Close
ޚަބަރު

ރާއްޖޭގެ އެންމެ ތަޖުރިބާކާރު ނޫސްވެރިން ކިޔަވައިދޭ ކޯހެއް އަންނަ ހަފުތާގައި ފަށަނީ

މުހައްމަދު އިޝާން

ރާއްޖޭގެ އެންމެ ތަޖުރިބާކާރު ނޫސްވެރިން ކިޔަވައިދޭ ނޫސްވެރިކަމުގެ ކޯހެއް މިމަހު ފެށުމަށް ޝަހީބް މީޑިއާއިން ނިންމައިފިއެވެ.

ކޯސް ކުރިއަށް ގެންދާ ޝަހީބް މީޑިއާއިން ބުނީ، އެ ކޯހުގެ މުއްދަތަކީ ދެ ހަފުތާ ކަމަށެވެ. ނޫސްވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދޭ ކޯސް" ބާއްވާނީ މި އޯގަސްޓް 21 އިން ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހަށް އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައެވެ. އެ ކޯސް އޮންނާނީ ރޭގަނޑު 08:00 އިން 10.30 އަށެވެ.

ޝަހީބް މީޑިއާއިން ބުނީ، އެ ކޯހުގެ މަގުސަދަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މިހާރު ވެސް މަސައްކަތްކުރާ ޒުވާނުންނާއި ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ޒުވާނުންގެ ލޯހުޅުވައިދީ، އޮއްޓަރުހުރި ފޭރާން ހެޔޮ ހަބަރު ލިޔާނެ ގޮތްތަކާއި ނޫސްވެރިކަމުގެ އަސާސީ ހުނަރުތައް ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ ކޯހެއް ކަމަށެވެ.

އެ ކޯސް ހިންގުމަށް ޝަހީބް މީޑިއާއިން ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއެކު މިދިޔަ އާދިއްތަ ދުވަހު ސޮއިކޮށްފައެވެ.

މި ކޯހުގައި ބައިވެރިވާން 30 ޖާގަ ދެއެވެ. އޭގެ ތެރެއިން 20 ޖާގަ ހާއްސަކޮށްފައި ވަނީ މީޑިއާތަކަށެވެ. އެ 20 ޖާގައަށް ބައިވެރިން ކަނޑައަޅާނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުންނެވެ.

އަނެއް 10 ޖާގައަށް ބައިވެރިން ހޮވާނީ އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލާ ފަރާތްތަކުގެ މެދުގައި އިންޓަވިއު ކުރުމަށްފަހުއެވެ. އާންމުކޮށް ހުޅުވާލާ 10 ޖާގައަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ވައިބަރ ނަންބަރު: 9934333 އަށް އައިޑީ ކާޑާއި ގުޅޭނެ ނަންބަރު ފޮނުވުމަށް ޝަހީބު މީޑިއާއިން އެދެއެވެ.

ބާކީ 10 ޖާގައަށް ބައިވެރިން ހޮވާނީ އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލާ ފަރާތްތަކުގެ މެދުގައި އިންޓަވިއުކޮށްގެންނެވެ. އާންމުކޮށް ހުޅުވާލާ 10 ޖާގައަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އައިޑީ ކާޑާއި ގުޅޭނެ ނަމްބަރު 9934333 އަށް ވައިބާ ކުރުމަށް ޝަހީބް މީޑިއާއިން ވަނީ އެދިފައެވެ.

އެ ކޯހުގައި ބައިވެރިވުމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ބުދަ ދުވަހުގެ މެންދުރު 2:00އެވެ.

ޝަހީބް މީޑިއާއިން އަންނަ ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާ އެ ކޯހުގައި ކިޔަވައިދޭނީ ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެ ތަޖުރިބާކާރު، އެންމެ ފުންނާބުއުސް، ނޫސްތަކުގެ އެޑިޓަރުންނެވެ.އޭގެ ތެރޭގައި މުޅިން ވެސް ތިއްބަވާނީ ނޫސްވެރިކަމުގެ ގައުމީ އިނާމާއި، ނޫސްވެރިކަމުގެ އަލިމަސްގަލަން ނުވަތަ ނޫސްވެރިކަމުގެ ރަން / ރިހި ގަލަން ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.

ކޯހުގެ ބައިވެރިންނަށް ކިޔަވައިދޭނީ:

  • އަދިވެސް އޮންލައިންގެ ސީއީއޯ/ އެޑިޓަރު މުހައްމަދު ޝަހީބް
  • ދައުރު އޮންލައިންގެ ސީއީއޯ/ އެޑިޓަރު މޫސާ ލަތީފު
  • މިހާރު އޮންލައިންގެ އެޑިޓަރު އިސްމާއީލް ނަސީރު
  • އަދަދު އޮންލައިންގެ އެޑިޓަރު ހުސެއިން ފިޔާޒު މޫސާ
  • މި ނޫހުގެ އެޑިޓަރު އާދަމް ހަލީމް
  • ވަން އޮންލައިންގެ ސީއީއޯ/ އެޑިޓަރު ސިނާން އަލީ
  • ދައުރު އޮންލައިންގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ)
  • ނިއުސް އެނަލިސްޓް އިމާދު ލަތީފު
  • މޮންދު ޕްރޮޑަކްޝަންގެ ސީއީއޯ މުހައްމަދު އާސިފު
  • ދިވެހި ބަހުގެ ތަޖުރިބާކާރެއް ކަމަށްވާ މުހައްމަދު އާމިރު (ފަރެސް)

ޝަހީބު މީޑިއާއަކީ ނޫސްވެރީން ތަމްރީނު ކުރުމާއި، ޒުވާނުންނަށް މީޑިއާގެ ދާއިރާއިން ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި މީޑިއާ މެނޭޖު ކުރުމާއި މީޑިއާ މާކެޓިން އަދި ޕްރޮމޯޝަނާ ގުޅޭ އެކިއެކި މަސައްކަތް ކުރުމުގެ މަގުސަދުގައި 2010 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓުގައި ރަޖިސްޓްރީކޮށްފައިވާ، "މީޑިއާ ހައުސް" އެކެވެ.

ޝަހީބު މީޑިއާއިން އިންތިޒާމްކުރި ނޫސްވެރިންގެ ތަމްރީނު ޕްރޮގްރާމްތައް 2010 އިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ހިންގައިފައެވެ.