ޚަބަރު

ނާޒިމްގެ ވީޑިއޯގެ މައްސަލައިގައި ނަޝީދު: ހެއްކަކީ ކޮބައިކަމާއި ފޮޓޯއަކީ ކޮބައިކަން ގާނޫނުގައި ވަރަށް ސާފު!

އަލީ ޔާމިން

ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރުގެ ވީޑިއޯގެ މައްސަލައިގައި ހެއްކަކީ ކޮބައިކަމާއި ފޮޓޯއަކީ ކޮބައިކަން ގާނޫނުގައި ވަރަށް ސާފު ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނާޒިމް ކަމަށް ބެލެވޭ މީހަކު ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި ވީޑިއޯއެއް އާއްމުވުމާ ގުޅިގެން ނާޒިމް ހައްޔަރުކުރިއެވެ. ނާޒިމް ބަންދުން ދޫކޮށްލީ 14 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހުއެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ، ބަޔަކު މީހުން ގެންދިޔައީ އިންތިޒާމުވެގެން ރޭވިގެން އޮރިޔާން ފޮޓޯ އުފައްދައި އެތަކެތި ބޭނުން ކުރަމުން ކަމަށެވެ. އަދި އެތައް ބައެއް ރަހީނުކޮށް އެމީހުންގެ އަތުން ފައިސާ ނަގަމުންދިޔަ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ނުކުތާއަކީ ލޮލަށް ފެންނަ ކޮންމެ ފޮޓޯއަކާވެސް އެބާވަތުގެ ކަންކަމުގައި ގާނޫނުގައި ބަޔާންކުރާ ގޮތަށް އެކަމުގައި އަމަލުކުރަން ޖެހޭނެ ކަމަށް. އަދި އެއީ ރައީސުލްޖުމްހޫރިއްޔާގެ ފޮޓޯފުޅެއް ކަމަށް ބުނެ ބަޔަކު މީހުން ދައުރުކުރި ފޮޓޯއަކަށް ވިޔަސް އަޅުގަނޑާ ގުޅޭގޮތުން ބަޔަކު މީހުން ދައުރުކުރި އެއްޗެއް ކަމުގައި ވިޔަސް އެ ހުރިހާކަމެއް ހިނގަމުންދާންވާނީ ގާނޫނީ ތަރަހައިގެ ތެރޭގައި. ހެއްކަކީ ކޮބައިތޯވެސް އަދި ފޮޓޯއަކީ ކޮބައިތޯވެސް ގާނޫނު ވަރަށް ބޮޑަށް ސާފުކޮށްދޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމް ހައްޔަރުކުރުމުން އޭރު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. އެގޮތުން ރައީސް ނަޝީދު ވަނީ ރައީސް ސޯލިހުގެ ސަރުކާރުން ނާޒިމް ހައްޔަރުކުރީ ސަރުކާރު ކޯލިޝަންގައި ތިބި ބަޔަކު ރުއްސަން ކަމަށް ވިދާޅުވެފައެވެ. އަދި ނާޒިމްގެ މައްސަލައަށް ނުފޫޒު ނުފޯރުވިނަމަ އޭނާއަށް އިންސާފު ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމް ހައްޔަރުކުރީ ރިސޯޓެއްގައި ހުއްޓައި މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. ބަންދާ މެދު ގޮތެއް ނިންމުމަށް ފުރަތަމަ ގެންދިޔައީ އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށެވެ. އެ ކޯޓުން އޭނާއަށް ޖެހީ ހަތް ދުވަހެވެ.

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމް، ތަހުގީގަށް ހާޒިރުކޮށް ފުލުހުން ވަނީ މީގެ ކުރިން ބަޔާން ނަގައި އޭނާގެ ޕާސްޕޯޓްވެސް ހިފަހައްޓައިފައެވެ.