މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުއްވާލައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުސަތު، ހާއްސަ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލާފައިވާ ކަމަށެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ސެޕްޓެންބަރު މަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.
މިއަހަރު މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު، ފަސް ގިންތިއަކުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ހިމެނެނީ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކާއި ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކާއި ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކާއި ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކެވެ.
މި ހަތަރު ގިންތިއަށްވެސް އިނާމު ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.
މިއަހަރު ހާއްސަ އިނާމާބެހޭ ކޮމިޓީން ވަނީ ރައީސް ސޯލިހްގެ ލަފާފުޅާއެކު އެއް ގިންތި އިތުރުކޮށްފައެވެ. އެއީ މިއަހަރަކީ ރާއްޖޭގައި ފަތުރުވެރިކަން ފެށިތާ 50 އަހަރު ފުރުން ފާހަގަކުރާ ރަންޔޫބީލް އަހަރުކަމަށްވާތީ، ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވައި، ދަމަހައްޓައި، އިންގިލާބީ ބަދަލުތަކެއް ގެނެސްދީގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދިނުމުގެ ގިންތިއެވެ.
އެގޮތުން އެ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މިއަހަރެވެ. އެ ގިންތިން ތިން ރޮނގަކުން އިނާމު ދޭނެއެވެ. އެއީ އީޖާދީ އުފެއްދުމެއް ނުވަތަ އީޖާދީކަމެއް ތައާރަފުކޮށްގެން ފަތުރުވެރިކަމުގެ ދާއިރާއަށް މުހިންމު ކާމިޔާބީއެއް ހޯދައިދިނުމުގެ ރޮނގާއި އިންސާނީ ވަސީލަތްތައް ތަރައްގީކޮށް ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ ރޮނގާއި ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ ދިވެހިންގެ ތެރެއިން އެ މުވައްޒަފެއްގެ މަގާމުގެ މަސްއޫލިއްޔަތުތަކާ ގުޅޭ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރުމުގެ ރޮނގެވެ.
އެ ގިންތީގެ ކާމިޔާބީތައް މިންކުރުމުގައި މައިގަނޑު ގޮތެއްގައި ބަލާނީ 1 އޮގަސްޓް 2017 އިން 31 އޮގަސްޓް 22ގެ ނިޔަލަށެވެ. މީގެ އިތުރުން މަތީ ތައުލީމާއި ތަމްރީނުގެ ގިންތިއަށް ނަން ހުށަހެޅޭނީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކާއި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއް ނުވަތަ އަށެއް ނުވަތަ ނުވައެއްގެ ސަނަދެއް ހާސިލުކުރުމުގައި އެންމެ މަތީ ވަނަ ހޯދާފައިވާ ފަރާތްތަކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު