ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބަލިކޮށް, ބުރު ސްޕޯޓްސް ކްލަބުން ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފުރިހަމަ ވަގުތު ހަމަވި އިރު, 1-1ގެ ނަތީޖާއަކުން ދެ ޓީމު ވަނީ އެއްވަރުވެފައެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ބުރު އަތުން ނިއު ބަލިވީ 4-3ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރިހަމަ ވަގުތުގެ ތެރޭގައި ފެނުނު ދެ ލަނޑަކީ ވެސް ފުރަތަމަ ހާފުގައި ފެނުނު ލަނޑުތަކެކެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ބުރު ސްޕޯޓްސްއަށް ބިދޭސީ ކުޅުންތެރިޔާ ސްޓެފަން ޑުރިޗް ލީޑު ހޯދައިދީފައި ވަނިކޮށް, މެޗުގެ 33 ވަނަ މިނެޓުގައި ނިއުއަށް ނަތީޖާ ހަމަހަމަކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ކޯފީ އޮވުސޫއެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ބުރު ސްޕޯޓްސްގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ބްރޫނޯ އަރަބަލް ޕަސަމާނީ އާއި މިރްޔަލޮލް ކަސިމޯވް އާއި އަހުމަދު މުހައްމަދު ގަބަލާ މުހައްމަދު އަދި އަހުމަދު ނިޒާމެވެ. އެޓީމަށް ނާކާމިޔާބުވީ ސްޓެފަން ޑުރިޗް ފޮނުވާލި ޕެނަލްޓީއެވެ.

ނިއުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އާދަމް ޝަހީމާއި ކޯފީ އޮވުސޫ އަދި ސައްދާމް ހުސައިނެވެ. އެޓީމުން ޓޮރިޗް ޖެބްރިން އަދި ފާރޫކް ކޭދަރޯވް ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ.

ދަރަނީގެ މައްސަލަތަކުގެ ސަބަބުން 2019 ވަނަ އަހަރު ސަސްޕެންޑުކުރި ނިއުގެ ސަސްޕެންޝަން އުވާލުމާއެކު މިއަހަރު އެކްލަބުން ދެވަނަ ޑިވިޝަނަށް ނުކުތީ ރަނގަޅު ސްކޮޑަކާއެކު އަލުން ފުރަތަމަ ޑިވިޝަނުގައި ރަސްކަން ކުރުމުގެ އަޒުމާއެކުއެވެ. ނަމަވެސް ސެމީގައި ބަލިވުމާއެކު ސޮބާހް މުހައްމަދު (ސޮބާ)ގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ނިއުއަށް މިވަނީ އިތުރު އިންޒާރެއް ކުރަން ޖެހިފަައެވެ.

ދެވަނަ ޑިވިޝަންގެ ފައިނަލުގައި ބުރު ސްޕޯޓްސްއާ ދެކޮޅަށް ނުކުންނާނީ ކުޑަހެންވޭރު ޔުނައިޓެޑާއި ޓީނޭޖު ކުޅޭ ސެމީގެ ދެވަނަ މެޗުން މޮޅުވާ ޓީމެކެވެ.

ދެވަނަ ޑިވިޝަނުގެ ފައިނަލަށް ދާ ދެ ޓީމެއް އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދަން ކުޅެން ޖެހޭނީ ރެލިގޭޝަން ބުރެކެވެ. އެ ބުރުގައި ދެވަނަ ޑިވިޝަންގެ ޗެމްޕިއަނާއި ރަނަރަޕް ވާދަކުރާނީ ދިވެހި ޕްރިމިއާ ލީގުގެ ފުލަށް ދިޔަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ.