދިމް ކޭކު އަޅަން ފެށިއެވެ. އެގޮތުން މިހާތަނަށް އޭނާ ވަނީ އެކި މުނާސަބާ ތަކަށް ގިނަ އަދަދެއްގެ ކޭކު އަޅައިދީފައެވެ.

މުހިންމީ ކަސްޓަމަރުން ބޭނުންވާ ގޮތް!

ހުރިހާ ވައްތަރެއްގެ ކޭކެއްވެސް ސާދިމް އަޅައެވެ. ނަމަވެސް އެންމެ ގިނައިން ސާދިމް ކޭކް އަޅައިފައި ހުރީ އުފަން ދުވަހުގެ ހަފުލާ ތަކަށެވެ. ވެޑިން ކޭކްތައް މަދުން ނަމަވެސް އަޅައިފައި އެބަހުއްޓެވެ.

ސާދިމް ބުނި ގޮތުގައި ކޭކްގެ އޯޑަރު އޭނާ އާއްމުގޮތެއްގައި ނަގަނީ ދެ ދުވަސް ކުރިންނެވެ. އެއީ ކަސްޓަމަރު ބޭނުންވާ ގޮތަށް ކޭކު އަޅައިދިނުމަށެވެ. ބައެއް ކަހަލަގެ ކޭކު ފިހުމަށް ގިނައިރު ނެގުމަކީވެސް ދެ ދުވަސްވަރު ކުރިން އޯޑަރުތައް ނަގާ އެއް ސަބަބެކެވެ.

"ކޭކުތަކުގެ މޮޑެލް ހިފައިގެން ސީދާ އެގޮތަށް އަޅަންވެސް ބައެއް ކަސްޓަމަރުން އަންނާނެ. އެކަމު ތެދަށް ބުނަންޏާ ކޮންމެވެސް ވަރެއްގެ ތަފާތެއް ހުންނާނެ. ސީދާ އެއްގޮތަށް ހެދުން އެއީ އުނދަގޫކަމެއް. އެކަމަކު ކަސްޓަމަރު ބޭނުންވާ ގޮތަށް ކޭކު މި އަޅައިދެނީ. ކަސްޓަމްކުރަން ބޭނުންވަންޏާ އެ ފުރުސަތުވެސް އޮންނާނެ. އެއީ ބިޒްނެސްއެއް ސަކްސެސްވާނީ ކަސްޓަމަރުން އުފާކޮށްދީގެން ކަމަށްވާތީ" ސާދިމް ބުންޏެވެ.

ޗެލެންޖިން، އެކަމު ފުރުސަތު އެބައޮތް!

ސާދިމް ބުނި ގޮތުގައި ކޭކު އެޅުމުގެ ދާއިރާއަކީ ވަރަށް ޗެލެންޖިން ދާއިރާއެކެވެ. އެއީ އެކަން ކުރާ ވަރަށް ގިނަ ބަޔަކު އުޅުމާއި ރަނގަޅު މެޝިނަރީޒްއާއެކު ކޭކު އެޅުމުގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދޭ ފަރާތްތައްވެސް އުޅޭތީއެވެ. ނަމަވެސް ކަސްޓަމަރުން އުފާކޮށްދީގެން ރަނގަޅު ކަސްޓަމާބޭސްއެއް އުފެއްދިދާނެ ކަމަށް ސާދިމް ގަބޫލު ކުރެއެވެ.

"މާލެ މިއީ ވަރަށް ބޮޑު ކޮމިޔުޓީއެއް. އެހެންވީމާ ފުރުސަތު އޮންނާނެ. ކުރަން މިޖެހޭ ކަމަކީ ކަސްޓަމަރުން އެޓްރެކްޓް ކުރުން" ސާދިމް ބުންޏެވެ.

ސާދިމް އަޅާ އެންމެ އާދައިގެ ކޭކެއް 350 ރުފިޔާއަށް ވިއްކާއިރު، އޭނާ މިހާތަނަށް އަޅައިފައިވާ އެންމެ އަގުބޮޑު ކޭކަކީ އުފަން ދުވަހަކަށް މިދިޔަ މަހު އޭނާ އަޅައިދިން ކޭކެވެ. އެ ކޭކު އޭނާ ވިއްކީ 1،500 ރުފިޔާއަށެވެ.

އަމާޒަކީ ކޭކާ ގުޅޭ ފުލް ސޮލިއުޝަނެއް ލިބޭ އަމިއްލަ ބްރޭންޑެއް!

ސާދިމް މިހާރު ކޭކު އަޅަމުން އަންނަނީ މާލޭގައި އޭނާ ދިރިއުޅޭ ގޭގައެވެ. އެހެންވެ، ބައެއް ގޮންޖެހުންތައް ހުރިނަމަވެސް ސާދިމްގެ އަމާޒު އޮތީ އުހުގައެވެ. ސާދިމް ބުނި ގޮތުގައި އޭނާގެ ޓާގެޓަކީ ކޭކުގެ ހުރިހާ ސާމާނެއް ލިބޭ އަމިއްލަ ބްރޭންޑެއް އުފެއްދުމެވެ. އަދި އެ ބްރޭންޑްގެ ވިޔަފާރި މުޅި ދުނިޔެއަށް ފުޅާކުރުމެވެ. އެ ހުވަފެން ހަގީގަތަކަށް ހެދުމަށް ސާދިމް އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

"އޭރުން ވަރަށް ގިނަ ބަޔަކަށް ފަސޭހަވެގެންދާނެ. ރާއްޖޭގައިވެސް އަދި ނެތް ވޯލްޑްވައިޑްކޮށް މިކަން ކުރާ ބައެއް. ރާއްޖެއިންވެސް އެހެން ގައުމުތަކަށް ޝިޕްކުރެވޭނެ." އޭނާގެ ހުވަފެނާ ބެހޭ ގޮތުން ސާދިމް ބުންޏެވެ.

ފުލްޓައިމް ވަޒީފާއަކަށް ދަމުން ހުސްވަގުތުތަކުގައި ޓިއުޝަން ނަގައިދެމުން ކޭކު އަޅައިދެމުން ސާދިމް ދައްކަމުން އަންނަނީ ނަމޫނާއެކެވެ. ހަނގާގެ ޝިކާރައަކަށްވެ، މާޔޫސްވި ދުވަސް މިހާރު އެއީ ސާދިމްގެ މާޒީއެވެ. މިއަދު އެންމެންވެސް އޭނާ ބަލައިގަނެވެ. ސާދިމްގެ ކޭކުތަކަށް ގިނަ ބަޔަކު މިއަދު ތައުރީފު ކުރެއެވެ.