ޚަބަރު

މިނީ ބަހުގެ ހިދުމަތް ފަށަން މަޖީދީ މަގުގައި ޕާކު ކުރުން މަނާކޮށްފި

ރިފާ ހަލީލު

މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށަން ތައްޔާރުވަމުން ދާތީ މަޖީދީ މަގުގައި ޕާކު ނުކުރެވޭ ގޮތް ހަދައިފިއެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް "ވަން"އަށް މިއަދު ވިދާޅުވީ ސަރުކާރުގެ މިނީ ބަހުގެ ޕްރޮޖެކްޓުގެ ދަށުން މިނީ ބަހުގެ ހިދުމަތް ފަށަން ތައްޔާރުވުމުގެ ގޮތުން މާލޭގެ ބޮޑެތި މަގުތަކުގައި ޕާކު ނުކުރެވޭ ގޮތް ހަދަން އެދުނު ކަމަށެވެ. އެގޮތުން އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން މިހާރު މަޖީދީ މަގުގައި ޕާކު ނުކުރެވޭ ގޮތް ހަދާފައިވާ ކަމަށެވެ.

ނަރީޝް ވިދާޅުވީ މީގެ ކުރިން ޕާކު ނުކުރެވޭ ގޮތް ހަދަން ސަރުކާރުން އެދުމުން ސިޓީ ކައުންސިލުން އެކަމަށް ދެކޮޅު ހެދީ ޕާކު ކުރާނެ ޕާކިން ޒޯންތައް ނެތުމުން ކަމަށެވެ. ނަމަވެސް މިހާރު ޕާކިން ޒޯންތައް ހަދާނެ ތަންތަން ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިނީ ބަހުގެ ހިދުމަތް ފަށައި ދެކޮޅަށް ދުއްވަންޏާ އަޅުގަނޑުމެންނަށް ޖެހޭނީ ޕާކު ނުކުރެވޭ ގޮތް ހަދަން. ޕާކިން ޒޯންތައް ގާއިމުކުރުމަށް ލިބެންހުރި ބިންތައް ސަރުކާރުން ސިޓީ ކައުންސިލާ ހަވާލުކުރުމުން އެތަންތަނުގައި ޕާކިން ޒޯންތައް ގާއިމުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. އަދި ބައެއް މަގުތަކުގައި ޕާކު ނުކުރެވޭ ގޮތްވެސް މިދަނީ ހަދަމުން." އޭނާ ވިދާޅުވިއެވެ.

އެގޮތުން މިނީބަސް ރޫޓުގައި ހިމެނޭ ނަލަހިޔާ ބުރު ކައިރީ މަގުގެ މެދުގައި ޖަހާފައިވާ ޑިވައިޑާއިން ބައެއް ނަގައި ސަން ފްރަންޓް ފިހާރަ ކައިރީ ޕޭމަންޓުންވެސް ވަނީ ބައެއް ނަގައިފައެވެ. އަދި އެތަނުގައި މިހާރު ވަނީ އާ ޕާކިން ޒޯނެއް ހަދައިފައެވެ.

މަޖީދީ މަގުގައި މިހާރު ޕާކު ކުރުން މަނާކޮށް، ރޮނގު ދަމައި ނޯ ޕާކިން ކޯންވެސް ވަނީ ޖަހައިފައެވެ. އަދި އެކިއެކި ސަރަހައްދުތަކުގައި ބަސް ސްޓޮޕްތައް ދަނީ ބަހައްޓަމުންނެވެ.

މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި ބޮޑެތި މަގުތަކުގައި ޕާކު ނުކުރެވޭ ގޮތް ހަދައި، ޕާކިން ޒޯންތައް ގާއިމުކުރުމަށް ސަރުކާރުން ސިޓީ ކައުންސިލަށް ދީފައިވާ ބިންތަކަކީ ރަސްފަންނު ކައިރީގައި އޮންނަ ކޮރަލް ބޮލެވާޑު ކައިރިންނާއި އެކުވެނި ޓްރެކް ކައިރިން ދެ ތަނަކާއި ހ. ސަމޯސާވިލާ ގޭގެ ބިމުން ބަޔަކާއި ދަރުބާރުގެ ކައިރިން ބައެކެވެ.

މިނީ ބަހުގެ ހިދުމަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.