ދުބާއީ އިން މިއަދު ރާއްޖެ އައި ފުލައިޓަކުން މުދާ ބާލަނިކޮށް ކޮންޓެއިނަރެއް ވެއްޓި މީހަކު ޒަހަމްވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަހަމްވެފައިވަނީ އެމްއޭސީއެލްގެ މުވައްޒަފަކަށެވެ.

އެމްއޭސީއެލްގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށެވެ. އަދި އަނިޔާ ލިބުނު މުވައްޒަފަށް މިހާރު އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އަނިޔާވި މުވައްޒަފުގެ ހާލު ސްޓޭބަލް ކަމަށާއި ނަމަވެސް ލިބުނު އަނިޔާގެ ތަފުސީލެއް މިވަގުތު ނޭނގޭ ކަމަށެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ މިއަދު ހެނދުނު 9:00 ގައި އެއާޕޯޓުން އަނިޔާވެގެން އެ ހޮސްޕިޓަލަށް އުމުރުން 29 އަހަރުގެ މީހަކު ގެނައި ކަމަށެވެ. އަދި އޭނާއަށް އެ ހޮސްޕިޓަލުގެ އެމަޖެންސީ ރޫމުގައި ފަރުވާދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އޭނާގެ ހާލަތާއި ލިބިފައި ހުރި އަނިޔާގެ ތަފުސީލެއް ހާމައެއް ނުކުރެއެވެ.