ރައްޔިތުންނަށް ހެޔޮވެރިކަމެއް ނުލިބިގެން އުޅެނީ ބަރުލަމާނީ ނިޒާމު ނެތިގެން ނޫން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށް އެންމެ ބޮޑަށް މަސައްކަތްކުރައްވާ ބޭފުޅަކީ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާ މުހައްމަދު ނަޝީދެވެ. އެގޮތުން އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ވޯޓަށް އެހުމާއި ބޮޑުވަޒީރަކު ހުންނަގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވައިފައެވެ.
ގާނޫނުއަސާސީ އާއި ގާނޫނުތަކަށް އެ އިސްލާހުތައް ގެންނަން ޖެހޭ ސަބަބެއްގެ ގޮތުގައި ރައީސް ނަޝީދު ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ގާނޫނުއަސާސީން ދިވެހި ދައުލަތުގެ ވެރިކަމުގެ ނިޒާމާއި އިންތިހާބީ އުސޫލުތައް ކަނޑައަޅާފައިވާ ގޮތުން، ރިޔާސީ އިންތިހާބެއްގައި އެއް ޕާޓީން އެ އިންތިހާބު ކާމިޔާބުކޮށް، ސާފު ސާދާ މުތުލަގު ބާރުތަކަކާއެކު ސަރުކާރު ހިންގުމަށް އެއް ޕާޓީއަށް އާދެވުމަކީ ނާދިރުކަމަކަށްވުން ހިމެނެއެވެ. އަދި ވެރިކަމުގެ ނިޒާމާއި އިންތިހާބީ އުސޫލުތައް މިހާރު ރޭވިފައި އޮތް ގޮތުން، ސަރުކާރުގެ އެންމެ އިސް ފަރާތް (ރައީސުލްޖުމްހޫރިއްޔާ) ހޮވުމަށް ބާއްވާ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި، އެމްޑީޕީން އެހެން ޕާޓީތަކާއެކު އިއްތިހާދުވުމުން، ސަރުކާރު ހިންގުން ގަޑުބަޑުވެ، އެ ޕާޓީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައި ނުދެވި ސަރުކާރާ މެދު ޕާޓީގެ އާންމު މެންބަރުންގެ އިތުބާރު ކުޑަވަމުންދިޔުން ވެސް ފާހަގަ ކުރައްވާފައިވެއެވެ.
އެކަމާ ގުޅޭގޮތުން ނާޒިމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަބަދުވެސް ތާއިދުކުރަނީ މިހާރު މިއޮތް ވެރިކަމުގެ ނިޒާމު، ރިޔާސީ ނިޒާމަށް ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ނުލިބުގެން އުޅެނީ ބާރުތައް އެކުވެފައިވާ ބަރުލަމާނީ ނިޒާމު ނެތިގެން ނޫން ކަމަށެވެ.
"އަބަދުވެސް ތާއިދުކުރަނީ ރިޔާސީ ނިޒާމަށް. ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ނުލިބެނީ ބާރުތައް މަސްހުނިވެފައިވާ ބަރުލަމާނީ ނިޒާމު ނެތިގެނެއްް ނޫން،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ރިޔާސީ ނިޒާމަކީ ދައުލަތުގެ ބާރުތައް ޖަވާބުދާރީ ކުރުވައި، ސަރުކާރުގެ އެންމެ އިސްވެރިޔާ ހޮވަން ރައްޔިތުންގެ އަތަށް ވޯޓު ކަރުދާސްކޮޅު ލިބޭ ނިޒާމު ކަމަށެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވަނީ ބަރުލަމާނީ ނިޒާމު ގެނައުމަށް ފެންނަ ނުފެންނަ ވޯޓު މިއަހަރުގެ ތެރޭގައި ނެގިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއެކު ބަރުލަމާނީ ނިޒާމު ރާއްޖޭގައި މަސައްކަތް ކުރަން ފަށާނެ ކަމަށާއި އަންނަ އަހަރުގެ ފެބްރުއަރީން ފެށިގެން ބަރުލަމާނީގެ އިންތިގާލީ މަރުހަލާ ފެށޭނެ ކަމަށް ވިދާޅުވެފައިވެއެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ނަޝީދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުން ވެސް އެދިވަޑަައިގެންފައެވެ. ނަމަވެސް ރައީސް ސޯލިހު ވިދާޅުވެފައިވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު