ޓޭބަލް ޓެނިސް

ސޮލިޑާރިޓީ ގޭމްސްގެ ކާމިޔާބީއާއެކު ޓީޓީ ޓީމަށް ހޫނު މަރުހަބާއެއް، ރައީސްވެސް ބައިވެރިވެއްލެއްވި!

ތުރުކީގެ ކޮންޏާގައި ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ގައުމީ އަންހެން ޓީޓީ ޓީމުން ސެމީ ފައިނަލުގައި ވާދަކޮށް، ލޯ މެޑަލް ހޯދާފައިވާތީ، ޓީމު މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މިއީ ސޮލިޑާރިޓީ ގޭމްސްގެ ޓީޓީން ރާއްޖެ ހޯދި ފުރަތަމަ މެޑަލްއެވެ. އަދި މިފަހަރަކީ ރާއްޖެއިން ބޮޑު މުބާރާތެއްގެ ސެމީއަށް ޓީޓީގައި ދިޔަ ފުރަތަމަ ފަހަރުވެސް މެއެވެ. އެ ކާމިޔާބީއާއެކު ތުރުކީގައި ހުރެ ކޯޗު ޝިއުރީ އިބްރާހީމް ބުނެފައިވަނީ ހޯދުނު ކާމިޔާބީއަކީ ރާއްޖޭގެ ރައްޔިތުންނަށް ހާއްސަ ކާމިޔާބީއެއް ކަަމަށާއި ޓީޓީން އަނެއްކާވެސް ތާރީހު ލިޔެލެވުމުން އުފާކުރާ ކަމަށެވެ.

ޓީޓީ ފިރިހެން ޓީމުންވެސް މިފަހަރުގެ މުބާރާތުގައި ކުރިއެރުންތަކެއް ހޯދާފައިވާ އިރު، މިއަދު ފިރިހެން ޓީމުވެސް މާލެ އައިސްފައިވެއެވެ. އަންހެން އަދި ފިރިހެން ޓީމަށް މަރުހަބާ ދެންނެވުމަށް ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްވެސް ވަޑައިގެންފައިވާ އިރު، މަރުހަބާ ކިޔާފައިވަނީ ސަގާފީ ހަރަކާތާ އެކުގައެވެ.

މަރުހަބާ ދެންނެވުމަށްފަހު ރައީސް ވަނީ ޓީޓީ ޓީމާ ބައްދަލު ކުރައްވައިފައެވެ. ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް މިހާރަށްވުރެ އިތުރު ފަހިގޮތްތައް ކުރިޔަށް އޮތްތަނުގައި ސަރުކާރުން ހަމަޖައްސަވައިދެއްވާނެ ކަމަށާއި ސޮލިޑާރިޓީ ގޭމްސްގައި އަންހެން ޓީޓީ ޓީމް ހޯދި ކާމިޔާބީއަކީ ކުޅިވަރުގެ މައިދާނުގައި ރާއްޖޭގެ ނަން، ރަން އަކުރުން ފެވިގެންދާނެ ކާމިޔާބީއެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކުރިން ރާއްޖެއަށް ގިނަ ކާމިޔާބީތައް ހާސިލުކުރެވެމުން ދިޔައީ ސަރަހައްދީ މުބާރާތްތަކުން ކަމުގައިވީ ނަމަވެސް މިފަހަރުގެ މި ކާމިޔާބީއާއެކު ކުޅިވަރުގެ މައިދާނުގައި ރާއްޖެއަށް މިއައްވުރެ މާބޮޑެތި ކާމިޔާބީތައް ވެސް ހޯދިދާނެކަމުގެ އިތުބާރާއި ޔަގީންކަން މިހާރު ލިބިވަޑައިގެންފި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ ފުދުންތެރިކަން ހުރި މިންވަރަކުން ހުރިހާ ކުޅިވަރުތައް ތަރައްގީކުރުމަށް ވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމަށެވެ. ހަމައެއާއެކު މިކަންކަން މުޅި ރާއްޖެއަށް ފުޅާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކުދިންގެ ހުނަރު އިތުރަށް ތަރައްގީކޮށް، މުބާރާތްތަކުގައި ބައިވެރިވޭނެ ފުރުސަތުތައް އިތުރުކޮށްދިނުމަށް އަދިވެސް އިތުރަށް މަސައްކަތް ކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އެތުލީޓުން ބޭރުގެ އެކި ކުޅިވަރު މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރުމުން ކުޅިވަރުގެ ދާއިރާއަށް ލިބޭ ކުރިއެރުންތަކާއެކު، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އިތުރަށް މަޝްހޫރުވެ ރާއްޖޭގެ މަގުބޫލުކަން އިތުރުވެގެންދިއުން ފަދަ އެތައް ފައިދާތަކެއް ލިބިގެންދާ ކަމަށެވެ.

ސޮލިޑާރިޓީ ގޭމްސްގެ ބައިވެރިންނަށް މަރުހަބާ ކިޔުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.