ލުއި ޚަބަރު

ވިހި ރުޕީސް ހޯދަން ކުރި ދައުވާ ބާވީސް އަހަރު ފަހުން ކާމިޔާބުވެއްޖެ

އަސްލު އަގަށްވުރެ ބޮޑުކޮށް ރޭލު ޓިކެޓް ވިއްކި މައްސަލައެއްގައި ވިހި ރުޕީސް ހޯދަން އިންޑިޔާގެ ރެއިލްވޭއާ ދެކޮޅަށް ކޯޓުގައި ކުރި ދައުވާ ބާވީސް އަހަރު ފަހުން އިންޑިޔާ މީހަކު ކާމިޔާބުކޮށްފިއެވެ.

އުމުރުން މިހާރު 66 އަހަރުވެފައިވާ ޗަތުރަވެޑީ މި މި މައްސަލަ ކޯޓަށް ވެއްދީ 1999 ވަނަ އަހަރުއެވެ. އޭނާ ބުނާގޮތުން އުއްތަރު ޕްރަދޭޝްގެ މަތޫރާ ރޭލް ސްޓޭޝަނުން އޭނާ ދެ ޓިކެޓެއް ގަނެފައިވާއިރު އަސްލު އަގަށްވުރެ އިތުރަށް ވިހި ރުޕީސް ވަނީ އަތުލައިފައެވެ. އެ އަދަދު އަލުން ހޯދުމަށްޓަކައި އޭނާ މައްސަލަ ވެއްދީ ކޮންސިއުމަރ ކޯޓަށެވެ. އެއީ ޚިދުމަތުގެ އަގާއި ގުޅުންހުރި ޝަކުވާތަކާއި ދައުވާތަކަށް ޚާއްސަ ކޯޓެކެވެ.

މި މައްސަލަ ޗަތުރަވެޑީއާ އެއްކޮޅަށް ނިމުނީ ބާވީސް އަހަރުގެ ތެރޭގައި ސަތޭކަޔަށްވުރެ ގިނަ އަޑުއެހުންތައް ބޭއްވުމަށްފަހު ހުސްވި ހަފުތާ ތެރޭގައެވެ. އިންޑިޔަން ރޭލްވޭގެ މައްޗަށް ކޯޓުން ހުކުމްކުރީ ޗަތުރަވެޑީއަށް ވިހި ރުޕީސް އަލުން ދިނުމާއެކު އޭގެ އިންޓަރެސްޓް އަހަރަކަށް ބާރަ އިންސައްތައިގެ މަގުން ދިނުމަށެވެ.

ޗަތުރަވެޑީއާ އެއްކޮޅަށް ކޭސް ނިމުމާ ގުޅިގެން އޭނާ ބުނެފައިވަނީ އިންސާފު ހޯދުމަށް ހޭދަކުރި ވަގުތާއި ހަކަތައަކީ އަގުވެސް އަދާނުކުރެވޭނޭ އެއްޗެއް ކަމަށެވެ. މި މައްސަލައިގައި ކޮންސިއުމަރ ކޯޓުންވަނީ އިންޑިޔަން ރެއިލްވޭއިން ޗަތުރަވެޑީއަށް ޖުރިމާނާގެ ގޮތުގައި ފަނަރަހާސް ރުޕީސް ދިނުމަށްވެސް ހުކުމްކޮށްފައެވެ. މިހުރިހާ ފައިސާއެއް ތިރީސް ދުވަހުގެ ތެރޭގައި ދިނުމަށްވެސް އަމުރުކޮށްފައިވެއެވެ.