ޚަބަރު

އުރީދޫން އިންތިޒާމުކޮށްގެން ގަތަރާއި ރާއްޖެއާ ދެމެދު ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމާ ބެހޭ މަޝްވަރާތަކެއް ބާއްވައިފި

މުހައްމަދު ޖަމްޝަތް ވަހީދު

އުރީދޫ މޯލްޑިވްސް އިން އިންތިޒާމްކޮށް ރާއްޖެއާއި ގަތަރުގެ ބައެއް މިނިސްޓަރީތަކާއި މުއައްސަސާތަކާ ގުޅިގެން ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް މުޖުތަމައުގެ ކުރިއެރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފި އެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދިޔަ މި ބައްދަލުވުންތަކަކީ އުރީދޫގެ ތަސައްވަރާ އެއްގޮތަށް ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް އެކި ސިނާއަތްތައް ހިމެނޭހެން މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން، އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން ފާތިމާ އަލް ކުވާރީ ފަހިކޮށްދެއްވި ފުރުސަތެއް ކަމަށް އުރީދޫން ބުނެއެވެ.

މި ބައްދަލުވުންތަކުގައި ރާއްޖޭގެ އެންވާރްމަންޓް މިނިސްޓަރު އާމިނަތު ޝައުނާއާއި، އެޑިޔުކޭޝަން މިނިސްޓަރު ޢާއިޝަތު ޢަލީއާއި، މިނިސްޓާ އޮފް އާޓްސް އެންޑް ކަލްޗާ ދުންޔާ މައުމޫނުގެ އިތުރުން މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ގަތަރުން ބައިވެރިވަޑައިގެންނެވި މިނިސްޓަރުންގެ ތެރެއިން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ބުތައިނާ ބިންތު އަލީ އަލްނުއައިމީއާއި، މިނިސްޓާ އޮފް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް، ޝައިޚް ޑރ. ފަލިޙް ބިން ނާސިރު ބިން އަހުމަދު ބިން އަލީ އާލް ޘާނީއާއި، މިނިސްޓާ އޮފް ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ، ޝައިޚް މުހައްމަދު ބިން އަލީ އާލް މަނާއީއާއި، މިނިސްޓާ އޮފް ކަލްޗާ، އާޓްސް އެންޑް ހެރިޓޭޖް، ޝައިޚް ޢަބްދުއްރަހްމާން ބިން ހަމަދު އަލް ޘާނީ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުގައި އުރީދޫގެ މެނޭޖްމެންޓް ޓީމުގެ އިތުރުން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސައިން ނިޔާޒް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އުރީދޫން ބުނީ ރާއްޖޭގެ މިނިސްޓީރިއަލް ޑެލެގޭޝަންއަކާއި ދޯހާގައި ހުންނަ މުހިންމު ވުޒާރާތަކާއި މުއައްސަސާތަކާއެކު ކުރިއަށްގެންދިޔަ މި ބައްދަލުވުންތަކަކީ އުރީދޫ އިން އިސްނަގައިގެން، ބޭއްވި މި ބައްދަލުވުންތަކަކީ ގަތަރާއި ރާއްޖެއާ ދެމެދު ޑިޖިޓަލް ޙިދުމަތްތައް މެދުވެރިކޮށް ކުރެވިދާނެ ކަންކަމާއި ވުޒާރާތަކާއި މުއައްސަސާތަކުގެ ކުރިއެރުމަށް ކަންކަން ކުރާނެ އެންމެ ރަނގަޅު ގޮތްތަކާއި މެދު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުންތަކެއް ކަމަށެވެ. އަދި މިބައްދަލުވުންތަކާއެކު އެކުންފުނީގެ އަމާޒަކީ ގަތަރާއި ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ކުރިއެރުން ހޯދުމަށް، ހިޔާލު ބަދަލުކޮށް، ޕާޓްނާޝިޕްތައް ގާއިމްކުރުން ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ ގަތަރުގެ މިނިސްޓްރީތަކާއެކު ބޭއްވި ބައްދަލުވުންތަކުގެ އިތުރުން، ދިވެހިރާއްޖޭގެ ގައުމީ ލައިބްރަރީ ފެންވަރު ރަނގަޅުކޮށް އަޕްގްރޭޑްކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ގަތަރު ފައުންޑޭޝަންއާއި ކަމާބެހޭ މުހިންމު މުއައްސަސާތަކަށް ޒިޔާރަތްކުރުމުގެ މަގުވެސް އެކުންފުނިން ފަހިކޮށްދީފައިވާ ކަމަށެވެ. އަދި ގަތަރުގެ ގައުމީ ދާރުލްއާޘާރާއި، ކަތާރާ ކަލްޗަރަލް ވިލެޖާއި، އާޓް ގެލަރީއާއި، ވޯކްޝޮޕްތަކާއި އެގްޒިބިޝަންތައް ބާއްވާ ތަންތަނާއި، ޕާފޯމަންސް އެރީނާތަކުގެ އިތުރުން އެހެނިހެން ޘަގާފީ ދާރުލްއާސާރުތަކަށްވެސް މި ދަތުރުގައި ޒިޔާރަތް ކުރިކަމަށް އުރީދޫ އިން ބުންޏެވެ.