ގަތަރު ވޯލްޑް ކަޕް 2022

ގަތަރު ވޯލްޑްކަޕް 2022: ސީޒަނުގެ މެދުތެރެއިން ކުޅުންތެރިންނާ ވަކިވާންޖެހުމުގެ ދެރަ ޔޫރަޕުގެ ބޮޑެތި ކުލަބްތަކަށް

އިމާދު ލަތީފު

ވޯލްޑްކަޕް ފެށެން ދެންެއޮތީ ސަތޭކައަށްވުރެ މަދު ދުވަސްކޮޅެކެވެ. ވޯލްޑްކަޕް ފެށޭ ތާރީޚުވެސް ފީފާއިން އެވަނީ އޮރިޖިނަލް ޝެޑިއުލަށްވުރެ އެއްދުވަސް އަވަސްކޮށްފައެވެ. މިއީ ކުލަބް ފުޓްބޯޅައިގެ މޫސުމަކާ ދިމާވާގޮތަށް ބޭއްވޭ ފުރަތަމަ ވޯލްޑްކަޕެވެ. މުބާރާތަށްޓަކައި ހައެއްކަ ހަފުތާޔަށް ޔޫރަޕުގެ ލީގުތައް މެދުކަނޑައިލި ކަމަށްވިޔަސް ކުލަބްތަކަށް މިފަހަރު ވަރަށް ގެއްލުންވާނެއެވެ. ޚާއްސަކޮށް އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބުތަކަށެވެ. ވޯލްޑްކަޕުން މިފަހަރު ފެނިގެދާނޭ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ކުޅުންތެރިން ނިސްބަތްވާނީ އިނގިރޭސި ޕްރިމިއަރ ލީގަށެވެ. ކުޅުންތެރިން ވީއްލަންޖެހުމާއި މުހިންމު ކުޅުންތެރިންނާ ނުލައި ބައެއް މެޗުތައް ކުޅެން ޖެހުމުގެ ހިތްދަތިކަން އިނގިރޭސި ބޮޑު ހަ ކުލަބަށް ވަރަށްވެސް ބޮޑުވާނެއެވެ.

ވޯލްޑްކަޕަށްޓަކައި ޕްރިމިއަރ ލީގުގެ ކުޅުން މެދުކަނޑައިލާނީ ނޮވެމްބަރު ތޭރައިގައެވެ. އަލުން ފަށާނީ ޑިސެމްބަރު ސައްބީހުގައެވެ. ޕްރިމިއަރ ލީގުގެ ކުލަބްތަކުގެ ތެރެއިން ވޯލްޑްކަޕުގެ އަސަރު އެންމެ ބޮަޑަށް ފޯރާނެކަމަށް ބެލެވޭ ކުލަބަކީ ޗެލްސީއެވެ. އެ ކުލަބުގެ ވިއްސަކަށް ކުޅުންތެރިން އެކި ގައުމުތަކާއެކު ވޯލްޑްކަޕަށް ދާނެއެވެ. ކުޅޭނެއެވެ. ސެނެގޯލްގެ އެޑުއާ މެންޑީ، ބްރެޒިލްގެ ތިއާގޯ ސިލްވާ، ފްރާންސްގެ އެންގޮލޯ ކޮންޓީ، ކްރޮއޭޝިޔާގެ މަޓެއޮ ކޮވަޗިޗް، ޖާރމަނީގެ ކައި ހަވާޒް އަދި އިންގްލެންޑުގެ ރަހީމް ސްޓާލިން ފަދަ ކުޅުންތެރިންނެވެ. އަދިވެސް ކިތަންމެ ބައެކެވެ. ވޯލްޑްކަޕް ނިމިގެން އެއްބަޔަކު އަންނާނީ އުފަލުން ފޮޅިފައި ތިބެގެންނެވެ. އަނެއްބަޔަކު ހިތާމަޔާއި މޮޅިވެރިކަމުގައެވެ. ދެބައިމީހުންވެސް ތިބޭނީ ލޮޑުވެ ވަރުބަލިވެފައެވެ.

އެނބުރި އަންނައިރު ލީގާމެދު މާބޮޑު ފިކުރެއް ވެސް ނުހުންނާނެއެވެ. ބަައެއް ކުޅުންތެރިން އެނބުރި އަންނާނީ އަނިޔާވެސް ވެގެންނެވެ. ހަތުރުންގެ ގޮތުގައި މޫނު އަނބުރައިގެން އަންނަ ބަޔަކުވެސް ތިބޭނެއެވެ. މިއިން ކޮންމެ ކަމެއްގެ ނޭދެވޭ އަސަރު ކުލަބަށް ފޯރާނެއެވެ. ޗެލްސީގެ ކޯޗު ތޯމަސް ޓުޚުލް ވަނީ މިކަމާމެދު އޭނާގެ ކަންބޮޑުވުން ހާމަކޮށް ވާހަކަވެސް ދައްކައިފައެވެ. ކުޅުންތެރިން ވީއްލުމުގެ މައްސަލަ ލިވަރޕޫލަށްވެސް އެބައޮތެވެ. އެކަމަކު ޗެލްސީއަށްވުރެ ކުޑަކޮށެވެ. ލިވަރޕޫލްގެ ކޯޗު ޔޯގެން ކްލޮޕްގެ ކަންބޮޑުވުމަކީ ލީގުގެ މެދުތެރެއިން ހަ ހަފުތާއަށް ކުޅުން މެދުކަނޑައިލާއިރު ވޯލްޑްކަޕަށް ނުދާ ކުޅުންތެރިންގެ ތޫނުފިލިކަން ދަމަހައްޓާނެ ގޮތެކެވެ. ލިވަރޕޫލްގެ ތަރިންގެ ތެރެއިން މިސްރުގެ މުހައްމަދު ސަލާހާއި ކެމެރޫނުގެ ޖޮއެލް މެޓިޕް އަދި ކޮލަމްބިއާގެ ލުއިސް ޑިއާސްއަށް ވޯލްޑްކަޕްގެ ބުރައެއް ނެތެވެ.

މެންޗެސްޓަރ ސިޓީގެ ކުޅުންތެރިންގެ ތެރެއިންވެސް މަދުވެގެން ފަނަރަ ކުޅުންތެރިން ވޯލްޑްކަޕަށް ދާނެއެވެ. އޭގެ ތެރޭގައި ގިނައީ ބްރެޒިލްއާއި ޕޯޗުގަލްއާއި ބެލްޖިއަމާއި އިންގްލެންޑާއި ސްޕޭންފަދަ ބޮޑެތި ބާރުތައް ތަމްސީލުކުރާނޭ ކުޅުންތެރިންނެވެ. އެއީ މުބާރާތުގެ ފުރަތަމަ ބުރުން ކެޓީމާ ދެން އެންމެ އަވަހަށް ފުރާ ބޯޓަކަށް އަރައިގެން އެނބުރި އައުން ކައިރި ނޫން ކުޅުންތެރިންނެވެ. މުބާރާތުގެ އެންމެ ފަހުގެ މަރުހަލާތަކާއި ހަމަޔަށް އެމީހުން ދަތުރު ކުރާނޭ ކަމަށް ބެލެވެއެވެ. ކޯޗު ޕެޕް ގާޑިއޯލާގެ އެންމެ މުހިއްމު ތަރީންގެ ތެރެއިން ނޯވޭގެ ފޯވާޑް އާލިން ހާލަންޑަށް ވޯލްޑްކަޕެއް ނެތެވެ. އަދި އަލްޖީރިޔާގެ ރިޔާޒު މަހުރާޒާކަށްވެސް ވޯލްޑްކަޕުގެ ޑިއުޓީއެއް ނެތެވެ. ގާޑިއޯލާއަށް އޮތީ ހަ ހަފުތާވަންދެން އެމީހުންގެ ފޯކަސް ރަނގަޅުކޮށް ހެޔޮގޮތުގައި ބޭނުންކުރުމުގެ ތުރާލެވެ.

މެންޗެސްޓަރ ޔުނައިޓެޑަށް ބަލާއިރު ވޯލްޑްކަޕުގެ ޑިއުޓީއަށް ހިނގައިދާނޭކަމަށް ބެލެވޭ ކުޅުންތެރިންގެ އަދަދު އަށާރައެވެ. އެކަމަކު ކުލަބުގެ ފޯމު މިހާރު އޮތްގޮތުން މީގެ ތެރެއިން ބައެއް ކުޅުންތެރިން ގައުމީ ޓީމަށް ނަގާނެތޯ ސުވާލު އުފެދޭގޮތް ވެފައިވެއެވެ. އިންގްލެންޑުގެ ހެރީ މެގުއާ، ޖޯޑަން ސެންޗޯ، މާކަސް ރަޝްފަޑް، ފްރާންސްގެ ރަފޭލް ވަރާނާއި އެންތަނީ މާޝިއާލް އަދި ސްޕޭނުގެ ޑާވީޑް ޑެހެއާއަކީ މިދެންނެވި ގިންތީގެ ކުޅުންތެރިންނެވެ. އާސެނަލްގައި ވެސް ވޯލްޑްކަޕުގެ ޑިއުޓީއަށް ދިއުން ކައިރިކަމަށް ބެލެވޭ ސާދަ ކުޅުންތެރިޔަކު އެބަތިއްބެވެ. ބްރެޒިލްގެ ގަބްރިއެލް ޖިސޫސްއާއި އިންގްލެންޑްގެ ބުކާޔޯ ސާކާ ފަދަ ކުޅުންތެރިންނެވެ. ޓޮޓެންހަމް ހޮޓްސްޕާއިން ސަތާރަ ކުޅުންތެރިން ވޯލްޑްކަޕަށް ދިއުން އެކަށީގެންވެއެވެ. ފޯވާޑް ހެރީ ކޭން ހިމެނޭގޮތުންނެވެ.

ޔޫރަޕުގެ ޓޮޕް ލީގުތަކުގެ ތެރެއިން ވޯލްޑްކަޕްގެ ހިޔަނި އެންމެ ބޮޑަށް އެޅޭނީ އިނގިރޭސި ލީގަށް ކަމަށް ބެލެވޭއިރު އެކަމުގެ އަސަރު އެންމެ ކުޑަވާނޭ ކަމަށް ބެލެވެނީ އިޓަލީގެ ލީގަށެވެ. އޭގެ އެއްސަބަބަކީ މިފަހަރުގެ ވޯލްޑްކަޕަށް އިޓަލީ ކޮލިފައި ނުވުމެވެ. ސްޕޭނާއި ޖަރުމަނާއި ފްރާންސްގެ ލީގަށްވެސް މީގެ އަސަރުތައް ވަރަށް ބޮޑުވާނެއެވެ. ސްޕޭނުގެ ކުލަބްތަކުގެ ތެރެއިން އެންމެ ގިނަ ކުޅުންތެރިން ވީއްލަން ޖެހޭނީ ރެއާލް މެޑްރިޑާއި ބާސެލޯނާއަށެވެ. ޖަރުމަނުގެ ކުލަބުތަކުގެ ތެރެއިން އެންމެ ބޮޑަށް ބާރުއަރާނީ ބަޔާން މިއުނިކަށެވެ. ފްރާންސްގެ ކުލަބުތަކުގެ ތެރެއިން ޕެރިސް ސެންޓް ޖަމޭން، ޕީއެސްޖީއަށެވެ. އާޖެންޓީނާގެ ކެޕްޓަން މެސީޔާއި ޑިމަރިޔާއާއި ބްރެޒިލްގެ ނޭމާޔާއި ފްރާންސްގެ އެމްބާޕޭއަކީ އެ ކުލަބުގެ ތަރިންނެވެ.