ޚަބަރު

އަންހެނަކު ރޭޕް ކުރި މައްސަލައިގައި މީހަކު އަދި ހައްޔަރެއް ނުކުރޭ: ޕޮލިސް

ރިފާ ހަލީލު

މާލޭ ސިޓީގައި އަންހެނަކު ރޭޕުކުރި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންނަށް މި މައްސަލަ ހުށަހެޅި މިމަހުގެ އަށް ވަނަ ދުވަހުއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ މާލޭގައި އަންހެނަކު ރޭޕްކުރި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއެވެ.

ރޭޕްގެ ޝިކާރައަކަށްވި ކަމަށް ބެލެވޭ އަންހެން މީހާ މިމަހުގެ ނުވަ ވަނަ ދުވަހު ވަނީ އެކަން ހިނގައިދިޔަ ގޮތް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އޭނާ ކުރި ޓުވީޓެއްގައި ބުނީ، އޭނާ އާއި އޭނާގެ ލޯބިވެރިޔާ ދިޔައީ އަށް ވަރަކަށް މީހުންގެ "ގެޓްޓުގެދާ" އަކަށް ކަމަށެވެ. ގެޓްޓުގެދާ ނިމުމުން އެވަގުތު އެތަނުގައި ހުރި އެހެން އަންހެނަކު ގެޔަށްލާން އޭނާގެ ލޯބިވެރިޔާ ދިޔަ ކަމަށެވެ. އެވަގުތު އެތަނުގައި ހުރީ އޭނާ އާއި އިތުރު ފިރިހެނެއް އެކަނި ކަމަށް އޭނާ ބުންޏެވެ.

"އެވަގުތު އޭނާ އަހަރެންގެ ފައިގަ ހިފި. އަދި ގަދަކަމުން ސޯފާ މައްޗަށް އެއްލައިލި. އޭނާ ކައިރިން ސަލާމަތްވާން ހަޅޭ ލަވައި އޭނާ ދުރުކުރަން މަސައްކަތް ކުރިން، އެކަމަކު އޭނާ ގަދަކަމުން އަހަރެން ރޭޕް ކުރީ،" އޭނާގެ ޓުވީޓްގައި ބުންޏެވެ.

ފިރިހެން މީހާގެ ނަމާއި ފޮޓޯއާއެކު އޭނާ ކޮށްފައިވާ ޓުވީޓްގައި ބުނީ އޭނާގެ ލޯބިވެރިޔާ އެނބުރި އައިއިރު އޭނާ ހުރީ ޝޮކެއްގައި ކަމަށާއި އެވަގުތު ވާހަކަވެސް ނުދެއްކުނު ކަމަށެވެ.

"ކުރެވުނުހާވެސް ކަމަކީ ރުއިން. އޭނާ (ލޯބިވެރިޔާ) ވަގުތުން އަހަރެން ގެއަށް ގެންދިޔަ. ގެއަށް ގެންދިއުމުން އަހަރެން ހުރިހާ ވާހަކައެއް ކިޔައިދިނިން. އެއަށްފަހު އެ މައްސަލަ ފުލުހަށް ހުށަހެޅިން،" އޭނާ ބުންޏެވެ.

އޭނާ ބުނީ ފުލުހަށް މައްސަލަ ހުށަހެޅަން ދިއުމުން "ލައިގެން ހުރި ސްކާޓްގެ ދިގުމިނަކީ ކޮބައިތޯ" ފުލުހުން ސުވާލުކުރި ކަމަށެވެ. އެފަދަ ސުވާލެއް ފުލުހުން ކުރުމުން އިންސާފު ލިބޭނެ ކަމުގެ އުންމީދު ނެތް ކަމަށްބުނެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ތުހުމަތުވާ ފިރިހެން މީހާ ވަނީ ސޯޝަލް މީޑިއާގައި މި ހުރިހާ ކަމެއް ދޮގުކޮށްފައެވެ.